މަރްޔަމުގެފާނުގެ ސީރަތު 2 : މަރްޔަމުގެފާނު ރައްކައުވުން. ޝައިޠާނާ ބީހުމަކާނުލައި އުފަންވެވަޑައިގެންނެވީ މަރްޔަމުގެފާނާއި އެކަމަނާގެ ދަރިކަލުން

ކިޔުމަށް ހޭދަވާނީ 5މ 55ސ
މަރްޔަމުގެފާނުގެ ސީރަތު 2 : މަރްޔަމުގެފާނު ރައްކައުވުން. ޝައިޠާނާ ބީހުމަކާނުލައި އުފަންވެވަޑައިގެންނެވީ މަރްޔަމުގެފާނާއި އެކަމަނާގެ ދަރިކަލުން

ޢަލީ އިޙްސާން ފިރާޤު

 

މަރްޔަމުގެފާނު ރައްކައުވުން

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން މަރްޔަމުގެފާނުގެ ބަފައިކަލުން عِمْرَانُ އާއި  މައިކަނބަލުން حَنَّةُ އަކީ ނުހަނު ޞާލިޙު ތަޤުވާވެރި ދެބޭކަނބަލުންނެވެ. މާތްﷲ ހަނދުމަކުރައްވާ ޒިކުރުކުރައްވަމުންގެންދެވި ދެކަނބަލުންނެވެ. އޭގެ ދެކަނބަލުން ކާވެނީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވާތާ އެއްތައް ދުވަހެއް ވީއިރުވެސް އޭގެ ދެކަނބަލުންނަކަށް ބޭފުޅަޅު ލިބިވަޑައެއް ނުގަންނަވައެވެ. 

މުޙައްމަދު ބިން އިސްޙާޤު ވިދާޅުވެފައިވެއެވެ. حَنَّةُ އަކީ ދަރިމައިނުވާ ބޭކަނބަލެކެވެ. އެއްދުވަހަކު އެކަމަނާ ޅަދަރީންނަށް ކާންދޭ ދޫންޏެއް ދެކެވަޑައިގަތެވެ. އެމަންޒަރު ފެނިވަޑައިގެންނެވުމުން ތުއްޕުޅު ބޭފުޅަކަށް ޝައުޤުވެރިވުމުގެ ޝުޢޫރު އެކަމަނާގެ ހިތްޕުޅުގައި ހިނގައިގެންދިޔައެވެ. އަދި ދަރިކަލަކު ދެއްވުން އެދިވަޑައިގެން މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ. ދީލަތިވަންތަ މާތްﷲ އެކަމަނާގެ ދުޢާފުޅު އިޖާބަކުރެއްވިއެވެ. އެކަމަނާ އާލާސްވެއިންނަވައިފިއެވެ. އާލަސްވެއިންނެވުމުން އެކަމަނާގެ ބަނޑުގައިވާ ދަރިކަލުން ބައިތުލް މަޤްދިސްގައި ޚާލިސްވެ އަޅުކަން ކުރަން އިންނަވާ ގޮތުގައި ދޫކޮށްލެއްވުމަށް ނަދުރު ވިދާޅުވިއެވެ.{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 419-418}

އަރަހުށި މާތްﷲ އެކަމަނާގެ ދުޢާފުޅު ކީރިތި ޤުރްއާނުގެ އާލު ޢިމްރާނު ސޫރަތުގެ 35 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ. 

إِذْ قَالَتِ امْرَأَتُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿٣٥﴾ 

މާނައީ: [عمران ގެ އަނބިކަނބަލުން ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އަޅުގެ ބަނޑުގައި އޮތް ދަރި (بيت المقدس ގެ خدمة އަށްޓަކައި، އެހެން ހުރިހާކަމަކުން) މިނިވަންކޮށް، އިބަރަސްކަލާނގެ حضرة އަށް خالص ކުރުމަށް، ހަމަކަށަވަރުން، ނަދުރުގެންފީމެވެ. ފަހެ، އަޅުގެ ކިބައިން (އެކަން) قبول ކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ].

حَنَّةُ ނަދުރު ވިދާޅުވީ އެކަމަނާއަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފިނަމަ އެ ދަރިކަލުން ބައިތުލް މަޤްދިސްގެ ޚިދުމަތަށް ހުސްކޮށް ދޫކޮށްލެއްވުމަށެވެ. އެކަމަނާ އާލާސްވެއިންނަވައި އަދި ރައްކައުނުވަނީ ލޮބުވެތި ފިރިކަލުން ޢިމްރާނު އަވަހާރަވެއްޖެއެވެ. ފިރިކަލުންގެ ވަކިވެވަޑައިގެންނެވުން އެކަމަނާ ނުހަނު ކެތްތެރިކަމާއެކު ބަރުދާސްތުކުރެއްވިއެވެ. ކޮންމެއަކަސް حَنَّةُ ދުވަސްފުޅުފުރާ ފުރިހަމަވެ ރައްކައުވީ އަންހެން ބޭފުޅެކެވެ. އެކަމަނާ އެދިވަޑައިގެން އިންނެވި ފަދަ ފިރިހެން ބޭފުޅެއް ނޫނެވެ. އެވާހަކަ ކީރިތި ޤުރްއާނުގެ އާލުޢިމްރާނު ސޫރަތުގެ 36 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّي وَضَعْتُهَا أُنثَىٰ وَاللَّـهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ كَالْأُنثَىٰ ۖ وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ﴿٣٦﴾

މާނައީ: [ދެން، އެކަމަނާ، އެ ދަރިކަނބަލުންނާއިގެން ރައްކާވިހިނދު، ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އަޅު ވިހޭ ދަރިޔަކީ، އަންހެން ކުއްޖެކެވެ. އެކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން اللَّه ދެނެވޮޑިގެންވެތެވެ. (އެކަމަނާ ދެންނެވިއެވެ.) ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއްނޫނެވެ. އަދި، ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް مريم އޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ.] 

މިދެންނެވި އާލު ޢިމްރާނު ސޫރަތުގެ 36 ވަނަ އާޔަތުގައިވާ ބަސްފުޅުތައް އެކަމަނާ ވިދާޅުވީ ފިރިހެން ބޭފުޅަކަށް އުއްމީދު ކުރައްވައިގެން އިންނަވަނިކޮށް އަންހެން ބޭފުޅަކު ލިބިވަޑައިގެންނެވުމުންވެ. އެކަމުގެ ސަބަބުން ލިބިވަޑައިގެންނެވި މޮޅިވެރިކަމެއްގެ ސަބަބުން އެހެން ވިދާޅުވެވުނީއެވެ. އެހެނީ އަންހެން ކުދީންނަކީ އެގޮތައް ނަދުރުބުނެގެން މުޙައްރަރު ކުރެވޭ ބައެއްނޫނެވެ. ފިތުރީ ސަބަބުތަކާހުރެ މިސްކިތުގައި އަބަދާއި އަބަދު މަޑުނުކުރެވޭނެ ބައެއް ނޫނެވެ. 

ދެން އާޔަތުގައިވަނީ އެދަރިކަނބަލުންނަށް މަރްޔަމް އޭ ވިދާޅުވެ ނަންދެއްވި ވާހަކައެވެ. އެނަންފުޅު ދެއްވީވެސް ޚުދު حَنَّةُ އެވެ. އެދަރިކަނބަލުންނަށް މަރްޔަމް އޭ ވިދާޅުވެ ނަންދެއްވުމަށްފަހު حَنَّةُ ދެން އެދިވަޑައިގެންނެވީ އެދަރިކަނބަލުން ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކުރެއްމަށެވެ. އެކަމަށްޓަކައި އެދިވަޑައިގެން މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ. އެދުޢާގައި މަރްޔަމުގެފާނުގެ ދަރިފަސްކޮޅުވެސް ޝާމިލުކުރެއްވިއެވެ. އަރަހުށި މާތްﷲ، حَنَّةُ ގެ ދުޢާފުޅު ވަރަށް ފުރިހަމައަށް އިޖާބަކުރެއްވިއެވެ.

- ލިޔުނީ: ޢަލީ އިޙްސާން ފިރާޤު

މިއަދު އޮންލައިން