"ﷲގެ ނަބިއްޔާ (ﷺ)ގެ ދިފާޢުގައި ބަސް ނުބުނެވޭ ހާލަތަކަށް މީހަކު ހިނގައްޖެ ނަމަ ދެން އެމީހެއްގެ ކިބައިން ހެވަކަށް (ހެޔޮ ކަމަކަށް) އުންމީދު ނުކުރާށެވެ!"- ފަޟީލަތުއްޝައިޚް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
މިއީ މީގެ 2 އަހަރުކުރިން ޑރ. ޢަލީ ޒާހިރު ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިއަދު ރާއްޖޭގައި ކަންކަން ހިނގަމުނަދާގޮތަށް ބަލައިފިނަމަ އެއިރަށްވުރެ މިކަމުގައި ދައުލަތް ވަނީ ނުކުޅެދުންތެރިކަން އިތުރުވެފައެވެ. ގިނަ ބައަކުވެސް ވަނީ ނުކުޅެދިފައެވެ. ޤާނޫނުތައް ވަނީ ފޭލްވެފައެވެ.
ޤުރްއާނާއި ސުންނަތް ދިފާޢުކުރަން ނުކުޅެދުމުން އެކަންވާނީ "ﷲގެ ނަބިއްޔާ (ﷺ)ގެ ދިފާޢުގައި ބަސް ނުބުނެވުން" ނޫން ދެވަނަ ކަމަކަށް ނޫނެވެ. އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ކުރުމުން އެކަން މަނާކުރަން ނުކުޅެދުމުންވެސް މެއެވެ.
ޝައިޚްގެ ބަސްފުޅުން އެނގިގެންދަނީ މަޤާމު ދިފާޢުކުރުމަށް ނުވަތަ އެނޫންވެސް ދުނިޔަވީ ސަބަބުތަކަށްޓަކައި ނަމަވެސް ﷲގެ ނަބިއްޔާ (ﷺ)ގެ ދިފާޢުގައި ބަސް ނުބުނެވޭ ހާލަތަކަށް މީހަކު ހިނގައްޖެ ނަމަ ދެން އެމީހެއްގެ ކިބައިން ހެވަކަށް (ހެޔޮ ކަމަކަށް) އުންމީދު ކުރުމެއް ނެތް ކަމެވެ. އެމީހެއްގެ ކިބައިން ރަނގަޅު އެއްވެސް ކަމެއް ފައުޅުވެދާނެ ކަމަށް ޤަބޫލުކުރުމެއް ނެތް ކަމެވެ.
ވީމާ އިސްލާމް ދީނުގެ ޙުކުމްތައް ޤާއިމުކުރަން ނުކުޅެދޭ ބައެއްގެ ކިބައިން ޙާޞީލުވާނެ އިތުރު އެއްވެސް ހެޔޮކަމެއް ނެތްކަން އެއީ ކޮންމެ މުސްލިމަކުވެސް ޔަޤީންކުރަންޖެހޭނެ ކަމެކެވެ.