އެކަމަނާއަށް ޖިބްރީލްގެފާނު ފެނިވަޑައިގަތެވެ! އަދި ރަސޫލާ ޞޢވ, ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ އުމުރުފުޅުދިގު ބޭކަނބަލަކީ ވެސް އެކަމަނާއެވެ!

ކިޔުމަށް ހޭދަވާނީ 2މ 27ސ
އެކަމަނާއަށް ޖިބްރީލްގެފާނު ފެނިވަޑައިގަތެވެ! އަދި ރަސޫލާ ޞޢވ, ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ އުމުރުފުޅުދިގު ބޭކަނބަލަކީ ވެސް އެކަމަނާއެވެ!

ޢަލީ އިޙްސާން ފިރާޤު

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު އެގާރަ ބޭކަނބަލަކާ ކާވެނި ބައްލަވައިގެންނެވިއެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވި އިރު ދުނިޔޭގައި ތިއްބެވީ ނުވަ އަނބިކަނބަލުންނެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ދެ އަނބިކަނބަލަކު އަވަހާރަވިއެވެ. އެއީ އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާ އާއި އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޚުޒައިމާ ރަޟިޔަﷲ ޢަންހާއެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންވިއިރު ދުނިޔޭގައި ތިއްބެވި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަކީ، ސައުދަތުގެފާނާއި، ޢާއިޝަތުގެފާނާއި، ޙަފްޞަތުގެފާނާއި، (ޖަޙުޝްގެ ދަރިކަނބަލުން) ޒައިނަބުގެފާނާއި، އުއްމުސަލަމަތުގެފާނާއި، ޖުވައިރިއްޔަތުގެފާނާއި، އުއްމު ޙަބީބަތުގެފާނާއި، ޞަފިއްޔަތުގެފާނާއި، މައިމޫނަތުގެފާނެވެ. މާތް ރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ އަވަހާރަވި އެކަލޭގެފާނުގެ އަނބިކަނބަލަކީ ޒައިނަބު ބިންތު ޖަޙުޝް ރަޟިޔަﷲ ޢަންހާއެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ އުމުރުފުޅު ދިގު ބޭކަނބަލަކީ އުއްމުސަލަމަތުގެފާނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޠޯހިރު އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ފަހުން އަވަހާރަވީ އެކަމަނާއެވެ. އެކަމަނާ އަވަހާރަވީ ޔަޒީދު ބުނު މުޢާވިޔަތުގެ ޚިލާފަތުގެ ދުވަސްވަރު ހިޖުރައިން 61 ވަނަ އަހަރުގައެވެ. އޭރު އެކަމަނާގެ އުމުރުފުޅު ނުވަދިހަ އަށް ފޯރައިފައިވާ ކަމަށްވެއެވެ. ބައެއް ރިވާޔަތުގައިވަނީ އޭރު އެކަމަނާގެ އުމުރުފުޅަކީ 84 އަހަރުފުޅު ކަމަށެވެ. އެކަމަނާ ފަސްދާނުވެޑުވުނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ.

ޢާއިޝަތުގެފާނަށްފަހު ޢިލްމުވެރިކަމުގެ މައިދާނުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އަންހެން ޝަޚްޞިއްޔަތަކީ އުއްމުސަލަމަތުގެފާނެވެ. އެކަމަނާގެ އަރިހުން 378 ޙަދީޘު ރިވާވެގެންވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން ކީރިތި ޤުރްއާން ހިތްޕުޅުން ދެނެވަޑައިގަންނަވާ ތިންބޭކަނބަލުންގެ ތެރޭގައި އުއްމުސަލަމަތުގެފާނު ހިމެނިވަޑައިގަންނަވައެވެ. ވަރިކާވެނީގެ ޙުކުމްތަކާއި، ކިރުދިނުމުގެ ޙުކުމްތަކުގައި އެންމެ އަރާ އިންނެވި ފިޤުހީ މާހިރަކީ އެކަމަނާއެވެ. ޞަޙާބީންގެ ތެރެއިން ފަތުވާ ދެއްވި ބޭފުޅުންގެ ތެރޭގައި އެކަމަނާ ހިމެނިވަޑައިގަންނަވައެވެ. މި އުއްމަތުގެ ޙިބުރު އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުވެސް އެކަމަނާގެ އަރިހުން ޝަރީޢަތުގެ ޢިލްމާ ބެހޭގޮތުން ސުވާލު ކުރައްވައި އޮޅުން ފިލުއްވައެވެ.

އުއްމުސަލަމަތުގެފާނުގެ މާތްކަމުގެ ތެރޭގައި އެކަމަނާއަށް ޖިބުރީލުގެފާނު ފެނިވަޑައިގެންނެވުން ހިމެނެއެވެ. އެކަމަނާއަށް ޖިބުރީލުގެފާނު ފެނިވަޑައިގެންނެވީ ދިހުޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހުގެ ސިފަފުޅުގައެވެ.

ޙަވާލާ: މަޙްމޫދު އަޙްމަދު ޣައްޡަންފަރު، ގުރޭޓް ވިމެން އޮފް އިސްލާމް. 

 

ލިޔުނީ: ޢަލީ އިޙްސާން ފިރާޤު

މިއަދު އޮންލައިން