- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް
ސަލާމްލެއްވި މޫސާގެފާނަކީ، ކީރިތި ޤުރްއާނުގައި ނަންގަނެވިގެންވާ ފަންސަވީސް ނަބީބޭކަލުންގެ ތެރެއިން ޚާއްޞަ މަޤާމެއް ޙާޞިލު ކުރައްވައިފައިވާ ނަބީބޭކަލެކެވެ. އެކަލޭގެފާނަކީ އެއްވެސް މެދުވެރިއެއްނެތި، އަރަހުށި މާތްﷲ ބަސް ވަޙީ ކުރެއްވި ރަސޫލުބޭކަލެކެވެ. އެހެންކަމުން އެކަލޭގެފާނުގެ ނަންފުޅު کلیم اللّـه ގެ ލަޤަބުފުޅުން މަޝްހޫރުވެވަޑައިގެންފައިވެއެވެ.
ނަބީބޭކަލުންގެ ވާހަކަތަކުގެ ތެރެއިން، ކީރިތި ޤުރްއާނުގައި އެންމެ ތަފްޞީލުކޮށް ބަޔާންކުރައްވައިފައިވާ، ނަބީބޭކަލަކީ، މޫސާގެފާނެވެ. އެކަލޭގެފާނު ރައްކައުވުމުގެ ވާހަކަތަކާއި ތުއްޕުޅުއިރުގެ ވާހަކަތައް ބަޔާން ކުރައްވަމުން މާތްﷲ އެކަލޭގެފާނުގެ މައިކަނބަލުންގެ ވާހަކަވެސް ޤުރްއާނުގައި ބަޔާން ކުރައްވައިފައިއެވެ.
ފިރުޢައުނުގެ ހުވަފެން:
މޫސާގެފާނު ދުނިޔެއަށް ވަޑައިގެންނެވި ދުވަސްވަރު މިޞްރުގައި ރެނދަލިކޮށްގެން ހުރީ ވަރަށް ނުބައިނުލަފާ ޖައްބާރު ފިރުޢައުނެކެވެ. ފިރުޢައުނަކީ މިޞްރުގެ ރަސްކަމުގައި ރެނދަލި ކުރާ ކާފިރު ރަސްރަސްކަލުންނަށް ދީފައިވާ ލަޤަބެކެވެ. އެއީ ވަކިން ޚާއްޞަ ރަސްކަލަކަށް ކިޔޭ ނަމެއް ނޫނެވެ.
އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. [ފިރުޢައުނަށް އެއްރެއަކު ވަރަށް ބިރުވެރި ހުވަފެނެއް ފެނުނެވެ. ބައިތުލް މަޤްދިސާ ދިމާއިން އަލިފާންގަނޑެއް ރޯވެގެން އައިސް މިޞްރުގެ ޤިބްތީންގެ ގެތައް އެއްކޮށް އަންދާ އަޅިޔަށް ހަދާލާ ތަނެވެ. ނަމަވެސް އެ އަލިފާންގަނޑުގެ އެއްވެސް އަސަރެއް ބަނީ އިސްރާއީލުބާގައިގެ އެއްވެސް މީހަކަށް ނުކުރެއެވެ. އެ އަލިފާންގަނޑުގެ ސަބަބުން އެބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ދެން ފިރުޢައުނުގެ ހުވަފެން ތަޢުބީރުކުރާ މީހުން ގެނެސްގެން އެ ހުވަފެނުގެ ތަޢުބީރު ބެލިއެވެ. ހުވަފެނުގެ ތަޢުބީރެއްކަމުގައިވީ، ބަނީ އިސްރާއީލުބާގައިގެ ތެރެއިން މީހަކު ފާޅުވެ، އޭނާއަތްޕުޅުން މިޞްރުގެ ރަސްކަން ވައްޓާލާނެކަމެވެ.
އިތުރު އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. ފިރުޢައުނުގެ އައުވާނުގެ ތެރެއިން މީހަކު، އޭނާ އަށް ޚަބަރު ކުރިއެވެ. ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ތިބެނީ އެބައިމީހުންގެ ތެރެއިން މީހަކު ފާޅުވެ، އެބައިމީހުންނަށް މިނިވަން ދައުލަތެއް ޤާއިމުކޮށްދޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ކޮންމެއަކަސް މިދެންނެވި ކަންތައްތަކާއި ޚަބަރުތަކުގެ ސަބަބުން ފިރުޢައުނު ވަރަށް ބޮޑަށް ހާސްވެކަންބޮޑުވެއްޖެއެވެ. އޭނާގެ ރަސްކަން އެހެން މީހަކު ފިރުކައިގެންފާނެ ކަމަށް ވަރަށް ބޮޑަށް ބިރުގަނެއްޖެއެވެ. އެހެންކަމުން ބަނީ އިސްރާއީލުބާގައިގެ ތެރެއަށް އަލަށް އުފަންވާ ހުރިހާ ފިރިހެންކުދިން މެރުމަށް އޭނާ ފަތްތޫރަ ހިންގިއެވެ. މި އަމުރުގައި އަންހެންކުދިން އިސްތިސްނާކޮށްފައިވެއެވެ. އަނިޔާވެރި ޖައްބާރު ފިރުޢައުނުވަނީ ބަނީ އިސްރާއީލުބާގައިގެ މީސްތަކުންލައްވައި، ގަދަފަދަ މަސައްކަތްތަކާއި، އެންމެ ދަށުދަރަޖައިގެ ހަޑި މަސައްކަތްތަށް ކުރަން ހަމަޖައްސާފައެވެ.
{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން، އެއްވަނަ ޖިލްދު، 224 އަދި 225 ވަނަ ޞަފްޙާ}
މިދެންނެވި ވާހަކައަށް އިޝާރާތް ކުރައްވައި ޤަޞަޞު ސޫރަތުގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވަނީ މިދަންވާ ފަދައިންނެވެ.
إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَائِفَةً مِّنْهُمْ يُذَبِّحُ أَبْنَاءَهُمْ وَيَسْتَحْيِي نِسَاءَهُمْ ۚ إِنَّهُ كَانَ مِنَ الْمُفْسِدِينَ ﴿٤﴾
މާނައީ: [ހަމަކަށަވަރުން، فرعون، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ أهل ވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން قتل ކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، فساد ކުރާ މީހުންގެ ތެރެއިންވީ މީހެކެވެ.]
ފިރުޢައުނާއި، އޭނާއަށް ތަބާވީ މީސްތަކުން، ބަނީ އިސްރާއީލުންގެ މީސްތަކުން ލައްވައި، ކުރުވާ ބުރަ މަސައްކަތްތަކުގެ ތެރޭގައި، ދަނޑު ހެއްދުމަށް ފަސްގަނޑުޖެހުމާއި، ދަނޑުގޮވާންކުރުމާއި، ބިނާތައް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މިފަދަ މަސައްކަތްތައް ނުކުރާ މީހުންގެ އަތުން ޓެކްސް ނަގައެވެ. އަދި އިރު އޮއްސުމުގެ ކުރީން، ޓެކްސް އަދާ ނުކޮށްފިނަމަ، އެމީހެއްގެ ދެ އަތް ކަރާއެއްކޮށް ހިލިހިލާ ޖަހައެވެ.
{ކީރިތި ޤުރްއާނުގެ ތަފްސީރު ޑރ. ޢަބްދުއް ސައްތާރު ޢަބްދުއް ރަޙްމާން، ދަރުމަ މަޖައްލާ އޭޕްރީލް 2007}
ނަމަވެސް މާތްﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމެއްގެ އެންމެހައި ސަބަބުތައް ފަހި ކުރައްވައެއެވެ. އިންސާނުން ކިތަންމެ ތަދުބީރެއް ކުރި ނަމަވެސް، މާތްﷲ ގެ ތަޤުދީރުފުޅުގެ ކުރިމަތީގައި ތަދުބީރު ޖެހެނީ އިސްޖަހާށެވެ. މާތްﷲ އިރާދަކުރައްވައިފައިވަނީ، ބިމުގައި ނިކަމެތި ކުރެވުމުން ދިޔަ ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް ނިޢުމަތް ދެއްވުމަށެވެ. އެބައިމީހުންނަށް އޯގާވެރިވެވޮޑިގަތުމަށެވެ. ބޮޑާވެ ކިބުރުވެރިވެ، އަނިޔާވެރިވަމުން ގެންދިޔަ ފިރުއަޢުނުގެ ބާރު މުލުން ލުހެލެއްވުމަށެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް ޢިބްރަތަކަށް އެކަން ލެއްވުމަށް ޓަކައެވެ. މިކަމަށް އިޝާރާތް ކުރައްވައި ޤަޞަޞު ސޫރަތުގެ 5 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
وَنُرِيدُ أَن نَّمُنَّ عَلَى الَّذِينَ اسْتُضْعِفُوا فِي الْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ الْوَارِثِينَ﴿٥﴾
މާނައީ: "އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް نعمة ދެއްވުމަށެވެ. އަދި އެއުރެންނީ (އެހެންމީހުންނަށް މަގުދައްކާ) إمام ން ކަމުގައި ލެއްވުމަށެވެ. އަދި (فرعون ގެ ވެރިކަން) ވާރުތަވަނިވި މީހުން ކަމުގައި އެއުރެން ލެއްވުމަށެވެ."
މޫސާގެފާނު ރައްކައުވުން
އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ. [ފިރުޢައުނުގެ އަމުރާ އެއްގޮތަށް ބަނީ އިސްރާއީލުބާގައިގެ ވަރަށް ގިނަ ކުޑަކުދިން މަރަމުން ގެންދިޔައެވެ. އޭގެ ސަބަބުން ބަނީ އިސްރާއީލުބާގައިގެ މީސްތަކުން މަދުވެ، އެބައިމީހުން ކުރަމުން ގެންދިޔަ ބުރަ މަސައްކަތްތައް ޤިބްތީންގެ މީހުން ކުރަން ޖެހިދާނެ ކަމުގެ ބިރު ޤިބްތީންގެ ހިތްތަކަށް ހީވާން ފެށިއެވެ. ދެން އެބައިމީހުން އެކަމާ މަޝްވަރާ ކުރުމަށްފަހު ފިރުޢައުނުގެ ހިރިޔާފާތުރާގެ ދަށަށް އެ މައްސަލަ ހުށައެޅިއެވެ. އެބައިމީހުން ބުންޏެވެ.
[މިކަން މިގޮތަށް ހިނގަނީނަމަ، އެބައިމީހުންގެ ބޮޑެތި ފިރިހެނުން މަރުވެނެތިގޮސް، އެބައިމީހުން ކުރަމުން ގެންދާ މަސައްކަތް އަޅުގަނޑުމެންނަށް ކުރަން ޖެހިދާނެއެވެ. އެބައިމީހުންގެ އަންހެނުންގައި ފިރިހެނުން ކުރާ ފަދަ ބުރަ މަސައްކަތް ކުރުމުގެ ބާރެއް ނުހުންނާނެއެވެ.]
މިބައިމީހުންގެ މިވާހަކަތައް އަޑުއަހައި، ދެއަހަރުން އެއް އަހަރު ބަނީ އިސްރާއީލުބާގައިގެ ފިރިހެން ކުދިން މެރުމަށް ފިރުޢައުނު އަމުރު ކުރިއެވެ. هارون عليه السّلام އުފަންވެވަޑައިގަތީ، ކުދިން ނުމަރައި ދޫކުރުމަށް އަންގާފައިވާ އަހަރެއްގައެވެ. موسى عليه السّلام އުފަންވެވަޑައިގަތީ ކުދިން މެރުމަށް އަމުރު ނެރެފައިވާ އަހަރުގައެވެ. މާބަނޑު އަންހެނުންގެ ކަންތައްތައް ބެލެހެއްޓުމަށް ފިރުޢައުނުވަނީ ޚާއްޞަ ފޫޅުމައިގެން ޓީމެއް ހަމަޖައްސާފައެވެ. އެބައިމީހުން ގޭގެއަށް ގޮސް މާބަނޑު އަންހެނުންގެ ނަންތައް ދަފްތަރެއްގައި ލިޔެ ލިސްޓު ކުރަމުން ގެންދެއެވެ. އަންހެނަކު ވިހަންވުމުން، ޤިބްތީންގެ ފޫޅުމައިން އައިސް އެ އަންހެން މީހާ ވިއްސައެވެ. ވިހެއީ އަންހެން ކުއްޖެއްނަމަ އެ ކުއްޖަކު ދޫކޮށްލައެވެ. ފިރިހެން ކުއްޖެއްނަމަ، އެ ކުއްޖަކު އެބައިމީހުންގެ ތޫނު ޚަންޖަރު ތަކުގެ ޝިކާރައަކަށްވެގެން ދެއެވެ.