ސީޝެލްސްގެ އަލަށް އިންތިޚާބުވި ރައީސަށް ރައީސް ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ސީޝެލްސްގެ އަލަށް އިންތިޚާބުވި ރައީސަށް ރައީސް ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސީޝެލްސްގެ ޢާންމު އިންތިޚާބު ކާމިޔާބުކޮށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ރައީސް ލިންޔޮން ދިމޮކްރަތިކް ސެސެލްވާ (އެލް.ޑީ.އެސް) އަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނު ފޮނުއްވި މެސެޖުގައި އިންތިޚާބީ ރައީސް ލިންޔޮން ދިމޮކްރަތިކް ސެސެލްވާ އަދި އެމަނިކުފާނު ތަމްސީލުކުރައްވާ ޕާޓީން ސީޝެލްސްގެ ޢާންމު އިންތިޚާބުގައި ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި،ރާއްޖެއާ ސީޝެލްސް އަކީ ވެސް އިންޑިޔާ ކަނޑުގައިވާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމުކަމުގައި ވާތީ، ދެ ޤައުމުން ވެސް އަހައްމިއްޔަތުކަންދޭ އެއްގޮތް ކަންތައްތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަމާއި، ޤުދުރަތީ ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަށް ކުޑަކުރުން، އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި މި މައްސަލަތައް ޙައްލުކުރުމަށް އަޑުއުފުލުމުގައި ދެޤައުމުން ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކުރައްވައި، ސީޝެލްސްގެ އަލަށް އިންތިޚާބުވެވަޑައިގެންނެވި ރައީސްގެ ޒަޢާމަތުގައި ވެސް ދެ ޤައުމުގެ ސަރުކާރުން ގުޅިގެން މިގޮތުގައި މަސައްކަތްކުރާނެކަމުގައި އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ސީޝެލްސްގެ އައު ރައީސްއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގަންނަވަމުންނެވެ.

މިއަދު އޮންލައިން