ކޮންމެ ދެމީހަކުވެސް ކައިވެނިކުރަނީ އެކުގައި މުޅި ޢުމުރު ހޭދަކުރުމުގެ ނިޔަތުގައެވެ. އެކަމަށް ނިޔަތް ނެތި ކައިވެނިކުރާނަމަ އެކައިވެނި ވާނީ ކައިވެނީގެ މަޤްޞަދާއި ޚިލާފަށް ކުރެވޭ ކައިވެންޏަކަށެވެ. އެހެންކަމުން އެކުގައި މުޅި ޢުމުރަސް ދިރިއުލުން ވާންޖެހޭނީ ކައިވެނީގެ ފުރަތަމަ މަޤްޞަދު ކަމަށެވެ.
ހަމައެއާއިއެކު އެކުގައި ސުވަރުގެ ވަނުމުގެ ނިޔަތް ނެތްނަމަ ކައިވެނީގެ މަޤްޞަދު އެވަނީ ފޭލްވެފައެވެ. އެހެނީ ދުނިޔޭގައި ދިރިއުޅެން ލިބޭ ދުވަސްކޮޅަކީ ތަކްލީފްތަކުން ފުރިގެންވާ ވަރަށް ކުރު މުއްދަތެކެވެ. ދުވަހަކުވެސް ނިމުމެއްނުވާ އެންމެ އުފާވެރި ޙަޔާތް ލިބެން އޮތީ ސުވަރުގެއްިން ކަމުގައިވާތީއެވެ.
ބައެއް ބޭކަލުން މިދެ މަޤްޞަދު ކުޅުވާއި އެއް މަޤްޞަދަކަށް ހައްދަވައެވެ. އަދި ކައިވެނީގެ މަޤްޞަދަކަށްވާންޖެހޭނީ މުޅި އުމުރަށް އެކުގައި ދުނިޔޭގައި އުޅުމާއި ޤިޔާމަތް ދުވަހު އެކުގައި ސުވަރުގެވަނުން ކަމަށް ބަޔާންކުރައްވައެވެ.
ކައިވެނީގެ މަޤްޞަދަކީ މިއީ ކަމުގައިވީނަމަވެސް ކައިވެންޏަށްފަހު ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ވަރިވާން އެބަޖެހެއެވެ. ނުވަތަ ވަރިކުރަން އެބަޖެހެއެވެ. ފާހަގަކޮށްމިލަނީ އެޙާލަތުގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ބައެއް ކަންކަމެވެ.
1- އެންމެ ރަނގަޅު ގޮތަކީ ކައިވެނި ޜޫޅައިލުންކަން ޔަޤީންކުރަންވާނެއެވެ. ޢާއިލާގެ މީހުންނާއި ހެޔޮލަފާއެކުވެރިންނާއި މަޝްވަރާކުރަންވާނެއެވެ. ނަމަވެސް އެންމެ ފަހު ބަސްބުނާ މީހަކަށް ނުވަތަ ގޮތް ނިންމާ މީހަކަށްވާންޖެހޭނީ ތިމާއެވެ. އެކަން އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލައިގެން ނުވާނެއެވެ.
2- ރުޅިވެރިކަމުގައި ހުރެ ގޮތް ނިންމައިގެން ނުވާނެއެވެ. ގޮތް ނިންމަންޖެހޭ ވަރަށް ރަނގަޅަށް ހަމަޖެހިލައިގެން ހުރެ އެކަށީގެންވާ މުއްދަތެއްގައި ވިސްނުމަށްފަހުގައެވެ.
3- ބައިވެރިޔާގެ ކިބައިން ފެންނަ ނުރަނގަޅު ކަންކަމަށް އެކަނި ވިސްނައި ގޮތް ނުނިންމާށެވެ! އޭނާގެ ކިބައިން ފެންނަ ރަނގަޅު ކަންކަމަށްވެސް ރިޢާޔަތްކުރަންވާނެއެވެ. ދެބައިވެސް ކިރަންވާނެއެވެ.
4- ތިމާ ނިންމާ ނިންމުމަކީ ފަހުން ހިތާމަކުރަން ޖެހިދާނެ ނިންމުމެއް ނޫންކަން ޔަޤީންކުރަންވާނެއެވެ. އެކަން ކުރެވޭނީ އެކަށީގެންވާ ވަގުތުނަގައިގެންނެވެ. ވަށައިގެންހުރި ހުރިހާ ކަންކަން ދިރާސާކޮށްގެންނެވެ.
5- ކައިވެނީގައި ދަރިން ލިބިފައިވާނަމަ އެކަން ހައްލުކުރާނެ ގޮތާއިމެދު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ކައިވެނި ރޫޅައިލުމުން އެކަން އެންމެ ފުރިހަމައަށް ނުބެލެހެއްޓެވުނު ނަމަވެސް ކުދިންނަށް އަނިޔާނުލިބޭނެ ގޮތްތަކަށް ވިސްނަންވާނެއެވެ. ގެއްލުން އެންމެ ކުޑަވާނެ ގޮތް ބަލައި އަމަލކުރަންވާނެއެވެ.
6- ކައިވެންޏަށްފަހު ދެން އޮތް ދުވަސްތަކަކީ ކާމިޔާބު ދުވަސްތަކަކަށްވާނެކަން ހިތުގެ އަޑިން ޔަޤީންކުރަންވާނެއެވެ.
7- ކައިވެންޏަށްފަހު ފާފަ ނުކޮށް ސާބިތުކަންމަތީގައި ހުރެވޭނެކަން ޔަޤީން ކުރަންވާނެއެވެ.
8- އެއްވެސް މީހަކު ދައްކާ ހުވަފެން ޤަބޫލުކޮށްގެން މާއުފާވެރި ޙަޔާތެއް ލިބިދާނެކަމުގެ އަވާމެންދުރުގައި ހުރެ ކައިވެނި ރޫޅައިނުލާށެވެ!
9- ކައިވެނިރޫޅާލުމަކީ ﷲ ހުއްދަކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ރުހިވޮޑިނުގަންނަވާ ޢަމަލުކަމަށްވާއިރު އެކަން ނުކޮށް ކަންކަން ޙައްލުކުރެވޭނެ އެއްވެސްގޮތެއް އޮތްތޯ ބަލަންވާނެއެވެ.
10- ކައިވެނި ރޫޅައިލަން އުޅޭއިރުވެސް އަނެކާ ފަޟީޙަތްކޮށްގެން ނުވާނެއެވެ! ސިއްރުތައް ހިފަހައްޓަންވާނެއެވެ.
- ޑރ. މުޙައްމަދު ޝަމްސުއްދީން