ފާއިތުވި މާރިޗު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 15 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ މާރިޗު މަހު ދިވެހިރާއްޖެއަށް 3.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މާރިޗު މަހު މި ޢަދަދުވަނީ 3.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.
މީގެއިތުރުން، ފާއިތުވި މާރިޗު މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 21 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ މާރިޗު މަހު 264 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާރިޗު މަހު މި ޢަދަދުވަނީ 319 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން ، ޔޫ.އޭ.އީ އަދި އިންޑިއާ އެވެ. އޮމާން އިން 637 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޔޫ.އޭ.އީ އިން 628 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން އިންޑިއާ އިން 543 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.