ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ހަމައެކަނި "ރަސްމާލެ" މަޝްރޫޢުން ލިބޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން ބޭއްވި "އަހާ" ފޯރަމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އަހާ" ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު މުއްތަލިބު ވަނީ ރާއްޖޭގެ އިގްތިސާދީ މުސްތަގުބަލަށް ރަސްމާލެ މަޝްރޫޢު މުހިންމުވާ ސަބަބުތަކާއި، މާލެ ސަރަހައްދުގެ ފަޅުތައް މީގެކުރިން ދޫކޮށްފައިވާ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސް މައުމޫންގެ ވެރިކަމުގައި ފަޅުތަކާއި ރަށްތައް ދޫކުރަމުން އައީ ވަކި އަދަދަކަށް އެނދު ގާއިމުކުރަން މަޖުބޫރުވާ ގޮތަށް ކަމަށާއި، ނަމަވެސް ފަހުން އައި ސަރުކާރުތަކުގައި އެ އުސޫލު ބަދަލުވެ އިންވެސްޓަރުން ބޭނުންވާ ގޮތަކަށް ކަންކަން ހަމަޖެހިގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިކަމުގެ މިސާލެއްގެ ގޮތުން، މާލެ ސަރަހައްދުގައި އޮތް ބޮޑު ރައުސުލްމާލެއް ކަމަށްވާ އެނބޫދޫ ފަޅުގެ 700 ހެކްޓަރު ކުރީގެ ސަރުކާރުން އެންމެ 40 މިލިޔަން ޑޮލަރަށް ދޫކޮށްފައިވާކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ދައުލަތަށް އެކަށީގެންވާ މަންފާއެއް ލިބިފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ފަޅުތަކާއި ރަށްތައް ދޫކުރާއިރު އެއްފަހަރާ ލިބޭ ކުޑަ ފައިސާއަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުރު މުސްތަގުބަލުގައި އިގްތިސާދީގޮތުން އެންމެ ބޮޑު މަންފާއެއް ލިބޭނެ ގޮތްތަކަށް ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި ރަސްމާލެ މަޝްރޫޢުގެ ދަށުން 8,800 ޕްރޮޕަޓީ ގާއިމުކުރެވޭނެއެވެ. އަދި އޭގެ ސަބަބުން ގާތްގަނޑަކަށް 30,000 ގެސްޓް އެނދު އުފެދި، ދައުލަތަށް ލިބޭ ޓޫރިޒަމް އާމްދަނީ އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މުޅި ރާއްޖޭގެ 20,000 އަށްވުރެ ގިނަ ހެކްޓަރުގެ ފަޅާއި ރަށްތައް އެއްކޮށް ދޫކޮށްގެން ލިބެނީ ގާތްގަނޑަކަށް 5.4 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ކަމަށެވެ. މީގެތެރެއިން ޓީޖީއެސްޓީގެ ގޮތުގައި 700 މިލިޔަން ޑޮލަރު އަދި ލޭންޑް ރެންޓުގެ ގޮތުގައި 130 މިލިޔަން ޑޮލަރު ލިބޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް ހަމައެކަނި ރަސްމާލެއިން ޓޫރިޒަމް ރެވެނިއުގެ ގޮތުގައި 2 ބިލިޔަން ޑޮލަރު އަދި ޓީޖީއެސްޓީގެ ގޮތުގައި 340 މިލިޔަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މިއީ މުޅި ޓޫރިޒަމް ސެކްޓަރުން ލިބޭނެ ކަމަށް ލަފާކުރެވޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ކަމަށް ވަޒީރު މުއްތަލިބު ވިދާޅުވިއެވެ.