ދިވެހިރާއްޖޭގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ޕޮޕިޔުލޭޝަން ފަންޑް(ޔޫއެ.ން.އެފް.ޕީއޭ.) އާއި ވިލާކޮލެޖުއާއި ދެމެދު، އާބާދީ އާއި ގުޅޭ ދިރާސާ އާއި މަޝްވަރާ ކުރިއަރުވާ އެއްބާރުލުން ދިނުމުގެ ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.
މިފަހުމްނާމާގައި ވިލާކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ވިލާކޮލެޖްގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރުއެވެ. އަދި ޔޫއެ.ން.އެފް.ޕީއޭ. ގެ ފަރާތުން ސޮއިކުރެއްވީ، ހެޑް އޮފް އޮފީސް އަލްފާޟިލާ ޝާދިޔާ އިބްރާހީމްއެވެ.
10 އޭޕްރީލް 2022 ވީ އާދިއްތަދުވަހު ވިލާކޮލެޖްގައި ބޭއްވި މި ފަހުމްނާމާގެ މަގުސަދަކީ ޔޫއެ.ން.އެފް.ޕީއޭ. އާއި ވިލާކޮލެޖު ގުޅިގެން ރާއްޖޭގެ އާބާދީ އާއި ގުޅޭ އެކިއެކި މައްސަލަތައް ދިރާސާ މެދުވެރިކޮށް ހޯދައި އޭގެ އަލީ ގައި އެޅޭނެ ފިޔަވަޅުތައް ބަލައި އެކަންކަމަށް ހައްލުހޯދުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެޑްވޮކަސީގެ ކަންކަމުގައި އެއްބާރުލުންދިނުމެވެ.
މިފަހުމްނާމާގެ ދަށުން ދެފަރާތުން ގުޅިގެން ދިރާސާގެ އަލީގައި ހައްލުހޯދުމަށް މަޝްވަރާ ކުރެވޭ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ އާބާދީ ހިޖްރަކުރުމުގެ ސަބަބުން ނުކުންނަ މައްސަލަތަކާއި، ރާއްޖޭ އެތެރޭގެ ހިޖްރަކުރުންތަކާއި ރާއްޖޭން ބޭރަށް ހިޖްރަކުރުންހިމެނޭގޮތަށް ތަރައްގީގެ ފައިދާ ހަމަހަމަކޮށް ހުރިހާ ފަރާތްތަކަށް ހޯދޭނެ ގޮތްތައްހިމެނެއެވެ. އޭގެ އިތުރުންއަންހެނުން އިގްޞާދީގޮތުން ބާރުވެރިކުރުވުމާއި ގުޅޭގޮތުންނާއި ގައުމީ އޮނިގަޑުގެ ތެރެއިން މޫސުމީ ޤާބިލްކަން އިތުރުކުރުމަށް ޕޮލިސީ އަދި ސްޓްރެޓެޖިކް ޕްރޭމްވާރކްސް ތައްޔާރުކުރުންފަދަ މަސައްކަތްތައް ހިމެނެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ދެފަރާތުން މާލީ އަދި ފަންނީ އެހީ ހިއްސާކުރުމަށް މިފަހުމްނާމާގެ ދަށުން ވަނީ އެއްބަސްވެފައެވެ.