އެންމެ ފައިދާހުރި ނިޒާމަކީ އިސްލާމީ ބޭންކިންގ ނިޒާމް- ފައިދާ ކުރާނީ ﷲ އަންގަވާފައިވާ ގޮތަށް ޢަމަލުކުރާ މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 10ސ
އެންމެ ފައިދާހުރި ނިޒާމަކީ އިސްލާމީ ބޭންކިންގ ނިޒާމް- ފައިދާ ކުރާނީ ﷲ އަންގަވާފައިވާ ގޮތަށް ޢަމަލުކުރާ މީހުންނަށް!

އިޤްތިޞާދަކީ އަޅުގަނޑުމެން ކޮންމެ އިންސާނެއްގެ ދިރިއުޅުމާވެސް ގުޅި ލާމެހިފައިވާ މުހިއްމު ބަހާއެކެވެ. އިޤްތިޞާދު ހަރުދަނާވެގެން މެނުވީ އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތުގެ އުފާވެރިކަމެއް ނުލިބޭނެއެވެ. އަދި އިޤްތިޞާދު އިސްލާމީކޮށްގެން މެނުވީ މުސްލިމެއްގެ އުޚުރަވީ ޙަޔާތް ބާއްޖަވެރިއެއް ނުވާނެއެވެ. އެހެންކަމުން، އިސްލާމީ ގިއުގަޑުގެ ތެރެއިން އިޤްތިޞާދު ބައްޓަންކުރުމަކީ ރާއްޖެފަދަ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް މުހިއްމުކަމެކެވެ. ޟަރޫރީކަމެކެވެ. އެގޮތުން މެނުވީ އަޅުގަންޑުމެންގެ ދުނިޔަވީ އަދި އުޚްރަވީ ޙަޔާތެއް ބާއްޖަވެރިއެއް ނުކުރެވޭނެއެވެ

ދުނިޔޭގައި ތަފާތު އިޤްތިޞާދީ ނިޒާމުތަކެއްވެއެވެ.. ކެޕިޓަލިޒަމް ނުވަތަ ލިބަރަލިޒަމް ގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދީ ނިޒާމާއި، ސޯޝަލިޒަމް ނުވަތަ ކޮމިޔުނިޒަމްގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދީ ނިޒާމުތަކަކީ ޒަމާނުއްސުރެވެސް ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ތަޖުރިބާކުރެވެމުން އަންނަ ނިޒާމުތަކެވެ. ކެޕިޓަލިޒަމް ނުވަތަ ލިބަރަލިޒަމް ތަޖުރިބާކޮށްފައިވާ ފަރާތްތަކުން ބުނާގޮތުގައި މި ނިޒާމުގައި އެންމެ އިސްކަމެއް ދެނީ މުއްސަދިން އިތުރަށް މުއްސަދިވުމުގެ ފުރުޞަތު ހޯދައި ދިނުމަށެވެ. ފަޤީރުންނަށް އެބައިމީހުންގެ ފަޤީރުކަން ނައްތާލައި ތަނަވަސް ދިރިއުޅުމަކާ ދިމާލަށް ދިއުންވަނީ ނާމުމްކިން ކަމަކަށްވެފައެވެ. ނަތީޖާއަކީ މުއްސަދިންނާއި ފަޤީރުންގެ ދެމެދުގައިވާ އިޤްތިޞާދީ ފަރަޤު ބޮޑުވެ، ފަޤީރުން އަޅުންނަށްވުމަށް މަޖުބޫރުވުމެވެ. އިންސާފުވެރިކަން ނެތް، ހަމަހަމަ ކަމެއް ނެތް މުޖުތަމަޢަކަށް ބަދަލުވެ އަޅުދާސްދުވުމަކަށް ތާއަބަދަށްވުމެވެ.

ކެޕިޓަލިޒަމް ނުވަތަ ލިބަރަލިޒަމް އިން ސަލާމަތްވެ، އިންސާފުވެރިކަމާއި ހަމަހަމަކަން ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ދުނިޔެއަށް ތަޢާރަފުކުރި އިޤްތިޞާދީ އެއް ނިޒާމަކީ، ސޯޝަލިޒަމް ނުވަތަ ކޮމިޔުނިޒަމްގެ ނިޒާމެވެ. މި ނިޒާމު ގޮވާލަނީ އެންމެންގެ ހަމަހަމަކަމަށެވެ. ޢަދުލުވެރިކަމަކަށް ނޫނެވެ. ފަރުދީ ޙައްޤުތައް ވަނީ ނިގުޅައިގެންފައެވެ. މިގޮތުން މި ނިޒާމުގެ މައިގަނޑު އުޞޫލަކީ މުއްސަދިންނާއި ފަޤީރުންގެ ފަރަގު ނައްތާލައި، ފަރަޤުނެތް ނުވަތަ ކްލާސްލެސް ސޮސައިޓީއެއް ނުވަތަ މުޖުތަމަޢެއް ބިނާކޮށްގެން، މުޖުތަމޢުގައި މަސައްކަތްކުރާ އެންމެންނަކީވެސް ހަމަހަމަ ގޮތެއްގައި އެއްވަރަކަށް އުޖޫރަދެވޭ ބަޔަކަށް ހެދުމެވެ. 

މީގެ ނަތީޖާ އަކީ ކޮބައިތޯއެވެ؟ ހަމަހަމަކަމަކީ އިންސާފުވެރިކަން ނޫންކަން ހާމަވެގެން ދިއުމެވެ.ފަރުދީ ޙައްޤުތައް ނިގުޅައިގަތުމަކީ މުޖުތަމައުގެ އުފާވެރިކަމާއި ފާގަތިކަން ލިބުން ނޫންކަމުގައި ތަޖުރިބާކުރެވުނެވެ. ފަޤީރުންނާއި މުއްސަދިންގެ ފަރަޤު ގަދަކަމުން ނައްތާލުމަށް އެންމެންނަށް ހަމަހަމަކޮށް މުސާރަދީ ދިރިއުޅުމުގެ ކަންތައްތައް ސަރުކާރުން ބަލަހައްޓައި ދިނުމަކީ މުޖުތަމަޢުގެ ހަމަޖެހުން ނޫންކަން އެނގި ހާމަވެގެން ދިއުމެވެ. 

އިސްލާމީ ނިޒާމަކީ މިހުރިހާ ނިޒާމަކަށްވުރެ އިންސާފުވެރި ނިޒާމެކެވެ. ޢަދުލުވެރި ނިޒާމެކެވެ. މުއްސަދިންގެ ފަރާތުން ފަޤީރުންނަށް އެހީތެރިކަން ފޯރުކޮށްދޭ ނިޒާމެކެވެ. އިހުސާންތެރިކަމާއި އުޚުއްވަތްތެރިކަމުގެ ނިޒާމެކެވެ. ބޭނުންޖެހިފައިވާ މީހާގެ މުހުތާދު ފިލުވުމަށް އެހީތެރިކަން ދޭއިރު އިތުރު މަންފާއެއް ދިނުން ކަނޑައެޅިގެން ޙަރާމްކުރާ ނިޒާމެކެވެ. ދީނީ ނިޒާމެކެވެ.

އިސްލާމީ އިޤްތިޞާދީ ނިޒާމް ބިނާވެފައިވަނީ ޢަދުލުވެރި ކަމުގެ މައްޗަށެވެ.  އިންސާފުވެރިކަމުގެ މައްޗަށެވެ. އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްޗަށެވެ. ހަންހާރަވެތި ކަމުގެ މައްޗަށެވެ. އިޚްލާސްތެރިކަމުގެ މައްޗަށެވެ. ރިސްކު ހިއްސާކުރުމުގެ މައްޗަށެވެ. ނޭއްގާނީކަން ނައްތާލުމުގެ މައްޗަށެވެ. ހެޔޮ ކަންކަން ގިނަކޮށް، ތަޤްވާވެރިވުމުގެ މައްޗަށެވެ. 

އިޤްތިޞާދީ ނިޒާމެއް އިސްލާމީ ގިއުގަނޑުގެ ތެރެއިން އެކުލަވާލާނަމަ، އެ އިޤްތިޞާދެއްގައި ޝާމިލްވާ ފަރާތްތަކުން އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތުގެ މަތިން އުޅުމާއި ގުޅުންތައް ބަހައްޓަން ޖެހޭނެއެވެ. މިގޮތުން ވިސްނަންޖެހޭނެ ކަންކަމަކީ:

ފުރަތަމަ: ޙަލާލު މަސައްކަތުން ކައިބޮއެ ހެދުން.

ޙަލާލު މަސައްކަތަކުން ކައިބޮއެ އުޅުމަކީ މުހިއްމުކަމެކެވެ. ސަލާން ނުޖަހާ އަމިއްލަ މަސައްކަތުން އުޅުމަކީ ވެސް ދީން ބާރު އަޅާ ކަމެކެވެ. މިގޮތުން ރަސޫލާ އަކީ ވިޔަފާރީވެރިއެކެވެ. އަބޫބަކުރުގެ ފާނާއި އަދި އުސްމާނުގެ ފާނަކީވެސް ވިޔަފާރީވެރިންނެވެ. އޭގެފަހުން އަބޫ ޙަނީފާ އަކީވެސް ވިޔަފާރީވެރިއެކެވެ.

ޙަލާލު މަސައްކަތެއްކޮށް ސަލާން ނުޖަހައި އުޅުމަކީ އިސްލާމްދީން ބާރު އަޅާ ކަމެކެވެ. އަދި ޙަލާލު މަސައްކަތުން ހޯދާ އާމްދަނީން ތިމާގެ ބޭނުންތަކަށް ފުދޭ މިންވަރު ނެގުމަށްފަހު ވީވަރަކުން ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމަކީ އިސްލާމްދީން ބާރު އަޅާކަމެކެވެ.

ސޫރަތުލް ބަޤަރާގެ 267 ވަނަ އާޔަތް

يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِن طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَ‌جْنَا لَكُم مِّنَ الْأَرْ‌ضِ ۖ وَلَا تَيَمَّمُوا الْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِآخِذِيهِ إِلَّا أَن تُغْمِضُوا فِيهِ ۚ وَاعْلَمُوا أَنَّ اللَّـهَ غَنِيٌّ حَمِيدٌ ﴿٢٦٧﴾

(މިއީ "އިސްލާމީ އިޚްތިޞާޞްގެ ތެރެއިން އިޤްތިޞާދު ބިނާކުރުމުގެ މުހިއްމުކަން" މައުޟޫއަށް ޑރ. އާއިޝަތު މުނީޒާ ލިޔުއްވާފައި މިއަދުނޫހާއި ހިޢްޞާކުރެއްވި ލިޔުމެއްގެ ފުރަތަމަ ބައެވެ. މިލިޔުން ތަކުރާރުކޮށްމިލަނީ އިސްލާމީ ބޭންކިންގ ނިޒާމާއި އިޤްޠިޞާދީ ނިޒާމުގެ ފައިދާ އަދިވެސް ގިނަ ބައަކަށް އޮޅުން ނުފިލާތީ ސުވާލުތައް ކުރިމަތިކުރާތީ އެފަރާތްތަލަށް އެހީތެރިވުމުގެ ގޮތުންނެވެ.)

މިއަދު އޮންލައިން