މިނިމަމް ވޭޖް ކަނޑައަޅައި އިއުލާންކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މިނިމަމް ވޭޖް ކަނޑައަޅައި އިއުލާންކޮށްފި

ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ މިނިމަމް ވޭޖް (އެންމެ ކުޑަ އުޖޫރަ) ކަނޑައަޅައިފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިމަމް ވޭޖް ކަނޑައަޅާ އިއުލާންކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް މިނިމަމް ވޭޖު ގޮތުގައި ކަނޑައަޅާފައި ވަނީ މަހަކު 4،500 ރުފިޔާއެވެ. ޕްރައިވެޓް ސެކްޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަކަށް މަހަކަށް 8،000 ރުފިޔާގެ މިނިމަމް ވޭޖެއް ކަނޑައަޅާފަވާއިރު ޕްރައިވެޓް ސެކްޓަރުގައި މެދު ފަންތީގެ ވިޔަފާރިތަކަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ މަހަކަށް 7000 ރުފިޔާއެވެ.

މިނިމަމް ވޭޖްގެ ބޯޑުން ލަފާ ދިން ގޮތަށް ބަލާއިރު އެންމެ ކުޑަ އުޖޫރައަކަށް ޕްރައިވެޓް ސެކްޓަރަށް ލަފާ ދިނީ ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރުފިޔާ އެވެ. އެއީ އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން މަހަކަށް 5،000 ރުފިޔާ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މިނިމަމް ވޭޖްގެ ސީދާ މަންފާ ވަޒީފާ އަދާކުރާ ފަރާތްތަކުގެ 40 ނުވަތަ 50 އިންސައްތަ މަސައްކަތްތެރިންނަށް ކުރާނެކަމަށެވެ. މިނިސްޓަރު ފައްޔާޒް ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުން މިނިމަމް ވޭޖާއެކު ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ދަށްކޮށްވެސް 12،000 ރުފިޔާ މުސާރައަށް ލިބޭނެކަމަށެވެ.

މިއަދު އޮންލައިން