"އަޅުގަނޑުގެ ކަރުގަ ނިގޫއޮޅާލިއެވެ. ކައިލަންވެގެން އަނގަހުޅުވައިގެން އައެވެ!" ކައިނުލެވުނު ސަބަބު ކޮންމެހެންވެސް ކިޔާލާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
"އަޅުގަނޑުގެ ކަރުގަ ނިގޫއޮޅާލިއެވެ. ކައިލަންވެގެން އަނގަހުޅުވައިގެން އައެވެ!" ކައިނުލެވުނު ސަބަބު ކޮންމެހެންވެސް ކިޔާލާތި!

އަޅުގަނޑަކީ ވަރަށް ކުޑައިރުންސުރެ ނަމާދުކުރަމުން އައި ޒުވާނަކީމެވެ. ވީވަރަކުން މިސްކިތުގައި ވަގުތު ހޭދަކޮށް މިސްކިތަށް ޚިދުމަތްކުރަމެވެ. އަދި ޤުރްއާން ކިޔެވުމާއި ޛިކުރުކުރުމުގައިވެސް ވަގުތު ހޭދަކުރަމެވެ. 

އުމުރުން 25 އަހަރުގައި މަސައްކަތު މާހައުލުން ބައްދަލުވި އެކުވެރިންތަކެއްގެ ސަބަބުން ކަންކަމަށް ބަދަލު އަންނަންފެށިއެވެ. މިސްކިތުގައި ހޭދަކުރެވޭ ވަގުތު މަދުވަމުންގޮސް އެންމެފަހުން ފަރުޟު ނަމާދުކުރަންވެސް އުނދަގޫވާ ހާލަތަށް ކަންކަން ދިއައެވެ. 

އެދުވަސްވަރު އެއްރޭ އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. އަޅުގަނޑަށް އިނދެވެނީ އެކުވެރިންނާއިއެކުގައި ކޮފީބޯށެވެ. ވަރަށް ދިގު ބިޔަ ފަރުފައެކެވެ. އައިގޮތަށް އައިސް ތަންކޮޅެއް ދުރުގައި މަޑުކޮށްލުމަށްފަހު ނިގޫ އެއްލައި އަޅުގަނޑުގެ ކަރުގައި އޮޅާލަނީއެވެ. ދެން މަސައްކަތްކުރީ ބޯކޮޅު އަނބުރާލައި އަޅުގަނޑު ކައިލުމަށެވެ. އަނގަވެސް ވަރަށް ބޮޑަށް ހުޅުވައެވެ. ނަމަވެސް އަޅުގަނޑާއިހަމައަށް އަނގައެއް ނުފޯރުވުނެވެ. 

މިހާލެއްގައި އުޅެނިކޮށް ހޭލެވުނުއިރު ބިރުން ތުރުތުރުއަޅައެވެ. މީހާ އޮތީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ގައިން ދައުތައް އޮހޮރެއެވެ. ވަރަށް ބާރަށް މޭ ތެޅެއެވެ. ހަމައަކަށް އެޅިލާއިރަށް ތެދުވެ ފެންވަރައި، ވުޟޫކޮށްގެން ނަމާދުކުރީމެވެ. ފަތިސްވަންދެން ގޭގައި ނަމާދުކުރަން އިނދެފައި ފަތިސްވުމުން ދިއައީ މިސްކިތަށެވެ. 

ފަތިސް ނަމާދު ނިމިގެން އިމާމް އާއި ބައްދަލުކޮށް ހުވަފެނުގެ ވާހަކަ އިމާމަށް ކިޔައިދިނީމެވެ. އިމާމް ވަރަށް ވިސްނަން އިނދެފައި ބުންޏެވެ. 

"ތިއައީ ދަރިފުޅަށް ލިބުނު ވަރަށް ވަރަށް ވަރުގަދަ އިންޒާރެއްކަމަށް ވިސްނެއެވެ. މިސްކިތާއި ދުރުހެލިވީއެވެ. އަޅުކަންކުރުން ގާންގަނޑަކަށް ހުއްޓައިލީއެވެ. ނިގުލުން ކަރުގައި އޮޅޅާލެވުމަކީ ޝައިޠޯނާ ދަރިފުޅުގެ މައްޗަށް ވެރިވެގަތްކަމެވެ. ލާލަން އުޅުމުން އަނގަ ނުފޯރީ ކުރިން ވަރަށް ރަނގަލަށް އުޅެފައިވުމުން ޝައިޠޯނާއަށް އަދިވެސް ދަރިފުޅުގެ ަމއްޗަށް އެކުގައި ބާރު ނުހިންގޭކަމެވެ. އަނގައި އެދިނީ މިދެކަންތަކެވެ. 

ވީމާ ދެންވެސް ޢިބްރަތް ޙާޞިލުކުރާށެވެ! މިހާރުގެ އެކުވެރިން ދޫކޮށް އަލުން މިސްކިތުގެ އެކުވެރިންނާއި ގުޅޭށެވެ. ތިއަ ވަޒީފާވެސް ދޫކޮށްލާށެވެ. ކުރާނެ އެހެން މަސައްކަތެއް ހޯދާށެވެ." 

އެދުވަހުން ފެށިގެން ވަޒީފާއަކަށް ނުދަމެވެ. ކުރިން މިސްކިތުގައި ހޭދަކުރިވަރަށްވުރެ ގިނަ ވަގުތު މިސްކިތުގައި ހޭދަކުރަން ފަށައިފީމެވެ. ހަމައެކަނި ކަންބޮޑުވުމަކަށް އޮތީ ވަޒީފާއެވެ. މައިންބަފައިންނާއި އަނބިމީހާ އަދި ދަރިފުޅުގެ ކަންކަން ބަލަހައްޓާނެ ގޮތެކެވެ. އެކަންކަމަށްވެސް އެހައި ބޮޑަކަށް ނުވިސްނަމެވެ. މާތް ﷲ އަށް ވަކީލްކޮށްލައިގެން ހުރީއެވެ. 

ދެންވެސް ކަންތައް މެދުވެރިވީ ޢަޖައިބެއް ފަދަ ގޮތަކަށެވެ. އެދުވަހު މެންދުރު މިސްކިތަށް ދިއައީ އަތުގައި އެންމެފަހުން އޮތް ފައިސާފޮތިވެސް ވިއްކައިފައެވެ. މަސްޖިދުސުންނަތާއި ޟުޙާނަމާދުކޮށްގެން ދުޢާކުރަން އިންދާ މީހަކު އައިސް ކައިރީގައި އިށީނުމުން ބަލައިލިއިރު ކުރީރޭ އިމާމް ގާތު ވާހަކަ ދެއްކިއިރު އެތަނުގައި އިންދާ ފެނުނު މީހެކެވެ. 

ވަޒީފާ އާއި ބެހޭގޮތުން އޭނާ ސުވާލުކުރުމުން ޙާލުހުރިގޮތުން ކިޔައިދިނުމުން އެމީހާ ބުންޏެވެ. "ކުރިން ތިއަލިބުނީ މަހަކު 7000 ދިރުހަމް ނޫންހެއްޔެވެ؟ އަހަރެން ކޮއްކޮއަށް މަހަކު 8000 ދިރުހަމް ހަދިޔާއަކަށް މިދެނީ 10000 ދިރުހަމެވެ. މިމިސްކިތުގެ ކަންކަން ބަލަހައްތައިގެން މިސްކިތަށް ޚިދުމަތްކުރާށެވެ." އެހިސާބުން އަޅުގަނޑުގެ ހުރިހާ މައްސަލައެއް ޙަލުވެ އަޅުގަނޑު އެންމެ އުޅެން ބޭނުންވިގޮތަށް ދިރިއުޅުމުގެ ފުރުޞަތު ފަހިވެގެންދިއައީއެވެ. އިން ޝާ ﷲ 

- އަޙްމަދު އަނީސް އަކްބަރު / ޖިއްދާ / ސައުދިޢަރަބިޔާ

މިއަދު އޮންލައިން