ޢަޒީޒުގެ އަނބިކަނބަލުންގެ ވާހަކަ 3: ޔޫސުފްގެފާނު ޖަލަށް ލެވުމާ މިނިވަންވެވަޑައިގަތުމާ އެކަމަނާ ކުށަށް އިޢްތިރާފްވުން-

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 19ސ
ޢަޒީޒުގެ އަނބިކަނބަލުންގެ ވާހަކަ 3: ޔޫސުފްގެފާނު ޖަލަށް ލެވުމާ މިނިވަންވެވަޑައިގަތުމާ އެކަމަނާ ކުށަށް އިޢްތިރާފްވުން-

ޔޫސުފްގެފާނު ޖަލަށް: 

ثُمَّ بَدَا لَهُم مِّن بَعْدِ مَا رَأَوُا الْآيَاتِ لَيَسْجُنُنَّهُ حَتَّىٰ حِينٍ ﴿٣٥

މާނައީ: [ދެން (އެކަލޭގެފާނު ބަރީއަވެގެންވާކަމުގެ) دليل ތައް އެއުރެންނަށް ފެނިދިއުމަށްފަހުވެސް، ހަމަކަށަވަރުން، އެކަލޭގެފާނު ދުވަސްކޮޅަކަށް ޖަލުގައި ހައްޔަރުކުރުމަށް އެއުރެންނަށް ފެނުނެވެ.] 

މިޞްރުގެ ޢަޒީޒުގެ އަނބިކަނބަލުންނަކީ، ޙަސަބާއި ނަސަބުގެ ގޮތުން އަރާ އިންނެވި ބޭކަނބަލެކެވެ. ވަރަށް ރީތިފުޅު ބޭކަނބަލެއްވެސްމެއެވެ. ނަމަވެސް ޔޫސުފުގެފާނު އެކަމަނާގެ އެދުމަށް އިންކާރު ކުރެއްވިއެވެ. ރީތިކަމާއި، ޙަސަބާއި ނަސަބުގެ ގޮތުން އަރާއިން އަންހެނަކު ފާޙިޝްކަމަކަށް ގޮވައިލުމުން އިންކާރު ކުރާ މީހާއަށް ޤިޔާމަތް ދުވަހުގައި، ޢަރުޝިގެ ހިޔާވަހިކަން ލިބޭނެކަމަށް ޙަދީޘްގައި ވާރިދުވެގެން އައިސްފައިވެއެވެ.

ޔޫސުފުގެފާނު ޖަލުގައި ދުވަސްތައް ހޭދަކުރައްވަމުން ގެންދަވަނިކޮށް އެއްފަހަރަކު މިޞްރުގެ ރަސްގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. އޭނާއަށް ފެނުނީ ހިކިހަތް ގެރި އައިސް ފަލަ ހަތްގެރި ކަނިކޮށެވެ. މިހުވަފެންފުޅު ފެނިވަޑައިގަތުމުން ރަސްގެފާނު ވަރަށް ޢަޖާއިބު ވެއްޖެއެވެ. އޭގެ ތަޢުބީރާމެދު އެކަމުގެ މާހިރުންނާ ސުވާލު ކުރުމުން އެބައިމީހުންގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިވަޑައެއް ނުގެންނެވިއެވެ. އެބައިމީހުން ބުނިހާވެސް ބަހަކީ އެއީ ހުސް ހާސަރުތަކެއް ކަމަށެވެ. އޭގެ އެއްވެސް މާނައެއް ނެތްކަމަށެވެ.  މިވާހަކަތައް ޔޫސުފު ސޫރަތުގެ 43 އަދި 44 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ. 

وَقَالَ الْمَلِكُ إِنِّي أَرَىٰ سَبْعَ بَقَرَاتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنبُلَاتٍ خُضْرٍ وَأُخَرَ يَابِسَاتٍ ۖ يَا أَيُّهَا الْمَلَأُ أَفْتُونِي فِي رُؤْيَايَ إِن كُنتُمْ لِلرُّؤْيَا تَعْبُرُونَ ﴿٤٣ قَالُوا أَضْغَاثُ أَحْلَامٍ ۖ وَمَا نَحْنُ بِتَأْوِيلِ الْأَحْلَامِ بِعَالِمِينَ ﴿٤٤ 

މާނައީ: "ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަށް (ހުވަފެނުގައި) ފަލަ ހަތް ގެރި ފެނެއެވެ. (ފެންނަނީ) ހިކި ހަތް ގެރި، އެ ގެރިތައް ކަނިކޮންނެވެ. އަދި ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާ ފެނެއެވެ. އޭ ބޮޑުންނޭވެ! ތިޔަބައިމީހުން ހުވަފެނުގެ މާނަ ކިޔައިދޭ ބަޔަކު ކަމުގައިވާނަމަ، އަހުރެންގެ މި ހުވަފެނާ މެދުގައި، އަހުރެންނަށް އޮޅުންފިލުވައިދޭށެވެ! އެއުރެން ދެންނެވޫއެވެ. (ތިޔައީ) ހުވަފެނުގެ ހާސަރެކެވެ. އަދި (އެކަހަލަ) ހުވަފެން މާނަކުރަން ދަންނަ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ." 

ހުވަފެން ތަޢުބީރު ކުރާމީހުންގެ ޖަވާބާމެދު ރަސްގެފާނު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އުޅުއްވާތަން، ރަސްގެފާނަށް ރާފޮދު އަރުވާ މީހާއަށް، އެނގުމުން އޭނާ އަށް ކުއްލިއަކަށް يوسف عليه السّلام، ގެ މަތިން ހަނދުމަވިއެވެ. އަދި އެބައިމީހުންނާ ދިމާއަށް އޭނާ ބުންޏެވެ. 

[އެ ހުވަފެނުގެ މާނަ ތިޔަބައިމީހުންނަށް ތިމަން ކިޔައިދީފާހުށީމެވެ. ފަހެ، ތިޔަބައިމީހުން (يوسف ގެފާނުގެ އަރިހަށް) ތިމަން ފޮނުވާށެވެ!] {ޔޫސުފު 45} 

ދެން އޭނާ يوسف عليه السّلام، ގެ އަރިހަށްގޮސް ރަސްގެފާނަށް ފެނިވަޑައިގެން ހުވަފެނުގެ ތަފުޞީލު އެކަލޭގެފާނަށް  ބަޔާންކޮށް ދެއްވިއެވެ. އޭނާ ދެންނެވިއެވެ. 

[(އޭނާ ދެންނެވިއެވެ.) އޭ يوسف ގެފާނެވެ! އޭ ތެދުވެރިޔާއެވެ! ހިކި ހަތް ގެރި (ވެގެން) ކާ، ފަލަ ހަތް ގެރިއާއި، ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާއާމެދު (އެބަހީ: އެ ހުވަފެނާމެދު) އަހުރެމެންނަށް އޮޅުންފިލުއްވައި ދެއްވާށެވެ! (އެއީ) ތިމަން އެއުރެން ގާތަށް އެނބުރިގޮސް ކިޔައިދިނުމަށްޓަކައެވެ. (އެއީ) އެއުރެންނަށް (އެކަން) އެނގުމަށްޓަކައެވެ.] {ޔޫސުފު 47} 

يوسف عليه السّلام، މިހުވަފެނުގެ ވާހަކަ އަޑު އައްސަވައި ނުހަނު އަވަސް ފުރުޞަތެއްގައި، އެ ހުވަފެނުގެ ތަޢުބީރު ބަޔާންކޮށް ދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 

[ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ގޮވާންކުރާ ހުށިކަމެވެ! އަދި ތިޔަބައިމީހުން ކަނޑާ ގޮވާމެއް، ކުރާގަނޑުގައި ބަހައްޓާށެވެ! ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅެއް މެނުވީއެވެ. ދެން އެއަށްފަހު، ތަދުމަޑު ހަތް އަހަރު އަންނާނެތެވެ. ތިޔަބައިމީހުން ރައްކާކުރި ތަކެތިން މަދުއެތިކޮޅެއް މެނުވީ، އެ އަހަރުތަކަށް ބަހައްޓާފައިހުރި ތަކެތި ތިޔަބައިމީހުން ކައިހުސްކުރާނޫއެވެ. ދެން އެއަށްފަހު، މީސްތަކުންނަށް ވާރޭފެން ގިނައިން ލިބޭނޭ އަހަރެއް އަންނާނެތެވެ. އަދި އެ އަހަރުގައި އެއުރެން (ދިޔަފެލާ ތަކެތިން) ދިޔަފެލާނެތެވެ.] {ޔޫސުފު 48 އަދި 49} 

ދެން، ރަސްގެފާނަށް ރާފޮދު އަރުވާ މީހާގޮސް ރަސްގެފާނުގެ ދަރުބާރުގައި يوسف عليه السّلام، ހުވަފެން ތަޢުބީރުކޮށް ދެއްވި ގޮތްދެންނެވިއެވެ. ދެން ރަސްގެފާނު ވަގުތުން މީހަކަށް އަމުރުކުރެއްވީ يوسف عليه السّلام، އޭނާގެ އަރިހަށް ޖަލުން މިނިވަންކޮށްގެން ގެނައުމަށެވެ. ނަމަވެސް يوسف عليه السّلام، ރަސްގެފާނު ފޮނުވި މީހާއަށް ދެންނެވީ އެކަލޭގެފާނު ޖަލުން ނުކުމެވަޑައިވަޑައިގަންވާނީ އެކަލޭގެފާނުގެ އެއްވެސް ކުށެއްނެތި ޖަލަށް ލެވުނު މައްސަލަ ބަލައި ތަޙްޤީޤު ކުރުމުން ކަމުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

[ތިބާގެ ސާހިބުމީހާގެ ގާތަށް ތިބާ އެނބުރި ހިނގައިދާށެވެ! ފަހެ، އެއުރެންގެ އަތްތައް ކޮށައިލި އަންހެނުންތަކަށް ވީގޮތަކާމެދު، އޭނާއާ ސުވާލުކޮށްބަލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން މޮޅަށް ދެނެވޮޑިގެންވެތެވެ.] {ޔޫސުފު 50} 

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ޙަދީޘްފުޅު ކުރައްވައިފައިވެއެވެ. 

[ لَوْ لَبِثْتُ فِي السِّجْنِ مَا لَبِثَ يُوسُفُ، ثُمَّ أَتَانِي الدَّاعِي لأَجَبْتُهُ ]‏‏ {صحيح البخاري، كتاب التعبير، ޙަދީޘް ނަންބަރު 6992} 

މާނައީ: [ ޔޫސުފުގެފާނު ޖަލުގައި، ހޭދަކުރެއްވި މުއްދަތުގައި ތިމަންކަލޭގެފާނު ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވިނަމަ، ޖަލުން ނިކުންނެވުމަށް އެންގެވުމަށް އައި މީހާ އައުމާއެކު ތިމަންކަލޭގެފާނު އޭނާއަށް އިޖާބަ ދެއްވައި ޖަލުން ނިކުންނެވީމުހެވެ.] 

ރަސްގެފާނު ވަގުތުން އެމައްސަލައިގެ ތަޙްޤީޤު ފެއްޓެވިއެވެ. އަދި މިޞްރުގެ އަންހެން ބޭކަނބަލުންނާއި ޢަޒީޒުގެ އަނބިކަނބަލުން ގެންނަވައި ޔޫސުފުގެފާނުގެ އިސްތަށިފުޅުގައި އެޅުވިގެންދިޔަ ދޮގު ތުހުމަތުތަކާ ބެހޭ ގޮތުން ސުވާލު ކުރެއްވިއެވެ. 

[ތިޔަކަނބަލުން يوسف ގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނުހިނދު، ކަންވީގޮތަކީ ކޮބައިހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. حاش للَّه އެވެ! (اللَّه ގެ ހުސްطاهر ވަންތަކަމާއެވެ!) އެކަލޭގެފާނުގެ ކިބައިގައި އެއްވެސް ނުބައިކަމެއްވާ ކަމަކަށް ތިމަންމެން ދެނެއެއްނެތީމުއެވެ. العزيز ގެ އަންހެނުން ބުންޏެވެ. މިހާރު حق ތެދު ފާޅުވެއްޖެއެވެ. އެކަލޭގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނީ، ތިމަންނާއެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތެދުވެރިންގެ ތެރެއިންނެވެ.] {ޔޫސުފު 51} 

يوسف عليه السّلام، ގެ އެއްވެސް ކުށެއް ނެތްކަން ރަސްގެފާނަށް އެނގިވަޑައިގެން އަދި އެންމެހާ މީސްތަކުންގެ ދޫތަކުން އެކަލޭގެފާނުގެ އިއްފަތްތެރިކަމާއި ތެދުވެރިކަން ޘާބިތުވުމުން، ރަސްގެފާނުގެ ހިތްޕުޅުގައި، އެކަލޭގެފާނަށްޓަކައި ވަރަށް ޚާއްޞަ މަޤާމެއް ދެވިއްޖެއެވެ. ރަސްގެފާނުގެ ޚިދުމަތައްޓަކައި ޔޫސުފުގެފާނު ޚާއްޞަ ކުރެއްވިއެވެ. 

ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން