ޢަޒީޒުގެ ގަނޑުވަރުގައި ހިނގައި ދިޔަ ކަންތައްތަކުގެ ވާހަކަ ކޮންމެވެސް ގޮތަކުން އެ ގަނޑުވަރުން ބޭރުވެއްޖެއެވެ. މި ޚަބަރު މިޞްރުގައި ފަތުއަޑު ކިޔައިފައި، ފެތުރިގެންފިއެވެ. މިޞްރުގެ އަންހެނުންތައް ތަންތަނަށް ކޯޅިކޯޅިއަށް އެއްވެތިބެ މި ވާހަކަ ދައްކަން ފަށައިފިއެވެ. އެ އަންހެނުންތައް ބުނަމުން ގެންދިޔައެވެ.
[ޢަޒީޒުގެ އަންހެނުން، އެކަނބުލޭގެ އަޅުކުއްޖާގެ ކިބައިން ނުބައިކަންތަކަށް އެދެނީއެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ހިތްވަނީ، އެކުއްޖާގެ ލޯބިން ފުރިފައެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ވާކަމަށް ތިމަންމެންދެކެނީ ބަޔާންވެގެންވާ ފުރެދުމެއްގައެވެ.] {ޔޫސުފު 30}
ޢަޒީޒުގެ އަނބިކަނބަލުނަށް މިޞްރުގެ އަންހެނުންތައް އޭނާއާ ގުޅުވައިގެން ދައްކަމުން ގެންދިޔަ ވާހަކަތައް އެނގުމުން އެކަމާ ވަރަށް ހިތް ހަމަނުޖެހުނެވެ. ވަރަށް ރުޅިއަތުވެއްޖެއެވެ. ދެން އޭނާ ބޭނުންވީ އެބައިމީހުންނަށް يوسف عليه السّلام، ދައްކައިލުމަށެވެ. އެކަލޭގެފާނުގެ ރީތިފުޅުކަން ފެނި އެފަދަ ކަމެއް އެއީ ހިނގުން އެކަށީގެންވާ ކަމެއްކަން ޘާބިތުކޮށްދެއްވުމަށެވެ. މި ވާހަކަ ޔޫސުފު ސޫރަތުގެ 31 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.
فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَأً وَآتَتْ كُلَّ وَاحِدَةٍ مِّنْهُنَّ سِكِّينًا وَقَالَتِ اخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُ أَكْبَرْنَهُ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَاشَ لِلَّـهِ مَا هَـٰذَا بَشَرًا إِنْ هَـٰذَا إِلَّا مَلَكٌ كَرِيمٌ ﴿٣١﴾
މާނައީ: "ފަހެ، އެ އަންހެނުން ދެއްކި (މަލާމާތުގެ) މަކަރުވެރި ވާހަކަ އެކަނބުލޭގެއަށް އިވުމުން، އެއުރެން ބަލައިފޮނުވިއެވެ. އަދި ލެނގިގެންތިބޭނެ ތަނެއް ތައްޔާރުކުރިއެވެ. އަދި އެއިންކޮންމެ މީހަކަށް ފިޔޮއްސެއް ދިނެވެ. އަދި يوسف ގެފާނަށް ދެންނެވިއެވެ. އެއުރެންގެ ތެރެޔަށް ނުކުމެވަޑައިގަންނަވާށެވެ! ދެން، އެ އަންހެނުން އެކަލޭގެފާނު ދުށްހިނދު، އެއުރެން އެކަލޭގެފާނުގެ ރީތިކަމާމެދު حيران ވޫއެވެ. އަދި އެއުރެން އަތްތައް ކޮށަމުން ދިޔައޫއެވެ. އަދި ބުނެފޫއެވެ. [حاش للَّه] އެވެ. (اللَّه ގެ ހުސްطاهر ވަންތަ ކަމާއެވެ!) މިއީއަކީ آدم ގެދަރިއެއްވާ ނޫނެވެ. މިއީ ހަމަކަށަވަރުން، މާތްވެގެންވާ ملائكة އަކު ކަމުގައި ނޫނީ ނުވެތެވެ."
ޔޫސުފުގެފާނުގެ ރީތިފުޅުކަމުގެ މަސްތުގައި ޖެހި، ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި މިޞްރުގެ އަންހެނުންތަކުގެ އަތްތައްކޮށިގެން ދިޔަތަން، ޢަޒީޒުގެ އަނބިކަނބަލުންނަށް ފެނިވަޑައިގަތުމުން އެކަމަނާ އެކަނބަލުންނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ.
[ތިޔަބައިމީހުން ތިމަންނާއަށް މަލާމާތްކޮށް ވާހަކަދެއްކީ، އޭނާއާ މެދުގައެވެ. ހަމަކަށަވަރުން، ތިމަން އޭނާގެ ކިބައިން ނުބައިކަންތަކަށް އެދުނީއެވެ. ފަހެ، އެހިނދު އޭނާ އެކަމުން ރައްކާތެރިވެގަތެވެ. އަދި ތިމަން އޭނާއަށް أمر ކުރާ ކަންތައް ނުކުޅަނަމަ، ޖަލުގައި އޭނާ ހައްޔަރު ކުރެވޭނެކަން ކަށަވަރެވެ. އަދި އޭނާ ވާހުށީ، ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.] {ޔޫސުފު 32}
އެނގިވަޑައިގަންނަވާނެ ފަދައިން، ޔޫސުފުގެފާނަކީ ޠާހިރު ނަބީބޭކަލުންގެ ތަކެއްގެ ސުލާލަތުން ވަޑައިގެން ހުންނެވި ބޭކަލެކެވެ. ޠާހިރު އުޅުއްވުމާ އަދަބު އަޚްލާޤާއި، އިއްފަތްތެރިކަމާއި، ތަޤުވާވެރިކަން އެކަލޭގެފާނަށް ލިބިވަޑައިގެންފައިވަނީ ވާރުތައިންނެވެ. ޢަޒީޒުގެ އަންހެނުންގެ ހިތްޕުޅުގެ މުރާދު އެނގިވަޑައިގެންނެވުމުން، ޔޫސުފުގެފާނު އަރަހުށި މާތްﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވިއެވެ.
[އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ ކުރުމަށް އެއުރެން އެ އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، ތިމަންއަޅާއަށް ލޮބުވެތިކަން މާބޮޑެވެ. އަދި އިބަރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، ތިމަންއަޅާ އެއުރެންނަށް ލެނބިގެން ހިނގައިދާނެތެވެ. އަދި جاهل ންގެ ތެރެއިން ތިމަންއަޅާ ވެދާނެތެވެ.]{ޔޫސުފު 33}
އަރަހުށި މާތްﷲ، يوسف عليه السّلام، ކުރެއްވި ދުޢާފުޅު ވަރަށް ފުރިހަމައަށް އިޖާބަކުރެއްވިއެވެ. އަދި އެބައިމީހުންގެ މަކަރުވެރި ރޭވުންތައްކުން ދުރުކުރެއްވިއެވެ. ޙަޤީޤަތުގައި ޔޫސުފުގެފާނަށް ޖަލުގައި ހުންނެވުމުގެ އަދަބު ލިބިވަޑައިގެންނެވީ އެކަލޭގެފާނުގެ އެއްވެސް ކުށެއް ބުށެއް ނެތިއެވެ. އެކަމުގެ ޞަރީޙަ ދަލީލުތައް ޚުދު އެބައިމީހުންނަވެސް ވަނީ ފެނިފައެވެ. މިދެންނެވި ވާހަކަ ޔޫސުފު ސޫރަތުގެ 35 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.
- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް