ޔޫސުފުގެފާނު ވާހަކަ 3: އަޚުން އެކަލޭގެފާނު ވަޅަށް އެއްލަވައިލެއްވުމާ، ޤާފިލާގެ މީހުން އެކަލޭގެފާނު ވަޅުން ނެގުން

ކިޔުމަށް ހޭދަވާނީ 7މ 17ސ
ޔޫސުފުގެފާނު ވާހަކަ 3: އަޚުން އެކަލޭގެފާނު ވަޅަށް އެއްލަވައިލެއްވުމާ، ޤާފިލާގެ މީހުން އެކަލޭގެފާނު ވަޅުން ނެގުން

ޢަލީ އިޙްސާން ފިރާޤު

ވަޅުގައި

  ޔޫސުފުގެފާނުގެ ދިހަ އަޚުންގެ އެތައް ބަހަނާއެއްގެ ނަތީޖާއެއްގެ ގޮތުން ޔަޢުޤޫބުގެފާނަށް ޖެހިވަޑައިގަތީ، ހަތިޔާރު ބަހައްޓަވާށެވެ. ޔޫސުފުގެފާނު އެބައިމީހުންނާއެކު ކައިބޮއެ އުފާކުރުމަށްޓަކައި ފޮނުއްވަ ދެއްވާށެވެ. ނަމަވެސް އެބައިމީހުންގެ މި އިޙްސާންތެރިކަމާއި، ކޮއްކޯފުޅަށް ހެޔޮ އެދިވަޑައިގަތުމުގެ ފަހަތުގައި ފޮރުވިފައިވަނީ އަނިޔާވެރިކަންކަމެއް އޭރު ޔަޢުޤޫބުގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެބައިމީހުން ޔޫސުފުގެފާނު ގޮވައިގެން ވަޑައިގެން ކަންތައް ކުރެއްވިގޮތް ކީރިތި ޤުރްއާނުގެ ޔޫސުފު ސޫރަތުގައި ބަޔާން ކުރައްވައިފައިވަނީ، މިދަންނަވާ ޢިބާރާތުންނެވެ.  

فَلَمَّا ذَهَبُوا بِهِ وَأَجْمَعُوا أَن يَجْعَلُوهُ فِي غَيَابَتِ الْجُبِّ ۚ وَأَوْحَيْنَا إِلَيْهِ لَتُنَبِّئَنَّهُم بِأَمْرِهِمْ هَـٰذَا وَهُمْ لَا يَشْعُرُونَ ﴿١٥﴾

މާނައީ: "ފަހެ، އެއުރެން އެކަލޭގެފާނު ގޮވައިގެން ދިޔަހިނދު، އަނދިރި ވަޅަކަށް އެކަލޭގެފާނު ލުމަށް އެންމެން އެއްބަސްވޫއެވެ. ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ. އެއުރެންގެ މިކަންތަކުގެ ވާހަކަ، އެއުރެންނަށް ނޭނގިތިއްބައި، ހަމަކަށަވަރުން، ކަލޭގެފާނު އެއުރެންނަށް (ފަހުން) ކިޔައިދެއްވާނެތެވެ." 

މިދެންނެވި ނުބައި ޢަމަލުކުރުމަށްފަހު، އެބޭފުޅުން ރޭގަނޑުގެ ވަގުތުގައި އެބޭފުޅުންގެ ޙުރުމަތްތެރި ބައްޕާފުޅުގެ އަރިހަށް ވަޑައިގެންނެވިއެވެ. ޔަޢުޤޫބުގެފާނުގެ ފައިންޕުޅު ދެކެން އެބޭފުޅުން ވަޑައިގެންނެވި ހިތާމަޔާއި މޮޅިވެރިކަމާއެކުގައެވެ. ރޮމުން ރޮމުންނެވެ. އެބޭފުޅުން ވަޑައިގެން ޔަޢުޤޫބުގެފާނުގެ އަރިހުގައި ދެންނެވިއެވެ.

[އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންގެ ސާމާނުތަކުގެ ކައިރީގައި يوسف ގެފާނު ބަހައްޓާފައި، ތިމަންމެން ވާދަކުރުމަށް ދިޔައީމުއެވެ. ދެން މިނިކާވަގެއްއައިސް، އެކަލޭގެފާނު ކައިފިއެވެ. ތިމަންމެން ތެދުވެރިންކަމުގައިވިޔަސް، ކަލޭގެފާނު ތިމަންމެންގެ ބަސް ތެދެއް ނުކުރައްވާނެތެވެ.] {ޔޫސުފު 17}

މިނިކާވަގުގެ ޝިކާރަޔަށް ޔޫސުފުގެފާނު ވެވަޑައިގެންނެވި ކަމުގެ ހެއްކެއްގެ ގޮތުން ލޭ އުނގުޅާފައިވާ ގަމީހެއް ޔަޢުޤޫބުގެފާނަށް އެބޭފުޅުން ދައްކަވައި ލެއްވިއެވެ. އެ ގަމީހަކީ، ޔޫސުފުގެފާނު އެބޭފުޅުންނާއެކު ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ގަމީސްކޮޅެވެ. މިވާހަކަ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ލަފުޒުތަކުންނެވެ.

[އަދި އެއުރެން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައޫއެވެ. (يعقوب ގެފާނު) ވިދާޅުވިއެވެ. އެހެންނަކުންނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ نفس ތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ اللَّه އެވެ.]

ޢައްލާމާ އިބްނު ކަޘީރު ރަޙިމަހުﷲ، އެކަލޭގެފާނުގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ. [އެބައިމީހުން ޔޫސުފުގެފާނުގެ ގަމީސްކޮޅުގައި، ބަކަރިއެއްގެ ލޭ އުނގުޅައިގެން ގެނައި އިރު، އެ ގަމީސްކޮޅުގެ ތަންތަންކޮޅު ވީދައިލުމަކަށް ހަނދުމަފުޅެއް ނެތެވެ. ޔަޢުޤޫބުގެފާނު، އެބޭފުޅުންގެ ވާހަކަފުޅުތައް އަނބުރައި ރައްދު ކުރެއްވި ސަބަބަކީ އެއީއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު 147 ވަނަ ޞަފްޙާ}

يوسف عليه السّلام، ގެ އަޚުން އެކަލޭގެފާނު ވަޅުގެތެރެއަށް އެއްލަވައިލެއްވުމަށްފަހު، ވަޑައިގެންނެވިއެވެ. ޔޫސުފުގެފާނު އެ ވަޅުގެ ތެރޭގައި ގިނިކަންޔާ ވަގުތުތައް ހޭދަކުރައްވަމުން ގެންދެވިއެވެ. އަބޫ ބަކުރު ބިން ޢައްޔާޝް ވިދާޅުވެފައިވައިވާކަމަށް ޢައްލާމާ އިބްނު ކަޘީރު ރަޙިމަހުﷲ، ލިޔުއްވައިފައިވެއެވެ. [ޔޫސުފުގެފާނު އެވަޅުގެ ތެރޭގައި، ތިންދުވަސް ވަންދެން ހުންނެވިއެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު 147 ވަނަ ޞަފްޙާ}

ޔޫސުފުގެފާނު އެކަނިވެރިކަމުގެ ވަގުތުތައް ގުނުއްވަމުން ގެންދަވަނިކޮށް އަރަހުށި މާތްﷲ އެތަނަށް ވިޔަފާރި ޤާފިލާއެއް ފޮނުއްވިއެވެ. الإمام القرطبي ލިޔުއްވައިފައިވާ ގޮތުގައި އެ ވިޔަފާރި ޤާފިލާއަކީ، ޝާމުކަރައިން މިޞްރަށް ދަތުރު ކުރަމުން ދިޔަ ފިޔަފާރި ޤާފިލާއެކެވެ. ދެން އެ ޤާފިލާގެ ވެރިން އެބައިމީހުންނަށް ފެންގެނެސްދޭ މީހާ އެވަޅުގެ ކައިރިއަށް ފެންނަގަން ފޮނުވިއެވެ. އޭނާ އޭނާގެ ބާލިދީ ފެންވަޅަށް ތިރިކުރުމުން يوسف عليه السّلام، އެ ބާލިދީގައި ދެއަތްޕުޅުން ހިއްޕެވިއެވެ. ދެން އޭނާ ބާލިދީ ނަގައި ބެލުމުން ފެނުނީ ހަނދެއް ފަދަ ރީތި ސޫރައެއް ލިބިފައިވާ ފިރިހެން ކުއްޖެކެވެ.

މިވާހަކައަށް އިޝާރާތް ކުރައްވައި ޔޫސުފު ސޫރަތުގެ 19 ވަނަ އާޔަތުގައި އަރަހުށި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

وَجَاءَتْ سَيَّارَةٌ فَأَرْسَلُوا وَارِدَهُمْ فَأَدْلَىٰ دَلْوَهُ ۖ قَالَ يَا بُشْرَىٰ هَـٰذَا غُلَامٌ ۚ وَأَسَرُّوهُ بِضَاعَةً ۚ وَاللَّـهُ عَلِيمٌ بِمَا يَعْمَلُونَ ﴿١٩﴾

މާނައީ: "އެތަނަށް ދަތުރުކުރާ ބަޔަކު އައޫއެވެ. އަދި އެއުރެންނަށް ފެން ގެނެސްދޭމީހާ (ވަޅުކައިރިއަށް) ފޮނުވޫއެވެ. އަދި އޭނާ ބާލިދީ ވަޅަށް ތިރިކޮށްފައި (يوسف ގެފާނު ވަޅުން ނަގާފައި) ބުންޏެވެ. އޭ ހުރި އުފަލެއްގެ ބޮޑުކަމާއެވެ! މިހުރީ ކުޑަ ފިރިހެން ކުއްޖެކެވެ. ދެން ވިޔަފާރި މުދަލެއްގެ ގޮތުގައި، އެކަލޭގެފާނު ފޮރުވައި، ރައްކާކޮށްފޫއެވެ. اللَّه އީ، އެމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ވަރަށް ގިނަ މުފައްސިރު ލިޔުއްވައިފައިވާ ގޮތުގައި، ވިޔަފާރި ޤާފިލާގެ މީހުން ޔޫސުފުގެފާނު ވަޅުން ނެންގެވިއިރު، އެތަނުގައި، އެކަލޭގެފާނުގެ އަޚުން ތިއްބެވިއެވެ. ޤާފިލާގެ މީސްތަކުން ޔޫސުފުގެފާނު ވަޅުން ނެގުމުން އެބައިމީހުން ގޮސް ޤާފިލާގެ މީހުންނަށް ދެންނެވީ، ޔޫސުފުގެފާނަކީ، އެބައިމީހުންގެ އަޅުކުއްޖެއްކަމަށެވެ. އެއަށްފަހު، އެބައިމީހުން ޔޫސުފުގެފާނު، ޤާފިލާގެ މީސްތަކުންނަށް ވިއްކައިލިއެވެ. ޔޫސުފް ސޫރަތުގެ ވިހިވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

وَشَرَوْهُ بِثَمَنٍ بَخْسٍ دَرَاهِمَ مَعْدُودَةٍ وَكَانُوا فِيهِ مِنَ الزَّاهِدِينَ ﴿٢٠﴾

މާނައީ: [އަދި ވަރަށް ކުޑަ އަގަކަށް، ގުނައިލެވޭ މަދު درهم ކޮޅަކަށް، އެއުރެން އެކަލޭގެފާނު ވިއްކާލައިފޫއެވެ. އަދި އެކަލޭގެފާނާމެދު، އެއުރެންވީ (މަދު އެތިކޮޅަކަށް ރުހޭ) زاهد ންގެ ތެރެއިންނެވެ.]

ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވަނީ، ޔޫސުފުގެފާނުގެ އަޚުން، އެކަލޭގެފާނު ވިއްކައިލެއްވީ ވިހި ދިރުހަމަށް ކަމަށެވެ. މިފަދައިން، ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހާއި، ސުއްދީ އާއި، ޤަތާދާ ރަޙިމަހުﷲ ގެ އަރިހުންވެސް ރިވާވެގެން އައިސްފައިވެއެވެ. ވިހި ދިރުހަމު އެބައިމީހުންގެ މެދުގައި ހަމަހަމައަށް ބަހާލުމުން އޭގެ ތެރެއިން ކޮންމެ ބޭކަލަކަށް ލިބިވަޑައިގަތީ ދެ ދިރުހަމެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު 151 ވަނަ ޞަފްޙާ}

ނުނިމޭ..

މިއަދު އޮންލައިން