ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ މިއަހަރުގެ އެންމެ ފަހު އެވެއާނަސް ކޭމްޕް ވ. އަތޮޅުގައި ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 36ސ
ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ މިއަހަރުގެ އެންމެ ފަހު އެވެއާނަސް ކޭމްޕް ވ. އަތޮޅުގައި ބާއްވަނީ

މުޖުތަމަޢު ހޭލުންތެރިކޮށް ޝާމިލު ވެއްޓެއް ބިނާކުރުމުގެ ގޮތުން، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން، މިއަހަރުގެ އެންމެ ފަހު އެވެއާނަސް ކޭމްޕް ވ. އަތޮޅަށް އަމާޒުކޮށްގެން ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ.

ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޭމްޕްގެ ހަރަކާތްތައް އޮންނާނީ ވ. ފުލިދޫ، ވ. ފެލިދޫ އަދި ވ. ކެޔޮދޫ މި ތިން ރަށުގައެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަށް ފަރާތްތަކުގެ ހައްޤުތަކަށް ވަކާލާތުކުރާ މި ޖަމުޢިއްޔާއިން ވަނީ، މިއަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ހަތަރު ސިޓީއެއްގައި ކާމިޔާބުކަމާއެކު ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެންގޮސްފައެވެ.

މި ކޭމްޕާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެ ޖަމުޢިއްޔާގެ މީޑިއާ ކޯޑިނޭޓަރު ޢަބްދުއްރައްޒާޤް ވިދާޅުވީ، މިފަދަ ޕްރޮގްރާމްތަކެއް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މެދު ޢާންމުންނާއި ޚިދުމަތްދޭ މުއައްސަސާތައް ހޭލުންތެރިކުރުވުން ކަމަށެވެ.

މިފަހަރުގެ އެވެއާނަސް ކޭމްޕްގެ ތާވަލު ހިއްސާކުރައްވަމުން އެ ޖަމުޢިއްޔާއިން ހާމަކުރި ގޮތުގައި، ވ. ފުލިދޫގައި ބާއްވާ ސެޝަން އޮންނާނީ ނޮވެންބަރު 14 ވަނަ ދުވަހުގެ ރޭގަނޑުއެވެ. އަދި ވ. ފެލިދޫގެ ސެޝަން ނޮވެންބަރު 15 ވަނަ ދުވަހުގެ ހެނދުނު ކުރިއަށްދާއިރު، ވ. ކެޔޮދޫގައި ބާއްވާ ސެޝަން އޮންނާނީ ނޮވެންބަރު 16 ވަނަ ދުވަހުގެ ރޭގަނޑުއެވެ.

މި އެވެއާނަސް ސެޝަންތަކަކީ ޚިދުމަތްދޭ މުއައްސަސާތަކަށާއި ޢާންމުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުރިހާ ފަރާތްތަކަށްވެސް އަމާޒުކޮށް ކޮންމެ އަހަރަކުވެސް ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ އެވެއާނަސް ޕްރޮގްރާމްތަކެކެވެ. މިފަހަރުގެ އެވެއާނަސް ދަތުރުގައި ޖުމުލަ ހިމެނެނީ ހަ މީހުންނެވެ. ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުނެފައިވަނީ މިފަހަރުގެ އެވެއާނަސް ސެޝަންތައްވެސް އެހެން ފަހަރުތަކެކޭ އެއްގޮތަށް ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް ގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ނައްތާލައި، މުޖުތަމަޢުގައި ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެ ޖަމުޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކުގައި އެކި ފަރާތްތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، ޖަމުޢިއްޔާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ. އެގޮތުން، މި ދަތުރުގެ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީ.އެމް.އޭ) އިން ވެދެއްވާ އެހީތެރިކަމާއި، ޖަމުޢިއްޔާގެ އެކި ހަރަކާތްތަކުގައި ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ) އިން ދެއްވާ އެއްބާރުލުމަށް މީޑިއާ ކޯޑިނޭޓަރު ޢަބްދުއްރައްޒާޤް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

މިއަދު އޮންލައިން