ވިލާ ކޮލެޖުގެ ކްރިއޭޓިވް އާރޓްސް އެންޑް ޑިޒައިން ދަރިވަރުންގެ އާރޓް އެގްޒިބިޝަން، ސްޕެކްޓްރަމް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
ވިލާ ކޮލެޖުގެ ކްރިއޭޓިވް އާރޓްސް އެންޑް ޑިޒައިން ދަރިވަރުންގެ އާރޓް އެގްޒިބިޝަން، ސްޕެކްޓްރަމް ބާއްވައިފި

ވިލާ ކޮލެޖުގެ ސެޓްފިކެޓް 4 އިން ކްރިއޭޓިވް އާރޓްސް އެންޑް ޑިޒައިން ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ 11 ދަރިވަރުން ބައިވެރިވެގެން ސްޕެކްޓްރަމް 2021 ގެ ނަމުގައި އާރޓް އެންޑް ޑިޒައިން އެގްޒިބިޝަނެއް ބާއްވައިފިއެވެ. މި އެގްޒިބިޝަން ބާއްވާފައިވަނީ މިއަދު ހަވީރު ވިލާ ކޮލެޖުގެ ހޯލުގައެވެ.

މި އިވެންޓުގައި ދަރިވަރުން ޕްރޮގްރާމް ފުރިހަމަ ކުރަމުންދިޔަ އިރު ކޮށްފައިވާ އެކިއެކި މަސައްކަތްތައްވެސް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން މި އިވެންޓަށް ޚާއްސަކޮށް ދަރިވަރުން ތައްޔާރުކޮށްފައިވާ މޫވީ ޓްރެއިލަރ ތަކާއި ޕޯސްޓަރތައްވެސް ވަނީ ދައްކާލާފައެވެ. ހަމައެއާއެކު، ދަރިވަރުންގެ މަސައްކަތްތައް ދައްކުވައިދޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޚާއްސަ ފޮތް ވެސް ވަނީ މި ޙަފްލާގައި ލޯންޗުކޮށްފައެވެ.

މި ފޮތް ލޯންޗުކޮށްދެއްވީ، މި ޙަފްލާގެ ޝަރަފުވެރި މެހުމާނު، ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރެވެ. އެގޮތުން ރެކްޓަރ، ޑރ. އަންވަރު ދެއްކެވި ވާހަކަފުޅުގައި ވިލާ ކޮލެޖުން މިފަދަ ޚާއްސަ ދާއިރާތަކުގެ ޕްރޮގްރާމްތަކުން ދަރިވަރުންނަށް ފުރުސަތު ހޯދައިދިނުމުގައި އަބަދުވެސް މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މި ޙަފްލާގައި ސެޓްފިކެޓް 4 އިން ކްރިއޭޓިވް އާރޓްސް އެންޑް ޑިޒައިން ކިޔަވައިދެއްވާ ދެ ލެކްޗަރަރއިން ކަމުގައިިވާ ފާތިމަތު ޝަރާ ވަޙީދާއި މުޙައްމަދު ޝާޒް ދެއްކެވި ވާހަކައިގާ، ކޯވިޑް-19 ގެ ޙާލަތުގައިވެސް ދަރިވަރުންނާއި މުޅި ކޮލެޖު ކެނޑިނޭޅި ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިއަދު ފެނިގެން ހިނގައްޖެ ކަމަށާއި، ވިލާ ކޮލެޖުން މިފަދަ ތަފާތު ޕްރޮގްރާމެއް ވަރޗުއަލްކޮށް ގެންދެވޭނެކަން ސާބިތުކޮށްދީފައިވާކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ، އެންމެހާ ދަރިވަރުންގެ ފަރާތުން، މި ޕްރޮގްރާމްގެ ދަރިވަރެއްކަމަށްވާ، ރިފްޢާ މުޙައްމަދު ޙުސައިން ވަނީ މި ޙާލަތުގައިވެސް ޕްރޮގްރާމް ފުރިހަމަ ކުރުމަށް ކޮލެޖާއި އަދި ލެކްޗަރަރއިންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެކަމަށްޓަކައި ޝުކުރުއަދާކޮށްފައެވެ.

މިއީ މިފަދަގޮތަކަށް ބޭއްވުނު އެންމެ ފުރަތަމަ ޙަފްލާކަމުގައިވި ނަމަވެސް، ވިލާ ކޮލެޖުން މި ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ބެޗެއްގެ ދަރިވަރުންނަށްވެސް މި ފުރުސަތު ހުޅުވާލެވިގެންދާނެއެވެ.

މިއަދު އޮންލައިން