ދިވެހި މުސްލިމުންނަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތައް ރައީސް ފާހަގަކުރައްވާފައި ނެތުމުން ގިނަ ބައަކު ކަންބޮޑުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 17ސ
ދިވެހި މުސްލިމުންނަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތައް ރައީސް ފާހަގަކުރައްވާފައި ނެތުމުން ގިނަ ބައަކު ކަންބޮޑުވޭ!

ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ޚިޠާބުގައި ރާއްޖޭގައި މިހާރު އިސްލާމް ދީނަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް ފާހަގަކުރައްވައި ކަންބޮޑުވުން ފައުޅުކުރައްވާފައި ނެތުމުން ގިނަ ބައަކު ކަންބޮޑުވެއެވެ. 

"ރާއްޖެއަކީ ޒަމާނުންސުރެ މިސްކިތްތަކަށް ޙުރުމަތްތެރިކޮށް ހިތާތަނެއް. މިސްކިތުގެ ޙަރިންމަ ތެރެއަށް ކުޅުޖެހުންވެސް އެއީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި ދެކެމުން އަންނަ ބައެއް. އެހެންވެ ހުކުރު ޚުޠުބާތަކުގައި ވެސް ޙަރިންމަ ތެރެއަށް ކުޅު ނުޖަހަން މިހާރުވެސް ކިޔާނެ. 

އެކަމަކު މިއަދު މިސްކިތަށް އަރައި ކުޑަކަމުދަނީ. މަސްތުވެގެން ތިބެ އަރާމުކުރަން ތިބޭތަނަކަށް ހަދައިފި. އެފަދަ ކަންކަން ކުރާ މީހުންނަށް ފިޔަވަޅު ނާޅާތީ އެކަންކަން ތަކުރާރުކުރަމުން އެބަގެންދޭ! މިއީ މިސްކިތްތަކުގެ ޙުރުމަތް ކެނޑުމަށް ބައަކު ކުރުވާކަމެއްކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ. ދެން އެކަމަށް ސަރުކާރުން މަގުފަހިކޮށްދޭތަން މިފެންނަނީ." 

"ރާއްޖޭގައި ޤުރްއާނަށް ޢަމަލުކުރުން ކުޑަކުރަމުން އައިސް ކުރިން ޖަހަމުން އައި ޙައްދުތައްވެސް ޖަހާތަނެއް މިހާރަކު ނުފެނޭ. މަސްތުވުމަކީ ފާފައެއް ނޫންކަމަށާއި އެއީ ބައްޔެއްކަމަށް ހަދައި މުޅި ޜާއްޖެއަށް އެކަން ފަތުރައިފި." 

"އިސްލާމް ދީނާއި ބީރައްޓެހި އެތައް ކަމެއް ތަޢާރަފް އެބަކުރޭ. ތައުލީމީ މަންހަޖު އދ އިން ޞޭނުންވާ ގޮތަށް ބަދަލުކުރަނީ. ދަރިވަރުންނަށް ފޮތްތަކުގައި ކީރިތި ޤުރްއާން ނުވައިކޮށް ލިޔެގެން ދަރިންނަށް ކިޔަވައިދެނީ. ކީރިތި ޤުރްއާނުގެ ޢާޔަތްތައް ބުރިބުރިކޮށް ޕަޒްލް ހަދާފައި އެބަހުރި މަސައްކަތު ފޮތްތަކުގައި." 

"ސަރުކާރުގެ އެންމެ އިސްމަޤާމުތަކުގަ އެމްޑީއެން، އުތަމަފިކުރުގެ އިސްލާމް ދީނުގެ ޢަދާވާތްތެރިން. ކަންކަން ކުރަމުން އެގެންދަނީ ކުރާނެ ގޮތަކަށް." 

"ނަމަވެސް ރައީސްގެ ޚިޠާބުގައި މިއަދުވެސް ކަންބޮޑުވުން ފައުޅުކުރައްވާފައިވަނީ ކޮންމެވެސް ފިކުރަކަށް. އަޅުގަނޑުމެންވެސް މިކަންބޮޑުވަނީ ހަމަ އެއްކަމަކަށް. އެއީ އިސްލާމް ދީން ނިކަމެތިކުރަމުންގެންދާ ފިކުރު ބާރަށް ފެތުރޭތީ. އެކަމަށް ސަރުކާރުން ހިތްވަރުދޭތީ. ފައުޅުގަ ރާއްޖެއަށް އެހެން ދީންތައް ގެންނަން ވަކާލާތުކޮށް ކީރިތި ޤުރްއާން ނުބައިކޮށް މާނަކުރީމާ ވެސް ފިޔަވަޅެއް ނާޅާތީ." 

 

ރައީސްގެ ޚިތާބު

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބު

6 ނޮވެންބަރު 2021، 

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

اللهُ سُبْحَانَهُ وَتَعَالَىގެ އެއްކައުވަންތަކަމުގެ ޢަޤީދާއިން އަޅުގަނޑުމެންގެ ހިތްތައް އުޖާލާކޮށްދެއްވި ކަމަށްޓަކައި، އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަމެވެ. އަދި އެކަލާނގެ އެއްކައުވަންތަކަމުގެ ނޫރުން މީސްތަކުންގެ ހިތްތައް އާރާސްކުރެއްވުމަށްޓަކައި، ޢާލަމްތަކަށް ހުރި ރަޙްމަތެއް ކަމުގައި ފޮނުއްވެވި، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ (صَلَّى اللهُ عَلَيْهِ وَسَلَّمَ) އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަމެވެ. ދިވެހިންނަށް އިސްލާމްދީނުގެ ތެދުމަގު ލިބުމުގެ އުފާ ފާހަގަކުރަމުންދާ މި މަތިވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަމެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި، މި ޖަޒީރާތަކުގެ އަހުލުވެރިންނަށް މާތް ﷲ ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތަކީ، އެކަލާނގެ އެއްކައުވަންތަކަމުގެ ނޫރުން އަޅުގަނޑުމެންގެ ހިތްތައް އުޖާލާކުރެއްވެވުމެވެ. އަދި ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަމާއި އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުމުގެ އަސާސަކީ، އިސްލާމްދީނުގެ މަތިވެރި އަޚްލާޤީ ބިންގަލުގެ މަތީގައި އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރުމުގެ މަތިވެރި ނަސީބު މިންވަރު ކުރައްވާފައިވުމެވެ. އަޅުގަނޑުމެންގެ ކާބަފައިން މިޤައުމުގައި ޤާއިމުކޮށްދެއްވި ދިވެހި ޤައުމިއްޔަތު ބިނާކުރައްވާފައިވަނީވެސް، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައެވެ.

އެހެންކަމުން، އެކަލާނގެ ދެއްވާފައިވާ މި މަތިވެރި ނިޢުމަތަށްޓަކައި، ތާއަބަދު އަޅުގަނޑުމެން ޝުކުރުވެރިވާންޖެހެއެވެ. އެ މަތިވެރި ނިޢުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ، ދީނީ އަދި ޤައުމީ ވާޖިބެއްކަން ޔަޤީނެވެ. އެ މަތިވެރި ވާޖިބު އަދާކުރުމަށްޓަކައި، އަޅުގަނޑުމެންގެ ތުއްތު ދަރިންގެ ހިތްތަކުގައި، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ ފުރިހަމައަށް ސާބިތުކޮށްދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އިސްލާމްދީނުގެ ރިވެތި އަޚްލާޤުގެ މަތީގައި އެ ކުދިން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެން މި އުންމީދުކުރާ ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ ބިންގާކަން ޔަޤީނެވެ.

މިފަދަ މުހިންމު މުނާސަބަތެއް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ އިސްލާމީ ދިވެހި މުޖުތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި ޢަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި ފެތުރުމަށް، ބަޔަކު ކުރަމުންދާ މަސައްކަތެވެ. ނަތީޖާއަކަށްވަނީ، އެފަދަ ފިކުރުތައް ޤަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމުގެ ނިރުބަވެރި ޢަމަލުތައް ހިންގަން ފެށުމެވެ. މި ސަބަބަށްޓަކައި، އަޅުގަނޑުމެންގެ ޢިލްމުވެރިންނާއި މުދައްރިސުންވެސް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދެއްވުމަށް، ޚާއްޞަ ސަމާލުކަން ދެއްވަން ޖެހިވަޑައިގަންނަވައެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ވިސްނުން މިއަދު އަމާޒުކުރަންވީ އެންމެ މުހިންމު ކަމަކީ، ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ވަރުގަދަ ގުޅުމުން، މީސްތަކުންގެ ހިތްތައް ގުޅުވައިލަ ދިން، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ސާބިތުވެ ތިބުމަށެވެ. އަނެކުންގެ ފުރާނައާއި މުދަލާއި އަބުރަށް ޙުރްމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި، މި އުންމަތުގެ މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާ، އަޅުގަނޑުމެންގެ ޙަޔާތުގައި ޢަމަލީ ގޮތުން ތަންފީޒު ކުރުމަށެވެ. ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމުން އެއްކިބާވެ، މީސްތަކުންނަށް މަޢާފްކުރުމަށާއި ބަދަލު ނުހިފުމަށް، މި އުންމަތުގެ މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުޝާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށެވެ.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَىގެ އެއްކައުވަންތަކަމުގެ މަތިވެރި ޢަޤީދާ އަޅުގަނޑުމެންގެ ހިތްތަކުގައި ސާބިތުކުރައްވައި، މިރާއްޖެއަކީ، ސައްތަ އިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ތާއަބަދަށް ލެހެއްޓެވުމެވެ. އިސްލާމްދީނުގެ މަތިވެރި ރިސާލަތުން ލިބިދޭ ނަމޫނާތަކުން، އަޅުގަނޑުމެންގެ ދެ ދުނިޔެ އާރާސްތުކުރުމުގެ ހެޔޮ ނަސީބު މިންވަރު ކުރައްވައި، އިސްލާމީ އެއްބަނޑު އެއްބަފާކަމުގެ ވަރުގަދަ ގުޅުމުން، އަޅުގަނޑުމެންގެ ރާއްޖޭގައި ޞުލްޙަވެރިކަމާއި އަމާންކަމާއި ރައްކާތެރިކަން، ދެމެހެއްޓުމުގެ ހެޔޮ ތައުފީޤާއި މަދަދު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ. އާމީން.

މިއަދު އޮންލައިން