ޢަލީ އިޙްސާން ފިރާޤް
ކާވެނިފުޅުގެ ރަސްމިއްޔާތު
މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އުއްމުޙަބީބަތުގެފާނުގެ ކާވެނިފުޅުގެ ރަސްމިއްޔާތަށް ޙަބަޝާގައި ދިރިއުޅެމުން ގެންދިޔަ، މުސްލިމުން ވަޑައިގެންނެވިއެވެ. މި ބަރަކާތްތެރި ކާވެނިފުޅުގެ ރަސްމިއްޔާތު އޮތީ ނަޖާޝީގެ ރަސްކަމުގެ ދަރުބާރުގައެވެ. އެ ވަޑައިގެންނެވި ޞަޙާބީންގެ ތެރޭގައި ޖަޢުފަރުގެފާނާއި، ޢަބްދުﷲ ބުނު ޙުޛައިފަތުއް ސަހްމީ އާއި ޚާލިދު ބުނު ސަޢީދު ބުނުލް ޢާޞް ހިމެނިވަޑައިގެންނެވިއެވެ.
ނަޖާޝީގެ ދަރުބާރުގައި 400 ދީނާރުގެ ރަނަށް މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އުއްމުޙަބީބަތުގެފާނުގެ ކާވެނިފުޅުކޮށްދެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ކާވެނި ބައްލަވައިގެންނެވި ބޭކައުކަނބަލުންގެ ތެރެއިން އެންމެ މަތީ އަދަދަކަށް ކާވެނީގެ ރަންދެއްވި ބޭކަނބަލަކީ އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާއެވެ.
އިމާމު ޛަހަބީ ވިދާޅުވާ ގޮތުގައި، މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއަށް އެންމެ ގިނައިން ކާވެނީގެ ރަންދެއްވެވީ އެކަމަނާއަކީ، ކައުސާހިބާއާ ޢާއިލީ ގޮތުން ގާތް ބޭކަނބަލެއް ކަމުގައިވުމުންނެވެ. އަނެއް ސަބަބަކީ، އެކަމަނާއާ މާތް ރަސޫލާ صلّى اللّـه عليه وسلّم ކައިވެނިފުޅުބައްލަވައިގެންނެވީ ޙަބަޝާގައި އިންނަވަނިކޮށް ކަމުގައިވާތީއެވެ. އޭރު މާތް ރަސޫލާ صلّى اللّـه عليه وسلّم ހުންނެވީ މަދީނާގައެވެ.
ކާވެނީގެ ޚުތުބާގެ ކަންތައްތައްނިމި، މުސްލިމުންގެ މީސްތަކުން ގެއަށް ވަޑައިގަންނަވަން ފެއްޓެވުމުން، ނަޖާޝީ އެބޭކަލުން މަޑުކުރެއްވުމަށް އެންގެވިއެވެ. ނަޖާޝީ ވިދާޅުވިއެވެ. [ކާވެންޏެއް ކުރުމަށްފަހުގައި، ވަލީމާއެއް ދެއްވުމަކީ ނަބީބޭކަލުންގެ ސުންނަތެކެވެ.] މިހެން ވިދާޅުވެ، ކާބޯތަކެތި ގެންނަވައި ވަރުގަދަ ވަލީމާއެއް ދެއްވިއެވެ.
އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. [އަހަރެންނަށް ކާވެނީގެ ރަންލިބުމުން އަބުރަހާ ގެނެސް ބުނީމެވެ. ކުރިން އަހަރެންގެ އަތުގައި ހުރި ގަހަނާތައް ތިބާއަށް ދިނީ އަހަރެންގެ އަތުގައި އޭރު އެއްވެސް ފައިސާއެއް ނެތީމައެވެ. ނަމަވެސް މިހާރު އަހަރެންނަށް ކާވެނީގެ ރަންކަމުގައިވާ ހަތަރު ސަތޭކަ ދީނާރު ލިބިއްޖެއެވެ. އެތަނުން ފަންސާސް މިޘްޤާލު ކަމަނާ ގެންދާށެވެ. ނަމަވެސް އަބުރަހާ އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ އަތްޕުޅުން އެއްވެސް އެއްޗެއް ގެންދެވުމަށް އިންކާރު ކުރެއްވިއެވެ. އަދި ކުރިން ދުވަހު އޭނާއަށް ދެއްވި ގަހަނާތައްވެސް އަނބުރާ ގެނެސް އުއްމުޙަބީބާއާ ޙަވާލު ކުރެއްވިއެވެ.
އެއަށްފަހު އުއްމުލް މުއުމިނީން އާ މުޚާތަބު ކުރައްވައި އަބުރަހާ ދެންނެވިއެވެ.
[ރަސްގެފާނުވަނީ، ކަމަނާގެ އަތްޕުޅުން އެއްވެސް އެއްޗެއް ގެންދިޔުން އަޅުގަނޑަށް މަނާ ކުރައްވައިފައެވެ. އަޅުގަނޑަކީ ރަސްގެފާނުގެ ޚާއްޞަ ޚާދިމެކެވެ. އަޅުގަނޑު މިހާރު މިހުރީ މާތްﷲ ގެ ދީނަށް ތަބާވެގެންނެވެ. އެކަލާނގެ ރަސޫލާއަށް އީމާންވެގެންނެވެ. ރަސްގެފާނު ނަޖާޝީވަނީ، އޭނާގެ އެންމެހައި އަނބިއަނބިކަނބަލުންނަށް އެބޭކަނބަލުންގެ އަތްޕުޅުގައި ހުރި ހުރިހާ ހުވަނދުގެ ބާވަތްތަކެއް ކަމަނާއަށް ދެއްވުމަށް އަންގަވައިފައެވެ.] އަނެއް ދުވަހު އަބުރަހާ އައީ ހުވަނދާއި، ބޮކަރާއި، މާވަހަރުގެ ބާވަތްތައް ހިފައިގެންނެވެ.
އެތަކެތި އުއްމުޙަބީބާއަށް ދެއްވުމަށްފަހު އަބްރަހާ ވިދާޅުވިއެވެ. [ކަމަނާ އަޅުގަނޑަށް ކަމެއްކޮށްދެއްވަ ފާނުތޯއެވެ؟] އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ އެއީ ކޮން ކަމެއްތޯ ސުވާލުކުރެއްވުމުން އަބްރަހާ ދެންނެވިއެވެ. [އަޅުގަނޑުގެ ފަރާތުން، މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އަޅުގަނޑުގެ ސަލާމް ރައްދުކޮށްދެއްވާށެވެ. އަޅުގަނޑު މީނީ އެކަލޭގެފާނަށް އީމާންވެގެންނެވެ.] އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. [ދަތުރުގެ ކަންތައްތަކާ އުޅެމުންވެސް އިރުއިރު ކޮޅާ އަބުރަހާ އަހަރެންނަށް އޭނާގެ އެދިވަޑައިގެންކަމުގެ ވާހަކަ ހަނދާންކޮށްދެއްވައެވެ. އޭނާ އިރުއިރުކޮޅާ ބުނެއެވެ. [ކޮންމެވެސް އަޅުގަނޑު މި ހަވާލުކުރި ކަންތައް ހަނދާން ނައްތަވައި ނުލައްވައްޗެވެ.]
އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ މަދީނާއަށް ވަޑައިގެން އަބުރަހާގެ ސަލާމް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ރައްދުކޮށްދެއްވިއެވެ. އެވާހަކަ އަޑު އައްސަވައި މާތް ރަސޫލާ صلّى اللّـه عليه وسلّم ހިނިވަރުނަ ކުރައްވައި ޙަދީޘް ކުރެއްވިއެވެ. [އަރަހުށި މާތްﷲ އޭނާގެ މައްޗަށްވެސް ސަލާމާއި ބަރަކާތް ލައްވާށިއެވެ
{މުޙައްމަދު ފަތުޙީ، ދަ ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު ޞޢވ، ޞަފްޙާ 190-192}