ރައީސް ޞާލިޙަށް: މަނިކުފާނުގެ މި އިލްތިމާސަށް މިއަދު ސަރުކާރުން އިޙްތިރާމްކުރާކަމަށް ޤަބޫލުފުޅު ކުރައްވަންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 2ސ
ރައީސް ޞާލިޙަށް: މަނިކުފާނުގެ މި އިލްތިމާސަށް މިއަދު ސަރުކާރުން އިޙްތިރާމްކުރާކަމަށް ޤަބޫލުފުޅު ކުރައްވަންތޯ؟

ތިރިގައި އެވަނީ މީގެ 2 އަހަރުކުރިން ހަމަ އަޅުގަނޑުގެ އަތުން ލިޔެފައިވާ ޚަބަރެކެވެ. "އިސްލާމް ދިނާ ދެކޮޅު ކަންކަން ދިވެހިންގެ ސިކުނޑިއަށް ވެއްދިއަ ނުދިނުމަށް މަސައްކަތް ކުރަން ރައީސް ޞާލިޙް އިލްތިމާސް ކުރައްވައިފި" ކަމުގެ ޚަބަރެވެ. 

މިއަދު ހަމަ އަޅުގަނޑުމެން އެންމެންގެ ލޯތަކަށް މިފެންނަނީ އިސްލާމް ދީނާއި ދެކޮޅަށް ކަންކަން ކުރުމުން ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލާތަނެވެ. ހަމައެކަނި ކުރާ ކަމަކަށް އޮތީ "އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް ރާއްޖޭގައި ޖާގައެއް ނުދޭނެ" ކަމަށް ބުނުމެވެ. މިމޭރުމުން ރައީސް ޞާލިޙް ވިދާޅުވާ ދުވަހުވެސް އެފަދަ ކަންކަން އެބަ ކުރެއެވެ. ކުރިނަމަވެސް އަޅާ ފިޔަވަޅެއް ނުފެނެއެވެ. އެކަން ކުށްވެރިކުރުން ފިޔަވައެވެ. 

ފައުޅުކަންބޮޑު ގޮތެއްގައި ދާދި މިދާކަށްދުވަހު އެވަނީ ރާއްޖޭގައި ދީނީ މިނިވަންކަމަށް ގޮވާލާފައެވެ. އިސްލާމް ދީނާއި ދެކޮޅަށް ހިންގޭނެ އެންމެ ބޮޑު އެއް ޖަރީމާ ހިންގައިފައެވެ. މިފަދަ ބޮޑެތި ޖަރީމާތައް ތަކުރާރުކޮށް ހިންގަމުން ގެންދާއިރުވެސް އެކަންކަމާއި ދެކޮޅަށް ސަރުކާރަށް އެޅުނު އެއްވެސް ފިޔަވަޅެއް އަދި މިއަދާއި ހަމައަށްވެސް ފެނިފައިނުވާކަން ފާހަގަކުރަންޖެހެއެވެ. 

ދެން ވިދާޅުވެދާނެއެވެ. "އެމްޑީއެން އުވާލައިފީމެވެ." އެކަމުންވީ ކޮންކަމެއްތޯއެވެ؟ އެމްޑީއެން 3 އަކުރު ބޭނުންކުރަން ދިން ހުއްދަ އުވާލިނަމަވެސް ހަމަ އެ 3 އަކުރު އަދިވެސް ދަނީ ޙަރަކާތްތެރިވަމުން ނޫންތޯއެވެ؟ ހުއްޓުވިއްޖެތޯއެވެ؟ ހަމައެފަދަ ޢަމަލުތައްކުރަމުން އަންނަ އުތެމަ އާއިމެދު އެޅުނީ ކޮން ފިޔަވަޅެއްތޯއެވެ؟ 

"މުޖްތަމަޢުގެ މަޞްލަޙަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، އަޅުގަނޑުމެން ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް. މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމު. މި ޤައުމު ޙިމާޔަތްކޮށް ރައްކާތެރިކުރެވޭނީ، އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތުން. މި ރާއްޖޭގެ ޤައުމިއްޔަތު ދެމެހެއްޓޭނީވެސް އަޅުގަނޑުމެން ގުޅިގެން ކުރާ މަސައްކަތުން." މިއީ މަނިކުފާނު އެދުވަހު ވިދާޅުވި އެއް ވާހަކަފުޅެވެ. ސުވާލަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ހަމަ އޮތްގޮތަށް އޮއްވައި ދިވެހި މުޖުތަމައުގެ މަޞްލަހަތު ޙިމާޔަތް ކުރެވޭނީ ދިވެހިންގެ އެއް ދީންވަންތަކަން ދޫކޮށްލައިގެންކަމަށް މަނިކުފާނަށް ޤަބޫލުފުޅު ކުރެއްވެވެނީތޯއެވެ؟ 

ދެވަނައަށް ފާހަގަކޮށްލަން ޖެހެނީ "ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމުގެ ފުރުޞަތު" އެއްވެސް ބައަކަށް ނުދެއްވުމެވެ.  އެދުވަހު ކުރެއްވި އިލްތިމާސް މިއަދު ވެފައިމިވަނީ އިސްލާމް ދީނުގެ ދިފާޢުގައި ޙައްޤު ބަސް ބުނުމުން އެއީ ހަރުކަށިފިކުރުކަމަށް ސަރުކާރުން ހަދައި ފިޔަވަޅު އަޅަމުން ގެންދާ ކަމެވެ. ފެނިގެން މިދަނީ ޙައްޤު ބަސް ވިދާޅުވާ ޢިލްމުވެރިންގެ ދޫކެނޑުއްވުމުގެ ގޮތުން ވަޒީފާގެ ބިރުދެއްކުމާއި ވަޒީފާއިން ވަކިވެސް ކުރާތަން ނޫންތޯއެވެ؟ 

މަނިކުފާނުގެ ހަނދުމަފުޅު އައުކޮށްލަދިނުމުގެ ގޮތުން މިގެނެސްދެނީ 2019 ވަނަ އަހަރު ޤައުމީ ދުވަސް ފާހަގަކުރަން މަނިކުފާނު ދެއްކެވި ވާހަކަފުޅުން ބައެއް ވާހަކަފުޅެވެ. 

އިސްލާމް ދިނާ ދެކޮޅު ކަންކަން ދިވެހިންގެ ސިކުނޑިއަށް ވެއްދިއަ ނުދިނުމަށް މަސައްކަތް ކުރަން ރައީސް ޞާލިޙް އިލްތިމާސް ކުރައްވައިފި

ދިވެހިންގެ ސިކުނޑިތަކަށް އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާފަދަ ކަންކަނވެރިކުރުވުމަށް އިސްލާމް ދީނުގެ ޢަދުއްވުން ކުރަމުން ގެންދާ މަސައްކަތްތަކަށް ފުރުޞަތު ނުދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އިލްތިމާސް ކުރައްވައިފިއެވެ. 

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މިރޭގެ ޖަލްސާގައި ދީނީ ޢިލްމުވެރިންގެ އަރިހުން ދެކަމަކަށް އެދިވަޑައިގެން އިލްތިމާސް ކުރައްވައިފައެވެ. 

ފުރަތަމަ ކަމަކީ "ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމުގެ ފުރުޞަތު"  އެއްވެސް ބައަކަށް ނުދެއްވުމެވެ. ދެވަނަ ކަމަކީ އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާފަދަ ކަންކަން، މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުޞަތު ނުދެއްވުމެވެ.

އެމަނިކުފާނު މިފަދަ އިލްތިމާސެއް ކުރައްވާފައި މިވަނީ އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއިމެދު ޝައްކު އުފައްދުވަން ހަމަ ދިވެހިންގެ ބައަކު އިސްތިބެ ރާއްޖޭގައި ތަފާތު، ބޮޑެތި މަސައްކަތްތައް ކުރަމުން ގެންދާ ވަގުތެއްގައިކަން ފާހަގަކުރެވެއެވެ. އެފަދަ ނުބައި ވަސްވާސްތަކުން ދިވެހިންގެ ސިކުނޑިތައް ސަލާމަތްކުރުމަށް ދީނީ ޢިލްމުވެރިން މިހާރުވެސް ގެންދަވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: 

އަޅުގަނޑުގެ ހިތަށްއަރަނީ، އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހިންނަށް ނެތް ޙައްޤަކީބާވައޭ! ޞުލްޙަވެރިކަން، އަޅުގަނޑުމެންނާ މިހާ ބީރައްޓެހިވެގެން މިއުޅެނީ ކީއްވެބާވައޭ! އަޅުގަނޑު މިއަދު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަރިހުން އަހާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރައްޔިތުން ދުވަސްކޮޅަކަށް ނަމަވެސް، ހަމަޖެހިލައިގެން އުޅެން ފުރުޞަތު ދެއްވާކަށް ނުވޭތޯއޭ!

މުޖްތަމަޢުގެ މަޞްލަޙަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، އަޅުގަނޑުމެން ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް. މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމު. މި ޤައުމު ޙިމާޔަތްކޮށް ރައްކާތެރިކުރެވޭނީ، އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތުން. މި ރާއްޖޭގެ ޤައުމިއްޔަތު ދެމެހެއްޓޭނީވެސް އަޅުގަނޑުމެން ގުޅިގެން ކުރާ މަސައްކަތުން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޤައުމިއްޔަތު، ދިރުވައި އާލާކޮށް، ދިވެހި އުންމަތުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަށް އަޅުގަނޑުމެން ކުރަމުން މި އަންނަ މަސައްކަތްތަކުގައި، މާތް ﷲ ބަރަކާތް ލައްވައި ކާމިޔާބާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރައްވައި، އުފާވެރި ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު އޮންލައިން