ޔޫސުފުގެފާނު ވާހަކަ 5: އަޒީޒުގެ އަނބިކަނލުންގެ ފިތުނަ، އަދި ޔޫސުފުގެފާނުގެ ރީތިކަންފެނި މިޞްރުގެ އަންހެނުންގެ އަތްތައް އަމިއްލައަށް ކޮށުން

ކިޔުމަށް ހޭދަވާނީ 9މ 57ސ
ޔޫސުފުގެފާނު ވާހަކަ 5: އަޒީޒުގެ އަނބިކަނލުންގެ ފިތުނަ، އަދި ޔޫސުފުގެފާނުގެ ރީތިކަންފެނި މިޞްރުގެ އަންހެނުންގެ އަތްތައް އަމިއްލައަށް ކޮށުން

ލިޔުނީ: ޢަލީ އިޙްސާން ފިރާޤު

ޢަޒީޒުގެ އަނބިކަނބަލުންގެ ފިތުނަވެރިކަން

ކޮންމެއަކަސް ޔޫސުފުގެފާނު ފުރާފުރިހަމަވެ، ބޮޑުފުޅުވީ ހިނދު، ޢަޒީޒުގެ އަނބިކަނބަލުން ފިތުންވެރިކަމާ ކުރިމަތި ލައްވަން ޖެހިވަޑައިގެންފިއެވެ. އެކަމަނާ އެކަލޭގެފާނާއެކު ފާޙިޝް ޢަމަލު ކުރުމަށް ޤަޞްތުކޮށް އެކަލޭގެފާނު އެކަމަނާގެ މަޅީގައި ޖައްސާލެވޭތޯ މަސައްކަތްކުރަން ފެށިއެވެ. މިވާހަކައިގެ ތަފްޞީލު ޤުރްއާނުގެ ޔޫސުފް ސޫރަތުގެ 23 ވަނަ އާޔަތުން ފެށިގެން 25 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތްތަކުންނެވެ.

وَرَاوَدَتْهُ الَّتِي هُوَ فِي بَيْتِهَا عَن نَّفْسِهِ وَغَلَّقَتِ الْأَبْوَابَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ اللَّـهِ ۖ إِنَّهُ رَبِّي أَحْسَنَ مَثْوَايَ ۖ إِنَّهُ لَا يُفْلِحُ الظَّالِمُونَ ﴿٢٣﴾ وَلَقَدْ هَمَّتْ بِهِ ۖ وَهَمَّ بِهَا لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ ۚ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ ﴿٢٤﴾ وَاسْتَبَقَا الْبَابَ وَقَدَّتْ قَمِيصَهُ مِن دُبُرٍ وَأَلْفَيَا سَيِّدَهَا لَدَى الْبَابِ ۚ قَالَتْ مَا جَزَاءُ مَنْ أَرَادَ بِأَهْلِكَ سُوءًا إِلَّا أَن يُسْجَنَ أَوْ عَذَابٌ أَلِيمٌ ﴿٢٥﴾ 

މާނައީ: [އަދި އެކަލޭގެފާނު އެކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ އަރިހުން ނުބައި ކަމަކަށް އެދުނެވެ. އަދި ދޮރުލައްޕައި، އެކަނބުލޭގެ ދެންނެވިއެވެ. ކަލޭގެފާނު (ތިމަންނާގެ ގާތަށް) ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. [معاذ اللَّه] އެވެ. (އެބަހީ: اللَّه ގެ ރައްކާތެރިކަމަށް އެދެމެވެ. خيانة ތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން، ތިމަންގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓާފައިވަނީ، މާތް ރަނގަޅުގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރިން ނުދިނޭނެތެވެ. އަދި ހަމަކަށަވަރުން (އެދުމާއެކު) އެކަނބުލޭގެ އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ دليل ފެނިވަޑައިނުގެންނެވިނަމަ، އެކަލޭގެފާނުގެ ހިތްޕުޅުވެސް އެކަނބުލޭގެ ފަރާތަށް ލެނބުނީހެވެ. އެފަދައިން (އެ دليل ދެއްކެވީ) ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ކިބައިން ނުބައި عمل އާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ خيار ކުރެއްވި އަޅުންގެ ތެރެއިންނެވެ. އަދި އެ ދެމީހުންމެ ދޮރާ ދިމާއަށް އަވަސްވެގެންފޫއެވެ. އަދި އެކަނބުލޭގެ އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން (ހިފައި) ވީދައިލިއެވެ. އަދި ދޮރުކައިރިން އެކަނބުލޭގެ ފިރިމީހާ އެ ދެމީހުންނަށް ފެނުނެވެ. އެކަނބުލޭގެ ބުންޏެވެ. ތިބާގެ އަނބިމީހާއަށް ނުބައިކަމެއްކުރަން އުޅުނުމީހަކަށް، އެމީހާ ޖަލުގައި ހައްޔަރުކުރުން، ނުވަތަ ވޭންދެނިވި عقوبات ދިނުން ފިޔަވައި އޮތީ ކޮން ޖަޒާއެއް ހެއްޔެވެ؟.]

ޢަޒީޒުގެ އަނބިކަނބަލުންގެ މިދެންނެވި ފަދައިން ވިދާޅުވުމުން، ޔޫސުފުގެފާނުވެސް އެކަލޭގެފާނުގެ ދިފާޢުގައި ވާހަކަފުޅު ދެއްކެވިއެވެ. އެންމެ ފުރަތަމައަށް ކަންތައް ހިނގައި ދިޔަގޮތުގެ ވާހަކަ ވިދާޅުވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ.]

ހަމަ އެ ވަގުތުމެ، ޢަޒީޒުގެ އަނބިކަނބަލުންގެ ތިމާގެ މީހުންގެ ތެރެއިން ހެކިވެރިއަކު ބުންޏެވެ. [އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ކުރިމަތިންނަމަ، އެކަނބުލޭގެ އެބުނީ ތެދެވެ. އަދި އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިންނެވެ. އަދި އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންނަމަ، އެކަނބުލޭގެ އެހެދީ ދޮގެވެ. އަދި އެކަލޭގެފާނު އެވަނީ ތެދުވެރިންގެ ތެރެއިންނެވެ.] {ޔޫސުފު 26 އަދި 27}

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [އެ އާޔަތުގައި ބަޔާން ކުރެވިފައިވާ ހެކިވެރިއަކީ، ޅަފަތުގެ ދާނުގައިވާ ތުއްޕުޅު ބޭފުޅެކެވެ.] ޞަޙާބީންގެ ތެރެއިން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުވެސް ދެކެވަޑައިގަންނަވާ ގޮތަކީ މިއީއެވެ. ޠާބިޢީންގެ ތެރެއިން ސަޢީދު ބިން ޖުބައިރު ރަޙިމަހުﷲ ވެސް ދެކެވަޑައިގަންނަވަނީ މިގޮތަށެވެ. އިމާމު އިބްނު ޖަރީރުއް ޠަބަރީ އެންމެ ރާޖިޙު ކަމުގައި ދެކެވަޑައިގަންނަވަނީވެސް މިދެންނެވި ރިވާޔަތަށެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު 147 ވަނަ ޞަފްޙާ}

ދެން އެބައިމީހުން ޔޫސުފުގެފާނުގެ ގަމީސްކޮޅު ބެލިބެލުމުން އެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންކަން އެނގުނެވެ. އެހިނދު މިޞްރުގެ ޢިއްޒަތްތެރި ޢަޒީޒު ވިދާޅުވިއެވެ. [ހަމަކަށަވަރުން، އެއީ ތިޔަކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ކަމެކެވެ. ހަމަކަށަވަރުން، ތިޔަކަނބަލުންގެ މަކަރުވެރިކަމަކީ، ބޮޑުވެގެންވާ ކަމެކެވެ. يوسف ގެފާނެވެ! މިކަންތަކުން ދުރުހެލިވެވަޑައިގަންނަވާށެވެ! އަދި ކަނބުލޭގެ ކުރި ކުށަށް މާފު އެދޭށެވެ! ހަމަކަށަވަރުން، ކަނބުލޭގެވަނީ، ކުށްވެރިންގެ ތެރެއިންނެވެ." {ޔޫސުފު 28 އަދި 29}

މިޞްރުގެ އަންހެނުން

ޢަޒީޒުގެ ގަނޑުވަރުގައި ހިނގައި ދިޔަ ކަންތައްތަކުގެ ވާހަކަ ކޮންމެވެސް ގޮތަކުން އެ ގަނޑުވަރުން ބޭރުވެއްޖެއެވެ. މި ޚަބަރު މިޞްރުގައި ފަތުއަޑު ކިޔައިފައި، ފެތުރިގެންފިއެވެ. މިޞްރުގެ އަންހެނުންތައް ތަންތަނަށް ކޯޅިކޯޅިއަށް އެއްވެތިބެ މި ވާހަކަ ދައްކަން ފަށައިފިއެވެ. އެ އަންހެނުންތައް ބުނަމުން ގެންދިޔައެވެ. [ޢަޒީޒުގެ އަންހެނުން، އެކަނބުލޭގެ އަޅުކުއްޖާގެ ކިބައިން ނުބައިކަންތަކަށް އެދެނީއެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ހިތްވަނީ، އެކުއްޖާގެ ލޯބިން ފުރިފައެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ވާކަމަށް ތިމަންމެންދެކެނީ ބަޔާންވެގެންވާ ފުރެދުމެއްގައެވެ.] {ޔޫސުފު 30}

ޢަޒީޒުގެ އަނބިކަނބަލުނަށް މިޞްރުގެ އަންހެނުންތައް އޭނާއާ ގުޅުވައިގެން ދައްކަމުން ގެންދިޔަ ވާހަކަތައް އެނގުމުން އެކަމާ ވަރަށް ހިތް ހަމަނުޖެހުނެވެ. ވަރަށް ރުޅިއަތުވެއްޖެއެވެ.  ދެން އޭނާ ބޭނުންވީ އެބައިމީހުންނަށް يوسف عليه السّلام، ދައްކައިލުމަށެވެ. އެކަލޭގެފާނުގެ ރީތިފުޅުކަން ފެނި އެފަދަ ކަމެއް އެއީ ހިނގުން އެކަށީގެންވާ ކަމެއްކަން ޘާބިތުކޮށްދެއްވުމަށެވެ. މި ވާހަކަ ޔޫސުފު ސޫރަތުގެ 31 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَأً وَآتَتْ كُلَّ وَاحِدَةٍ مِّنْهُنَّ سِكِّينًا وَقَالَتِ اخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُ أَكْبَرْنَهُ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَاشَ لِلَّـهِ مَا هَـٰذَا بَشَرًا إِنْ هَـٰذَا إِلَّا مَلَكٌ كَرِيمٌ ﴿٣١﴾

މާނައީ: "ފަހެ، އެ އަންހެނުން ދެއްކި (މަލާމާތުގެ) މަކަރުވެރި ވާހަކަ އެކަނބުލޭގެއަށް އިވުމުން، އެއުރެން ބަލައިފޮނުވިއެވެ. އަދި ލެނގިގެންތިބޭނެ ތަނެއް ތައްޔާރުކުރިއެވެ. އަދި އެއިންކޮންމެ މީހަކަށް ފިޔޮއްސެއް ދިނެވެ. އަދި يوسف ގެފާނަށް ދެންނެވިއެވެ. އެއުރެންގެ ތެރެޔަށް ނުކުމެވަޑައިގަންނަވާށެވެ! ދެން، އެ އަންހެނުން އެކަލޭގެފާނު ދުށްހިނދު، އެއުރެން އެކަލޭގެފާނުގެ ރީތިކަމާމެދު حيران ވޫއެވެ. އަދި އެއުރެން އަތްތައް ކޮށަމުން ދިޔައޫއެވެ. އަދި ބުނެފޫއެވެ. [حاش للَّه] އެވެ. (اللَّه ގެ ހުސްطاهر ވަންތަ ކަމާއެވެ!) މިއީއަކީ آدم ގެދަރިއެއްވާ ނޫނެވެ. މިއީ ހަމަކަށަވަރުން، މާތްވެގެންވާ ملائكة އަކު ކަމުގައި ނޫނީ ނުވެތެވެ."

ޔޫސުފުގެފާނުގެ ރީތިފުޅުކަމުގެ މަސްތުގައި ޖެހި، ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި މިޞްރުގެ އަންހެނުންތަކުގެ އަތްތައްކޮށިގެން ދިޔަތަން، ޢަޒީޒުގެ އަނބިކަނބަލުންނަށް ފެނިވަޑައިގަތުމުން އެކަމަނާ އެކަނބަލުންނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ.

[ތިޔަބައިމީހުން ތިމަންނާއަށް މަލާމާތްކޮށް ވާހަކަދެއްކީ، އޭނާއާ މެދުގައެވެ. ހަމަކަށަވަރުން، ތިމަން އޭނާގެ ކިބައިން ނުބައިކަންތަކަށް އެދުނީއެވެ. ފަހެ، އެހިނދު އޭނާ އެކަމުން ރައްކާތެރިވެގަތެވެ. އަދި ތިމަން އޭނާއަށް أمر ކުރާ ކަންތައް ނުކުޅަނަމަ، ޖަލުގައި އޭނާ ހައްޔަރު ކުރެވޭނެކަން ކަށަވަރެވެ. އަދި އޭނާ ވާހުށީ، ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.] {ޔޫސުފު 32}

ނުނިމޭ...

މިއަދު އޮންލައިން