ސުވަރުގެ ޔަޤީން މަގެއް! ސުވަރުގެ އެދޭމީހާ ކޮންމެހެން ސަމާލުކަންދޭންޖެހޭނެ ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ސުވަރުގެ ޔަޤީން މަގެއް! ސުވަރުގެ އެދޭމީހާ ކޮންމެހެން ސަމާލުކަންދޭންޖެހޭނެ ކަމެއް-

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ތިމާއަކީ ސުވަރުގެވަންތަވެރިއެއްކަން ދުނިޔޭގައި ހުރެއެނގުމެވެ. ނަމަވެސް އެއީ ޔަޤީންކަމާއިއެކު އެނގޭނެ ކަމެއް ނޫނެވެ. ކުރެވޭނީ އުންމީދެވެ. 

ނަމަވެސް ކުރަން ޖެހޭ މަސައްކަތެއް އެބައޮތެވެ. އެއީ އެމީހަކު އެހެން މީހުންނަށް ހެޔޮކޮށް ކަންކަން ކުރުމުގެ ސަބަބުން މީސްތަކުންގެ ތަޢްރީފްލިބޭ މީހަކަށްވުމަށް ކުރަންޖެހޭ މަސައްކަތެވެ. އެމަސައްކަތްކުރަންވާނީ ދެއްކުންތެރިކަމުގެ ޛަރެއްގެ މިންވަރުވެސް ނޯންނަގޮތަށް އިޚްލާޞްތެރިކަމާއިއެކުގައެވެ. 

އެއްދުވަހަކު މީހަކު މަރުވެގެން ޖަނާޒާއަށް މީހަކު ގެންދާތަން ފެނުމުން އަރިއަހުގައި ތިއްބެވި ޞަޙާބީން އޭނާއަކީ ހެޔޮލަފާ މީހެއްކަމަށް ބުނެ ތަޢްރީފްކުރިއެވެ. އެހިނދު ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވީ "ވާޖިބްވެއްޖެ" އެވެ. ދެވަނައަށް ވެސް މީހަކު ގެންދެވުނެވެ. ޞަޙާބީން ވިދާޅުވީ އެއީ ނުބައި ނުލަފާ މީހަކު ކަމަށެވެ. އެފަހަރުވެސް ޙަދީޘްފުޅު ކުރެއްވެވީ "ވާޖިބްވެއްޖެ" އެވެ. 

އެހިނދު ދެފަހަރުވެސް "ވާޖިބްވެއްޖެ" ކަމަށް ޙަދީޘްފުޅު ކުރެއްވެވި ސަބަބާއިމެދު ޞަޙާބީން ސުވާލު ކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ. "އޭނާއަކީ ހެޔޮލަފާ މީހަކު ކަމަށް ގިނަބައަކު ބުނުމުން އޭނާއަށް ސުވަރުގެ ވާޖިބްވެއްޖެއެވެ. އަދި އޭނާއަކީ ނުބައިނުލަފާ މީހަކުކަމަށް ގިނަބައަކު ބުނުމުން އޭނާއަށް ވާޖިބްވެއްޖެއެވެ." 

މީސްތަކުންނޭވެ! މީސްތަކުންގެ ރުހުން ހޯދަން މަސައްކަތްކުރަންވީ މި ސަބަބަށްޓަކައެވެ. މީހަކަށް ތަކްލީފެއްޖެހި ދަތިޙާލުގައިވާކަން އެނގޭނަމަ އޭނާ އެހީއަށް އެދެންދެން މަޑުނުކުރާށެވެ! އަވަހަށް އޭނާއަށް އެހީތެރިވާށެވެ! މީހަކަށް ހިތްދަތިކަމެއް ލިބިފައިވާކަން އެނގޭނަމަ އަވަހަށް ގޮސް އެމީހަކަށް ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތްކުރާށެވެ. ތަނަވަސްކަން ހުރިނަމަ މާލީ ގޮތުން އެހީތެރިވާށެވެ. ތަނަވަސްކަން ނެތްނަމަ އެހެން ގޮތްގޮތުން އެހީތެރިވާށެވެ! އެންމެ ކުޑަމިނުން އޯގާތެރި ބަސްތައް ބުނެ ހިތްވަރުދޭށެވެ. 

މަސައްކަތްކުރަންވީ އެހެން މީހުންގެ ތައްރީފް ލިބޭފަދަ ހެޔޮ ޢަމަލުތައްކުރާ މީހަކަށްވުމަށެވެ. އެހެން މީހުންނަށް އެހީތެރިވެދޭ މީހަކަށްވުމަށެވެ. ނަމަވެސް ކުރިން ބުނިފަދައިން އެކަންކުރަންވާނީ އެއްވެސް މިންވަރަކަށް ދެއްކުންތެރިކަމެއް ނެތި ﷲ ތަޢާލާއަށްޓަކައެވެ. މިބަޔާންކުރި މަގުން ފައިދާކުރާނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން