ރަޝިއާއަށް ފައިސާ ފޮނުވުން ހުއްޓާލިކަމަށް ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ބީއެމްއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރަޝިއާއަށް ފައިސާ ފޮނުވުން ހުއްޓާލިކަމަށް ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ބީއެމްއެލް

ރަޝިއާއަށް ފައިސާ ފޮނުވުމާއި އެ ގައުމުން ފައިސާ ބަލައިގަތުމުގެ މުއާމަލާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި، މިކަމާ ގުޅުވައިގެން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރަޝިއާއާ ދެމެދު ހިންގާ ފައިސާގެ މުއާމަލާތްތަކަށް ބޭންކުން ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބޭންކުގެ ފަރާތުން ރަސްމީ އެއްވެސް މައުލޫމާތެއް ވަކި މީޑިއާއަކާ ހިއްސާކޮށްފައި ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރަޝިއާއާ ގުޅުންހުރި މުއާމަލާތްތައް ހުއްޓުވުމަށް ވަކި ހާއްސަ ސިޔާސަތެއް އެ ބޭންކުން ކަނޑައަޅާފައި ނުވާކަން ފާހަގަކުރަމުން ބީއެމްއެލްއިން ބުނީ، އެހެން ބޭންކުތަކެކޭ އެއްފަދައިން ބޭރު ފައިސާގެ މުއާމަލާތްތައް—ހާއްސަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް—ފުރިހަމަކުރުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށެވެ.

ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ، މިފަދަ މުއާމަލާތްތަކުގައި ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ކޮމްޕްލަޔަންސް އުސޫލުތަކާއި ފިޔަވަޅުތަކާ އެއްގޮތަށް ކަމަށެވެ. މީގެ ތެރޭގައި ފައިސާގެ މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި އެ މުއާމަލާތްތަކުގެ ހަގީގީ މަންފާ ލިބޭ ފަރާތްތައް ސްކްރީންކޮށް ބެލުން ހިމެނޭ ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން