އިސްލާމް ދީނުގައި އަންގަވާފަވާ ގޮތާ ކަނޑައެޅިގެން ޚިލާފުވާގޮތަށް ފޭރާން އަޅައިގެން ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސްކޮށްފައި ތަންމިނަށް ހުޅުވާ ބާއްވާފައި، އިސްލާމްދީނާ އެއްގޮތަށް ހެދުންއެޅުމުން ވަޒީފާއިން ވަކިކުރުމަކީ ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ވަރަށްބޮޑު ޖަރީމާއެއް, ބޭއިންޞާފެއް އަދި ލާއިންސާނީ އަނިޔާއެއް ކަމަށް ޖަމްޢިއްޔަތުއްސަލަފުން ބުނެފިއެވެ.
''އިސްލާމް ދީނުގެ އެއްވެސް އަޞްލަކާ ޚިލާފަށް ޤާނޫނެއް އަދި ޤަވާޢިދެއް ނުހެދޭނެކަމަށް ސާފު ޢިބާރާތުން ބަޔާންކޮށްފައިވާ ދުސްތޫރަކުން ބާރުލިބިގެންވާ ދަޢުލަތެއްގެ މުއައްސަސާތަކަކުން ހިންގަމުން އެދާ "ޣައިރު ޤާނޫނީ" ޢަމަލު ވަގުތުން ވަގުތަށް ހުއްޓާލުމަށް'' ޖަމްޢިއްޔަތުއްސަލަފުން ވަނީ ގޮވާލާފައެވެ.
ސަލަފުގެ ބަޔާން:
މޫނުބުރުގާއަޅާ އަންހެނުން ސިވިލްސާރވިސްގެ ވަޒީފާއިން ވަކިކުރުމުގެ ސިޔާސަތާ ދެކޮޅު ހެދުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފުން ނެރޭ ނޫސް ބަޔާން.
اَلْحَمْدُ لِلَّهِ اَلَّذِي أَنْزَلَ اَلْكِتَابَ تِبْيَانًا لِكُلِّ شَيْءٍ وَهُدًى لِلْمُتَّقِينَ. وَأَشْهَدُ أَنْ لَا إِلَهَ إِلَّا اَللَّهُ, اَلْمَلِكُ اَلْحَقُّ اَلْمُبِينُ. وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ, اَلصَّادِقُ اَلْأَمِينُ صَلَّى اَللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ وَالتَّابِعِينَ وَسَلَّمَ تَسْلِيمًا كَثِيرًا. وبعد.
އިސްލާމްދީނަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވި އެންމެ ބޮޑު ނިޢުމަތެވެ. އެ ނިޢުމަތަށް ޝުކުރުވެރިވުމަކީ އެއިލާހުގެ ދީނާއި އެއްގޮތަށް އަޅުގަނޑުމެންގެ އުޅުމާއި، ގުޅުންތައް ބައްޓަންކުރުމެވެ. އެހެނީ އިސްލާމް ދީނަކީ އެދީނުގައި ދެދުނިޔޭގެ އެންމެހައިކަމެއް އެކުލެވޭ ޝާމިލް، ކާމިލް ދީނެކެވެ. ވީމާ މި މަތިވެރި ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން މިދީނުގެ ޝިޢާރުތައް ޙިމާޔަތްކޮށް، ދީނާ ދެކޮޅަށްކުރެވޭ އެންމެހާ ނޭއްގާނީ ކަންކަމާމެދު އިންކާރުކުރުމަކީ ކޮންމެ މުސްލިމެއްގެ އެންމެ އިސް ވާޖިބެވެ. މިޖަމްޢިއްޔާ އަކީ އުފެދުނީންސުރެން މިއަދާ ހަމައަށްވެސް މިމަތިވެރި މަޤްޞަދުގައި މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.
މީލާދީ ސަނަތުން 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ދިވެހިރާއްޖޭގެ ބައެއް ސުކޫލުތަކުގައި މަސައްކަތްކުރާ އަންހެން ޓީޗަރުން މޫނުބުރުގާ އަޅާތީ ވަޒީފާއިން ވަކިކުރަމުން ދާދިއުމާ މެދު އިންކާރުކުރާ ޙާލު، އެކަމަކީ އިސްލާމް ދީނުގައި މާތް ﷲ ބާވައިލައްވާފައިވާ ފުރިހަމަ ޝަރީޢަތަށް ނަފްރަތުކުރާ ބައެއްގެ ލާދީނީ ޢަމަލެއްކަމުގައި ޖަމްޢިއްޔަތުއްސަލަފަށް އެއްވެސް ޝައްކެއްނެތި ކަށަވަރު ވެއްޖެކަން ދިވެހި ލޮބުވެތި މުސްލިމް އެންމެހާ އަހުލުންނަށް ހާމަކޮށް އިޢުލާންކުރަމެވެ. މި ޖަމްޢިއްޔާއިން ޤަބޫލުކުރަނީ؛ އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނެއް ނެތް ތައުޙީދުގެ މިބިމުގައި ފުރިހަމަ އިސްލާމީ ޔުނީފޯމުގައި ހުރެ މަސައްކަތުގައި ދެމިހުރުމަށްޓަކައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާ، ވެރީންގެ އަރިހުގައި އާދޭސްކޮށް ސަލާންޖަހައިގެން، އެ ޙައްޤު ހޯދަންޖެހުމަކީ އިސްލާމްދީނުގެ ބީރައްޓެހިކަން މި އިސްލާމީ ދީބަށް ވެރިވެފައިވާކަމުގެ ވަރުގަދަ ހެއްކެއް ކަމަށެވެ. މީގެ އިތުރުން އެތައް އަބުޠާލުންގެ ލެއިން ޤުރުބާވެގެން މިއަދުގެ ޖީލާ ހަމައަށް ގެނެސްދެއްވި ދިވެހި ޤައުމިއްޔަތު އަސާސުކަމުގައިވާ އިސްލާމްދީނުގެ މިފަދަ ޝިޢާރުތައް ދިފާޢުކޮށް، ދިރުވައި އެޔަށް ނަޞްރުދޭންވީ ބަޔަކީ ދިވެހި މުސްލިމުންގެ ވެރިކަމާ ހަވާލުވެފައިވާ ފަރާތްތައްކަމެވެ.
ދަންނައެ! ދީނުގައި އަންގަވާފަވާ ގޮތާ ކަނޑައެޅިގެން ޚިލާފުވާގޮތަށް ފޭރާން އަޅައިގެން ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސްކޮށްފައި ތަންމިނަށް ހުޅުވާބާއްވާފައިމެ، އިސްލާމްދީނާ އެއްގޮތަށް ހެދުންއެޅުމުން ވަޒީފާއިން ވަކިކުރުމަކީ ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ވަރަށްބޮޑު ޖަރީމާއެކެވެ. ބޭއިންޞާފެކެވެ. ލާއިންސާނީ އަނިޔާއެކެވެ. އިސްލާމް ދީނުގެ އެއްވެސް އަޞްލަކާ ޚިލާފަށް ޤާނޫނެއް އަދި ޤަވާޢިދެއް ނުހެދޭނެކަމަށް ސާފު ޢިބާރާތުން ބަޔާންކޮށްފައިވާ ދުސްތޫރަކުން ބާރުލިބިގެންވާ ދަޢުލަތެއްގެ މުއައްސަސާތަކަކުން ހިންގަމުން އެދާ "ޣައިރު ޤާނޫނީ" ޢަމަލު ވަގުތުން ވަގުތަށް ހުއްޓާލުމަށް މިޖަމްޢިއްޔާއިން ގޮވާލަމެވެ.
އިސްލާމްދީނުގެ ޢިލްމާއި ތާރީޚާއި އަދި ޘަޤާފަތާއި ޙަޟާރަތް ދަންނަ އެއްވެސް މީހަކު ދެބަސްނުވާނެ ފަދައިން މުސްލިމު އަންހެނުން ހިލޭ ފިރިހެނުންގެ ކުރިމަތީގައި މުޅި ހަށިގަނޑު ފޮރުވާ "މޫނުބުރުގާ" އެޅުމަކީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް ޙިޖާބުގެ އާޔަތް ޤުރްއާނުގައި ބާވާލެއްވި ދުވަހުންފެށިގެން މިއަދާ ހަމައަށްވެސް މުސްލިމު އަންހެނުން ކުރަމުން އަންނަކަމެކެވެ. ހުޅަނގުގެ ބާރުތަކުން ޢުޘްމާނީ ޚިލާފަތުގެ ބާރު ކަނޑުވާލާ މުސްލިމު ބިންތަކަށް ވެރިވެގަނެ "ލާދީނީ" ފިކުރުތައް އެބިންތަކުގައި ފެތުރިގެންދިއުމުގެ ކުރިން މުސްލިމު އަންހެނުންނަކީ ހިލޭ ފިރިހެނުންގެ ކުރިމައްޗަށް މޫނު ކަޝްފުކޮށްގެން ގެއިންބޭރަށް ނުކުންނަވާ ބައެއް ނޫންކަށް މުޅި "ދުނިޔޭގެ ތާރީޚު"ވެސް ހެކިދެއެވެ. އަދި މޫނުބުރުގާއަކީ މިއުއްމަތުގެ ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުން އަދި އުއްމަތުގެ އެންމެ ހެޔޮލަފާ ޞަޙާބީންގެ އަންހެންބޭކަނބަލުން އެޅުއްވި ފޭރާމެއްކަން އެނގި ޘާބިތުވެއެވެ. އެހެނީ ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި މިކަމަށް އަމުރުކުރައްވާފައެވެ. ސޫރަތުލް އަޙްޒާބުގެ 59 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. يٰۤـاَيُّهَا النَّبِىُّ قُلْ لِّاَزۡوَاجِكَ وَبَنٰتِكَ وَنِسَآءِ الۡمُؤۡمِنِيۡنَ يُدۡنِيۡنَ عَلَيۡهِنَّ مِنۡ جَلَابِيۡبِهِنَّ ؕ ذٰ لِكَ اَدۡنٰٓى اَنۡ يُّعۡرَفۡنَ فَلَا يُؤۡذَيۡنَ ؕ وَكَانَ اللّٰهُ غَفُوۡرًا رَّحِيۡمًا
މާނައީ: "އޭ ނަބިއްޔާ އެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ޖިލްބާބުތަކުން މުޅިހަށިގަނޑު ފޮރުވައިނިވާކުރެއްވުމަށް ވިދާޅުވާށެވެ. އެއީ އެކަނބަލުންނަކީ ކޮންބައެއްކަން އެނގިގެންވުމަށާއި އަދި އެކަނބަލުންނަށް ފޮށެއުދަނގޫ ކުރިމަތިނުވުމަށް އެގޮތް މާގާތްކަން ބޮޑެވެ."
މިއާޔަތުގައި މިވާ އަމުރުފުޅު ޞަހާބީންވަނީ ތަންފީޒުކުރައްވާފައެވެ. އެގޮތުން ﷲ ރުއްސުއްލެއްވި އަސްމާ ބިންތި އަބޫބަކުރުގެ އަރިހުން އެކަމާނާގެ މާމަދަރިކަނބަލެއްކަމުގައިވާ ފާޠިމާތު ބިންތް މުންޒިރު ރިވާކުރައްވާފައިވެއެވެ. އަސްމާގެފާނު ވިދާޅުވެއެވެ. "كنا نغطي وجوهنا من الرجال في الإحرام" رواه الحاكم، "حجاب المرأة المسلمة" (ص 108) .
މާނައީ: "އިޙްރާމު އަޅައިގެން ތިބޭއިރުވެސް ތިމަންމެންގެ (އެބަހީ: ޞަޙާބިއްޔާއިންގެ) މޫނުތައް ހިލޭފިރިހެނުންނަށް ނިވާކޮށްހަދަމުއެވެ."
އެހެންކަމުން ޤުރްއާނާއި ސުންނަތާއި އަދި ޞަޙާބީންގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުގެ އަލީގައި ހިލޭފިރިހެނުންގެ ކުރިމަތީގައި މުސްލިމު އަންހެނުން އެކަނބަލުންގެ މޫނު ނިވާކޮށް ފޮރުވުމަކީ ޝަރުޢީ ޝިޢާރެއްކަމާއި މެދު މުޅި އުއްމަތުގެ ހުރިހާ ޢިލްމުވެރިންވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. އިސްލާމީ ފިޤުހުވެރިންގެ މެދުގައި ފަހަކަށް އައިސް މިމައްސަލާގައި އުފެދިފައިވާ ޚިޔާލުތަފާތުވުމަކީ މޫނުބުރުގާ ނޭޅުމަށް އުފެދިފައިވާ ޚިލާފެއްނޫނެވެ. އަދި މޫނުބުރުގާ އަޅާ އަންހެންކަނބަލުންނަށް އެކަން މަނާކޮށް ހުރަސްއެޅުމަށްވެސް އުފެދިފައިވާ ޚިލާފެއްވެސް ނުމެ ނޫންމެއެވެ. އެބޭކަލުން ބަޙުޘުކުރައްވާފައިވާކަމަކީ "މޫނުބުރުގާ" ނާޅާ އަންހެނަކު ފާފަވެރިވާނެތޯ ނުވަތަ ނޫންތޯއެވެ. އެއްވެސް ޙާލެއްގައި "މޫނުބުރުގާ"އަކީ އިސްލާމުދީނުގެ ޝިޢާރެއްތޯ ނުވަތަ ނޫންތޯ ޝައްކުއުފެދިގެން ވާހަކަދައްކަވާފައިވަނީއެއް ނޫނެވެ. އަދި ކިއެއްތަ، އެއީ އެންމެ މޮޅު އިތުރުވެގެންވާ ގޮތްކަމަށް ހުރިހާ ދަންނަބޭކަލުން ވަނީ އެއްބަސްވެވަޑައިގެންފައެވެ. ޚާއްޞަކޮށް ފިތުނަވެރި ޒަމާނެއްގައިނަމަ މޫނުބުރުޤާ އެޅުމަކީ ހުރިހާ އަންހެނުންނަށް ވާޖިބުކަމެއްކަމަށް ހުރިހާ މަޒުހަބެއްގެ ދަންނަބޭކަލުންވަނީ ވިދާޅުވެފައެވެ. އެގޮތުން ޝާފިޢީ މަޒްހަބުގެ ފިޤުހުވެރިއެއްކަމަށްވާ ابن رسلان الشافعي ވިދާޅުވެފައިވެއެވެ. "اتفق المسلمون على منع النِّساء أن يخرجن سافرات عن الوجوه، لاسيما عند كثرة الفسَّاق."(عون المعبود 11/162). މާނައީ: "އަންހެނުން މޫނު ކަޝްފުކޮށް ދައްކައިގެން ގެއިންބޭރަށް ނުކުތުން މަނާކުރުމާއި މެދު މުސްލިމުންވަނީ އިއްތިފާޤުވެފައެވެ. ޚާއްޞަކޮށް ފާސިގުން ގިނަ ވަގުތެއްގައި ނަމައެވެ."
މިއީ ދިވެހިރާއްޖޭގައި މިއަދަކު ޢިލްމުވެރިން އަމިއްލަޔަށް ހަދަހަދައިގެން ދައްކަވާ ވާހަކައެއް ނޫނެވެ. އަދި މިދިވެހިރާއްޖޭގެ ޙަޔާތުގައިވެސް އާކަމެއް ނުމެ ނޫންމެއެވެ. އަދި ކިއެއްތަ މިއީ ދިވެހި ދަންނަބޭކަލުން އެބޭކަލުންގެ ފޮތްތަކުގައި ބަޔާންކުރައްވައި ޢާއްމުކުރައްވާ ދެއްވަވާފައިވާ ތަޢުލީމެވެ. މިއީ ޘަޤާފީގޮތުންވެސް އިހުގެ ދިވެހި މުސްލިމް އަންހެނުންގެ ފޭރާމެވެ.
އާދެ! ދިވެހިންގެ "އުސްތާޛުލްޖީލު" މުޙައްމަދު ޖަމީލުދީދީގެ މަޝްހޫރު ފިޤުހު ފޮތްކަމުގައިވާ "ތަޢުލީމުއްދިޔާނާގެ" ދެވަނަބައިގެ 51 ވަނަ ޞަފްޙާގައި "ޢައުރަ" އާއި ބެހޭގޮތުން އެމަނިކުފާނު ލިޔުއްވާފައިވާ ޢިބާރާތް ކިޔުއްވާލައްވާށެވެ!
"މިނިވަން އަންހެނާގެ عور އީ، ކާވެނި ހެއުނުވާމީހުންނާއި مسلم އަންހެނުންގެ ގާތުގައިނަމަ، ފޫޅާއި ކަކުލާއިދެމެދެވެ. ހިލޭފިރިހެނުންގެގާތުގައި ނަމަ މުޅިހަށިގަޑެވެ." އޭގެ ކުރީގެ ދިވެހިންގެ ފިޤުހުފޮތްކަމުގައިވާ މަޝްހޫރު "ބޮޑުތަރުތީބު" ގައިވެސް ވަނީ " ނަމާދުންބޭރުގައި،މޫނާއި ދެއަތްތިލަޔާއި ވިޔަސް عَوْرَ މެއަ" މިހެންނެވެ. (ބައްލަވާ: ޢަލީ އެދުރުތަކުރުފާނުގެ زهرالكمالات في أحكام العبادات 178ޞ)
އިސްވެދިޔަ ދަލީލުތަކުން ސާފުވެ އެގިގެންދަނީ "މޫނުބުރުގާ" އަކީ އަންހެންކަނބަލުންގެ އިސްލާމީ ޔުނީފޯމް ކަމާއި އެއީ އެއްވެސް މީހަކަށް އިންކާރު ކުރެވެން ނެތް ދީނީ ކަމެއްކަމެވެ.
އެހެންކަމުން މިހާ ސާފުކޮށް ފެންނައޮތްކަމެއް މަނާކޮށްގަތުމަށް އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތެވެ. އަދި ކިއެއްތަ މޫނުބުރުގާއަކީ އިސްލާމީ ފޭރާމެއްކަމަށްވީހިނދު އެކަމަށްޓަކާ އެފޭރާމަށް ނުރުހި ނަފްރަތު ކުރާ ހިތްތަކުގައި އީމާންކަން ހަރުލައި ނުހުންނާނެއެވެ.އަދި އީމާންކަން ނެތް ހަށިގަނޑަކުން ކުރެވޭނެ އެއްވެސް ހެޔޮ ޢަމަލެއް ﷲ ގެ ޙަޟްރަތުގައި ނުމެ އޮންނާނެތެވެ. ވީމާ، ދިވެހިރާއްޖޭގެ ސިވިލްސާރވިސްގެ މުވައްޒަފުންގެ ހެނދުން އެޅުމާއި ބެހޭ ޤަވާޢިދަށް ރިޢާޔަތްކޮށް "ކާކުކަން ނޭނގޭނެތީ" އޭ ބުނެ އަންހެން ޓީޗަރުންތަކެއް ވަޒީފާއިން ވަކިކޮށް އަނެއްބަޔަކު ވަޒީފާއިން އެކަހެރިކޮށް ދަތިކުރުމަކީ އިސްލާމްދީނުގެ މައްޗަށް ކުރެވޭ ބޮޑު އަނިޔާއެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކުން މިކަމާއިމެދު ޚަބަރުދާރުވެ، މިހިނދުން މިހިނދަށް ޤާނޫނުތަކާ ޤަޥާޢިދުތައް އިސްލާމީފޭރާމާ ޢަދާވާތްތެރިނޫން ބީދަޔަކުން އިޞްލާޙްކުރުމަށް މަސައްކަތްފެށުމަށް ހަރުއަޑުން ގޮވާލަމެވެ. އަދި މިފުރުޞަތުގައި މުސްލިމު އަންހެނުން ޢިއްފަތްތެރިކަމުން ނެރެ އެކަނބަލުން "ބަރަހަނާ" ކުރުމަށް ތަފާތު ޖަމްޢިއްޔާތަކުގެ ނަމުގައި ދިވެހި ޤައުމުގައި ހިންގަމުން އަންނަ ދީނެއް ޤަބޫލުނުކުރާ "ފެމިނިޒަމް" ގެ "ލާދީނީ" ޙަރަކާތްތަކާއި މެދު އެންމެހާ މުސްލިމުން ހޭއަރާތިބުމަށް ޖަމްޢިއްޔަތުއްސަލަފުން ވަޞިއްޔަތްކުރަމެވެ. އަދި އިސްލާމީ އުޞޫލުތަކާ ޚިލާފަށް ދެޖިންސުގެ މީހުން އެއްވެ މަސްހުނިނުވާނެ ގޮތަށް އަބުރުވެރިކަމާއި ޢިއްފަތްތެރިކަމާއި އެކު ދިވެހިރާއްޖޭގެ އެންމެހާ ވަޒީފާތަކެއް އަދާކުރެވޭނެފަދަ "ވަޒީފާގެ އިސްލާމީ ވެއްޓެއް" ޤާއިމުކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަށް ދިވެހި ދައުލަތުގެ ވެރިންނަށް އިލްތިމާސްކުރަމެވެ.
ދަންނައެ! މޫނުބުރުގާއަކީ އިސްލާމީ ފޭރާމުގެ ޙިއްޞާއެއްކަމަށްވާ ހިނދު އަދާކުރާ ވަޒީފާއަށް އޭގެ ސަބަބުން އެއްވެސް ހުރަހެއް އޮވެގެންނުވާނެއެވެ. އިސްލާމީ ޢަޤީދާގެ ސަބަބުން ދިވެހި މުޥާޠިނުންގެ ވަކިބަޔެއް ތަފާތުކޮށް އެއުރެންގެ ޙައްޤުތަކުން މަޙްރޫމްކުރުމީ ޤާނޫނުއަސާސީ އާ ސީދާ ޚިލާފުކަމެއްކަންވެސް ހަނދުމަކުރުން ހުއްޓެވެ. ސައިންސާއި ޓެކްނޮލޮޖީގައި ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި މޫނު ފަރުދާކޮށްގެން ހުންނަ މީހާއަކީ އިދާރީބޭނުމަށްޓަކައި ކާކުކަން ދެނެގަނެވޭނެ އެތައް އާލާތްތަކެއްވަނީ އީޖާދުކުރެވި ބޭނުންކުރެވެންފަށާފައެވެ. އެހެންކަމުން މޫނުބުރުގާ އަޅައިގެން ކިޔަވައިނުދެވޭނެކަމާއި ދަރިވަރުންގެ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމަށް ބުނުމަކީ މީލާދީން 15 ވަނަ ޤަރުނުގައި ޔޫރަޕްގެ ޤައުމުތަކުން ހޯދަމުންދިޔަ ޢިލްމީ ދިރާސާ ތައް ވަޅުލައި އެފަދަކަންތައްތަކަށް ޖާގަނުދޭން ކްރިސްޓިއަން ފައްޅިތަކުގެ ނޫފޫޒުގައި ގޮވައިލާފައިވާ ފިކުރުފަދަ ނާތަހުޛީބު ބުނުމެކެވެ. ދިވެހިންނަކީ ޢިލްމާއި ބުއްދިއަށް މަތިވެރި މަޤާމެއް ދެއްވާފައިވާ އިސްލާމްދީނުގެ އަހުލުވެރިންނަށް ވީހިނދު "ޢިލްމީ އެއްވެސް ބުރަދަނެއް" ނެތް ތަފާތު ބަހަނާ ދައްކައިގެން އިސްލާމީ އަދި ޢިއްފަތްތެރިކަމުގެ ޝިޢާރުކަމަށްވާ އައުރަނިވާކުރުމުގެ މި ޝިޢާރު ނައްތާލުމަށް ކުރަމުން އަންނަ ޔަހޫދީ މިމަކަރުވެރި ރޭވުމަށް އެކީއެކައްޗަކަށް އިންކާރުކުރުން ދިވެހި އުއްމަތަށްވާޖިބު ވެއްޖެއެވެ. ހަމަމިއާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ މޫނުބުރުގާ އަޅައިގެން ވަޒީފާއިން ވަކިކޮށް ނިކަމެތިކޮއްފާވާ ބައެއް އަންހެން ކަނބަލުންނަކީ އެކަނބަލުންގެ ކިޔަވައިދިނުމާއި، ދަރިވަރުންގެ ފެންވަރުމަތިކުރުމުގައި ފާހަގަ ކުރެވޭފަދަ ރަނގަޅު ނަތީޖާ ދައްކާފައިވާ ޓީޗަރުންކަމަށް އެކަނަބަލުން ވަޒީފާ އަދާކުރަމުންދާ މުއައްސަސާއާ ބެލެނިވެރިންވެސް ހިމެނޭ ގޮތަށް އެތައްބަޔަކު ހެކިވެފައިވާ ދިވެހިއަންހެނުންނެވެ. ހިތާމަޔަކީ މިއަދުގެ ތަޢުލީމީ ވަޒީރަކީ އަންހެންބޭކަނބަލަކަށްވެފައިމެ، އަންހެންކަނަބަލުންގެ ކުރިއެރުމަށް މަސައްކޮށްދެއްވުމުގެ ބަދަލުގައި، އެކަނބަލުންގެ ވަޒީފާއަށް ހުރަސް އަޅައި، މަސައްކަތު ދާއިރާއިން އެކަނބަލުން އެކަހެރިކުރާތަން މިފެންނަނީ އަންހެނަކުގެ އިސްލާމީ ފިކުރުގެ ސަބަބުން ކަމަށްވުމެވެ.
ދެންފަހެ، މިފުރުޞަތުގައި ތިމާޤަބޫލުކުރަމުން އައި ޝަރުޢީ އުޞޫލު؛ ވަޒީފާގެ ބިރަށްޓަކައި ދޫކޮށްނުލައި މޫނުބުރާގާ ނުބާލައި ޢިއްފަތްތެރިކަމުގެ އިސްލާމީ ޢަޤީދާ އިސްކުރެއްވި "ހިތްވަރުގަދަ ޤާބިލު ލޮބުވެތި އެންމެހާ ޓީޗަރުން" އެދެއްކެވި "ލާމަސީލު ނަމޫނާ" މިޖަމްޢިއްޔާއިން ފާހަގަކޮށް އެކަނބަލުންނަށް ސާބަސް ދެމެވެ. ދުޢާ އަކީ ﷲ ތަޢާލާ އަޅުގަނޑުމެންނާއި އެލޮބުވެތި އުޚުތުންނަށް އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮތައުފީޤު ދެއްވުމެވެ. އާމީން!
ދަންނައެ، އަންހެނުންގެ ޙައްޤުތަކަށް މަސައްކަތް ކުރާކަމަށް ދަޢުވާކުރަމުންދާ ޖަމްޢިއްޔާތަކުން އަންހެނަކު އަޅާ ހެދުމެއްގެ ސަބަބުން ވަޒީފާގެ ޙައްޤުތައް ލިބިދިނުމުގައި ތަފާތުކޮށްގެން ނުވާނެކަމަށް މިއޮއްހުރިހާ ދުވަހު އިންސާނީ ޙައްޤާއި އަންހެނުންގެ ޙައްޤުގެ ނަމުގައި ގޮވި ގޮވެލިތައް މިމައްސަލާގައި ގޮވާތަން ނުފެންނަ ހިނދު އެފަދަ ގިނަ ޖަމްޢިއްޔާތަކުގެ މުނާފިޤުކަން މިފަދަ ތާރީޚީ ޙާދިޘާތަކުން މުސްލިމުންނަށް މިއަދު ކަޝްފުވެ ފާޅުވެގެންދާނެއެވެ.
ދިވެހި ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އަދާއިހަމައަށް އޮތްއޮތުމަކީ ކާފިރުން ދިވެހިރާއްޖެއާއި މެދު އެންމެ ކަންބޮޑުވެ ޙަސަދަވެރިވާ މައްސަލައެވެ. އެހެންކަމުން ރާއްޖެއަކީވެސް ދީނީ ތަޅާފޮޅުންތައް އޮތް މުޖުތަމަޢަކަށް ހެދުމަށް ހުޅަނގުގެ ޤައުމުތަކުގެ ކާފިރު މިޝަންތަކުން އަންނަނީ ތަފާތު ޒަމާންތަކުގައި ތަފާތު ރޭވުން ރާވައި އެކަމަށް ބޮޑެތި މަސައްކަތްތައް ކުރަމުންނެވެ.
ދަންނައެ! މޫނުބުރުގާ އަކީ އިސްލާމީ ޝިޢާރެއްކަމާއި އަދި އެފޭރާންއެޅުމަކީ "ދީނީގޮތުން ހައްދު ފަހަނަ އަޅާދިއުން ނޫންކަމަށް" ދިވެހި ދަޢުލަތުގެ އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއިން 19-21 ޖަނަވަރީ 2017 ގައި "ﷲ ގެ އިންތައް ފަހަނައަޅާނުދާށެވެ." މިޝިޢާރުގެ ދަށުން ބޭއްވި ޢިލްމުވެރިންގެ ބޮޑު މަހާސިންތާއިން ނިންމާ އެމަހާސިންތާގެ ތަވްޞިޔާތު ގެ ތިންވަނަ ނުކުތާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ހަމަ މި ތަވްޞިޔާގެ ފުރަތަމަ ނުކުތާގައި ވަނީ މިފަދައިންނެވެ. "ދީނުގައި ކަނޑައަޅުއްވާފައިވާ ވާޖިބުތަކާއި އުޞޫލުތަކަށް ޢަމަލުނުކުރުމަކީވެސް ހައްދުފަހަނައަޅައިދިޔުން ކަމުގައިވާތީ، ދީނާ ޚިލާފު ކަންތައްތައް ފަރުދީ އަދި ޤައުމީ ފެންވަރުގައި ނުކުރުމަށް މަހާސިންތާގެ ބައިވެރިން ގޮވާލައެވެ." އިސްލާމްދީނުގެ ޢަދުލުވެރި "މެދުމިނަށް" މީސްތަކުން އަހުލުވެރިކުރުވާ، އިސްލާމްދީނާ ބީރައްޓެހި ހަރުކަށި ފިކުރުތަކުން މީސްތަކުން ދުރުކުރުމަށް މިޖަމްޢިއްޔާއިން ކެނޑިނޭޅި ކުރަމުން ގެންދާ ބުރަމަސައްކަތުގައި އެންމެބޮޑު އެއް ގޮންޖެހުމަކީ ދީނާ އެއްގޮތަށް އުޅޭމީހުންނަށް ދަތިކޮށް އުދަނގޫތައް ކުރިމަތިކުރުމެވެ. އެކަމުގެ ސަބަބުން ހައްދުފަހަނަ އެޅުމުގެ ފިކުރުތައް އުފެދުމުގެ ފުރުސަތު ބޮޑުވުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމަކަށްވާއިރު، އެކަމު ޒިއްމާ ނަންގަވަން ޖެހޭނީވެސް މިކަމުގައި ސަބަބެއްކަމުގައި ވަމުންއެދާ ފަރާތްތައްކަން ދަންނަންޖެހެއެވެ.
ވީމާ، އިސްލާމުދީނާއި އަދި އިސްލާމީ ޝިޢާރުތަކާއި ދެކޮޅަށް ކުރެވެމުން އަންނަ މިފަދަ ޢަމަލުތަކާއި މެދު އެންމެހާ ދިވެހިން ހޭލާ ތިބުމަށް މިޖަމްޢިއްޔާއިން ގޮވާލަމެވެ. އަދި މޫނުބުރުގާ އާއި ފިރިހެނުންގެ ތުނބުޅިއާއި އެނޫންވެސް އިސްލާމީ ޝިޢާރުތަކާއެކު ދިވެހރާއްޖޭގައި ކޮންމެ މީހަކަށްވެސް ވަޒީފާ އަދާކުރެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އަދަބުވެރިކަމާއެކު ރާއްޖޭގެރައީސުލްޖުމްހުރިއްޔާއަށް އިލްތިމާސްކުރަމެވެ.
23 ذوالقعدة 1438
15 އޮގަސްޓް 2017