ތެދު މައުލޫމާތާއި ޚިޔާލު ފާޅުކުރުމަކީ އަބުރާ ބެހުމެއް ނޫން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 3މ
ތެދު މައުލޫމާތާއި ޚިޔާލު ފާޅުކުރުމަކީ އަބުރާ ބެހުމެއް ނޫން: ރައީސް

ތެދު މައުލޫމާތު ހާމަކުރުމާއި، ޙަޤީޤަތުގެ މައްޗަށް ބިނާކޮށް ޚިޔާލު ފާޅުކުރުމަކީ އަބުރާ ބެހުން ކަމުގައި ނުބެލެވޭނެ ކަމަށާއި، އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ޢަމަލީ ގޮތުން ތަންފީޒު ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަބުރު ރައްކާތެރިކުރުމުގެ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގައި އެކަކު އަނެކެއްގެ އަބުރަށް އަރައިގަތުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި ކޮންމެ އިންސާނެއްގެ ވެސް ޢިއްޒަތާއި އަބުރެއް އޮންނާނެ ކަމަށާއި، ދޮގު ވާހަކަ ފަތުރައިގެން އެހެން މީހުންގެ އަބުރު ކެނޑުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަޖިލީހަށް ހުށަހެޅުނު ބިލުގެ މައިގަނޑު ބޭނުމަކީ، އަބުރާ ބެހުމުގެ ޢަމަލުތައް ދެނެގަންނާނެ މިންގަނޑުތައް އެކަށައަޅައި، އެއީ މަދަނީ ކުށެއްގެ ގޮތުގައި ބަލައިގެން ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.

"މަދަނީ މިންގަނޑުން ނަމާއި އަބުރަށް އަރައިގެންފި ހާލަތުގައި އަދަބު ދިނުމަށް މި ބިލް މިއޮތީ ހުށަހަޅާފަ." ރައީސް ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އަބުރާ ބެހުމުގެ ޢަމަލެއް ކަމަށް ބެލެވޭނީ ތިން ޝަރުޠެއް ފުރިހަމަވެގެންނެވެ. އެއީ ދެއްކި ވާހަކައަކީ ނުވަތަ ދިން މަޢުލޫމާތަކީ ދޮގަކަށްވުމާއި، އެ މަޢުލޫމާތެއް އާންމުކޮށް ޝާއިޢުކޮށްފައިވުމާއި، އަދި އެއީ ވަކި ފަރާތަކަށް ނިސްބަތްވާ އެއްޗަކަށް ވުމެވެ. ނަމަވެސް، މީހަކާ މެދު ދައްކާ ވާހަކައަކީ ޙަޤީޤަތެއް ކަމުގައިވާނަމަ، ނުވަތަ ތެދު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ފާޅުކުރާ ޚިޔާލަކަށްވާނަމަ، އެއީ އަބުރާ ބެހުން ކަމަކަށް ނުބެލެވޭނެއެވެ.

މީގެއިތުރުން، އެކަށީގެންވާ ފަރުވާލެއް ނެތި ނުވަތަ ގަސްދުގައި ވަކި މީހަކާމެދު ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން، މުޖުތަމަޢުގައި އެމީހެއްގެ ޤަދަރާއި ޢިއްޒަތް ވެއްޓި، ނަފްރަތު އުފެދި، ނުވަތަ ބާކީވާ ހާލަތްތަކުގައި އެއީ އަބުރާ ބެހުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަބުރާ ބެހުމުގެ ވަސީލަތްތަކުގެ ތެރޭގައި ދައްކާ ވާހަކައާއި، ލިޔުމާއި، ކުރެހުމާއި، ފޮޓޯގެ އިތުރުން ޓީވީ، ރޭޑިއޯ، އިންޓަނެޓް، ފިލްމު، ޑްރާމާ އަދި އިޝާރާތާއި ހަރަކާތްތައް ވެސް ހިމެނެއެވެ. މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅައި އަދަބު ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބިލުގައިވާ ގޮތުން އަބުރާ ބެހުމުގެ މައްސަލަތަކުގައި ކޯޓަށް ދިއުމުގެ ކުރިން، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އޮފީސްތަކުގެ މައްޗަށް މި ބިލުގެ ދަށުން އަބުރާ ބެހުމުގެ ދަޢުވާއެއް ނުކުރެވޭނެއެވެ.

ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ މިންގަނޑުތަކަށް ބަލާއިރު، މި ބިލުގައި ކަނޑައަޅާފައިވަނީ މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ބޮޑުވެގެން 500،000 (ފަސްލައްކަ) ރުފިޔާއެވެ. އަދި މަޢުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި 50،000 (ފަންސާސް ހާސް) ރުފިޔާއާއި 500،000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދެއް ނަގައިދެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިއަދު އޮންލައިން