ވިލާ ކޮލެޖުން އެކޮލެޖުގެ ޕްރޮގްރާމްތަކުން ދަސްވެނިވާ ދަރިވަރުންގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވައިފިއެވެ. މި ދަރިވަރުން ދަސްވެނިވެފައިވަނީ އެކަމަށްޓަކައި ވިލާ ކޮލެޖުގެ ހޯލުގައި ބޭއްވުނު ރަސްމިއްޔާތުތަކުގައެވެ. ކޯވިޑް-19 ގެ ޙާލަތުގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ދަސްވެނިންނަށް ރަސްމިއްޔާތެެއް ބޭއްވިފައިނުވުމުގެ ސަބަބުން މިއަހަރު ވަނީ 2020 އާއެކު 2021 ގެ ދަރިވަރުންވެސް ދަސްވެނިވެފައެވެ. އެގޮތުން މުޅި ޖުމްލަ 1459 ދަރިވަރުން މި ޙަފްލާތަކުގައި ދަސްވެނިވެފައިވާއިރު، މީގެ ތެރެއިން 858 ދަރިވަރުންނަކީ 2020 ވަނަ އަހަރުގެ ދަސްވެނިންނަށް ވީއިރު، 601 ދަރިވަރުންނަކީ 2021 ވަނަ އަހަރުގެ ދަސްވެނިންނެވެ.
މި ޙަފްލާތަކުގައި ދަސްވެނިވެފައިވަނީ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް، ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އަދި ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ދަރިވަރުންނެވެ. މީގެ ތެރޭގައި މި ފެކަލްޓީތަކުގެ ތަފާތު 24 ކޯހަކުން ދަސްވެނިވާ ދަރިވަރުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ. މި ރަސްމިއްޔާތުތައް ބޭއްވިފައިވަނީ 24 އަދި 25 ސެޕްޓެމްބަރ 2021 ގައި 4 ސެޝަނަކަށް ބަހާލެވިގެންނެވެ. މިގޮތުން ފުރަތަމަ ދެ ސެޝަން 24 ސެޕްޓެމްބަރ ގައި ބޭއްވުނު އިރު ބާކީ އޮތް ދެ ސެޝަން ބޭއްވިފައިވަނީ 25 ސެޕްޓެމްބަރ 2021 ގައެވެ. މިފަދައިން ސެޝަންތަކަކަށް ބަހާލެވިގެން މި ރަސްމިއްޔާތުތައް ކުރިއަށް ގެންދެވިފައިވަނީ ވީހާވެސް ގިނަ ދަރިވަރުންނަށް ދަސްވެނިވުމުގެ ފުރުސަތު ދިނުމަށް ކަމަށް ވިލާ ކޮލެޖުން މަޢުލޫމާތު ދެއްވިއެވެ.
މި ޙަފްލާތަކުގައި ވިލާ ކޮލެޖުގެ ފައުންޑަރ، އޮނަރަބަލް ޑރ. ޤާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި ޤައުމެއް ކުރިއަރާ ދިޔުމުގައި ބޭނުންވާނެ އެންމެ މުހިންމު އަސާސަކީ މީހުން ބިނާ ކުރުން ކަމަށާއި އަދި އެކަމަށްޓަކައި ކުރެވޭ މަސައްކަތްކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން އެމަނިކުފާނުގެ މަސައްކަތުގެ ތަޖުރިބާއިން އެފަދަ މަސައްކަތެއް ކުރުމަށް ބޭނުންވަނީ ޢިލްމީ މުއައްސަސާއެއްކަން ވިސްނިވަޑައިގަތުމުގެ ނަތީޖާއަކީ 14 އަހަރު ފުރެން ފައްކާވެފައިވާ، ތަފާތު 8 ދާއިރާއަކުން ތަޢުލީމާއި ތަމްރީނުގެ 117 ޕްރޮގްރާމް އުފެދިފައިވާ، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ތަޢުލީމު ދޭ މުއައްސަސާއެއް މިއަދު އުފެދިފައިހުރުން ކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު ދެއްކެވި ވާހަކަފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި ވިލާ ކޮލެޖުގެ ޕްރޮގްރާމްތައް ފަރުމާކުރެވިފައިވަނީ އެޕްރޮގްރާމްތަކުގެ ތެރެއިން ނުވަތަ އެޕްރޮގްރާމްތައް ނިންމުމުން ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ގްރެޖުއޭޓް އެޓްރިބިއުޓްތައް އަށަގަންނަގޮތަށް ކަމަށެެވެ. އަދި މި ސިފަތަކުގެ ތެރޭގައި ހިމެނޭ ޢިލްމު ހޯދުމުގެ ޤާބިލުކަމާއި، ކަންކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ރޫޙާއި އަދި ފަންނީ ޤާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގެންފައިވާނެކަމަށާއި އޭގެ ސަބަބުން ދިރިއުޅުމަށް ހެޔޮ އަސަރު ކޮށްފައިވާނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ޑރ. އަންވަރު ވިދާޅުވިއެވެ.
މި ޙަފްލާތަކުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، ޑރ. ޢަލީ ނަޖީބު ވިދާޅުވި ގޮތުގައި ވިލާ ކޮލެޖަކީ ދިވެހިރާއްޖޭގައި ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ އެންމެ ގިނަ ދަރިވަރުންނަށް ކިޔަވައިދޭ މުއައްސަސާއަށް ވެފައި، މިފަހަރު ދަސްވެނިވި ދަރިވަރުންނާއެކު ވިލާ ކޮލެޖު މި ރޮނގުން އެހެން މަތީ ތަޢުލީމު ދޭ މުއައްސަސާތަކަށްވުރެ ފެޔަށް ޖެހިލާ، ލީޑު ފުޅާ ކުރާނެއެވެ. އަދި މީގެ އިތުރުން ޑރ. ނަޖީބު ފާހަގަ ކުރެއްވި ގޮތުގައި މި ޙަފްލާތަކުން ދަސްވެނިވާ ދަރިވަރުންގެ 60 އިންސައްތައަކީ އަންހެން ކަނބަލުން ކަމުގައާއި މިއީ ވިލާ ކޮލެޖުން އަންހެން ބޭކަނބަލުންނަށް މަތީ ތަޢުލީމު ފޯރު ކޮށްދިނުމަށާއި، އެކަނބަލުން ބާރުވެރި ކުރުވުމަށާއި، ބައިވެރިކުރުވުމަށާއި މުޖުތަމަޢުގައި އެކަނބަލުންގެ ޙައްޤު މަޤާމު ހޯދައިދިނުމަށްޓަކައި އަދާކުރާ ޚާއްސަ ދައުރު ރަމްޒުކޮށްދޭ ކަމެކެވެ.
މުޅި ރާއްޖޭގައިވާ ވިލާ ކޮލެޖުގެ އެކި ކެމްޕަސްތަކުން ދަސްވެނިވެގެން ނުކުންނަ އިތުރު ދަރިވަރުންތަކެއްވެސް މި ޖަލްސާގައި ފެނިގެންގޮސްފަައިވާއިރު، ޖުމްލަ ދަސްވެނިންގެ 20 އިންސައްތަ އަކީ ވިލާ ކޮލެޖުގެ އަތޮޅު ތެރޭގެ އެކި ކެމްޕަސްތަކުން ދަސްވެނިވެފައިވާ ދަރިވަރުންކަން ފާހަގަ ކޮށްލެވެއެވެ. އަދި ވިލާ ކޮލެޖުގެ ކޮންމެ ކެމްޕަހަކުން ތަޢުލީމް ހާސިލްކޮށް ދަސްވެނިވެގެން ނިކުންނަ ދަރިވަރުންނަކީ ތަޢުލީމާއި ހުނަރުވެރިކަމުގެ ދާއިރާއިން ފަންނުވެރިކަން ހާސިލްވެފައިވާ، މަސައްކަތުގެ މާޙައުލުގައި ތަފާތު ދައްކާނެ ދަރިވަރުންތަކެކެވެ.