ކޮރޯނާގެ ނަމުން ނަންދީފައިވާ ލޮލަލަށް ވެސް ނުފެންނަ ވަރުގެ ކުޑަކުޑަ ވައިރަސް އެއް ދުނިޔެއިން ފެނުނުތާ އެންމެ 4 ވަރަކަށް މަސްތެރޭގައި މުޅި ދުނިޔެ ބަންދުކުރުވައިފައެވެ. ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ބަންދެއްގައި ނެތް ހަމަ އެކަކުވެސް މިހާރަކު ނެތެވެ. ދުނިޔޭގައި ތިބި އެންމެން މިވަނީ ތަފާތު ފެންވަރުގައި ބަންދު ކުރުވައިފައެވެ.
އެންމެ ފަޤީރު ނިކަމެތިންނަށް ގެއިން ބޭރަށް ނުކުމެވެން ނެތްއިރު 10، 12 ވެހިކަލުގެ ސެކިޔުރިޓީ ލިބިގެން މަގުމަތީގަ އުޅުނު ބޮޑެތި ވެރިންތައް އެނދުމަތިކޮށްފިއެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ޖެޓްތައް ގަނެގެން ތިބި މީހުންނަށް ޤައުމުން ފުރޭކަށް ނެތެވެ. އެންމެ އަގުބޮޑު ކާރުތައް ގަނެގެން ތިބި މީހުންނަށް ކާރުގައި މަގުމައްޗަށް ނުކުމެވޭކަށް ނެތެވެ! އަދި ކީއްހެއްޔެވެ؟ އެއް ގެއިން އަނެއްގެއަށް، ގެއިން އޮފީހަށް ހެލިކޮޕްޓަރުގައި ނޫނީ ނުދެވުނު މީހުންނަށް ހެލިކޮޕްޓަރުގައި އުދުހިގަނެވޭކަށް ނެތެވެ!
ނިކަން ވިސްނައިލަބަލާށެވެ! ކުރިންވެސް ބުނި ފަދައިން ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުކަމަށް ބުނަމުން އަންނަ އެމެރިކާގެ ޑިފެންސް މިނިސްޓަރު، މޮޅަށް ޕެކިންގ ލެއްވި ދޮރުތައް ހުރި ޕެންޓެގަންގައި ބަންދުކޮށްލަން އެތަނަށް ވަންނަން ކޮރޯނާ އަށް އެއްވެސް ހުއްދައެއް، ފާހެއްވެސް ބޭނުމެއް ނުވިއެވެ. އެންމެ މޮޅު ޕެކިން ލައްވައި ފިއްތައި ބާރުކޮށްފައި ހުރި ދޮރުތަކުގެ ތެރެއިން ދެމިގަތީ އަނގައިވެސް ނުލައެވެ. އެތައް ހާސް ކެމެރާތައް ހުރިއިރު އެއްވެސް ކެމެރާއަކަށްވެސް ނާރައެވެ.
މީސްތަކުންނޭވެ! ދުނިޔެއަށް މިހައި ތަނަށް އައި އެންމެ ކުޑަކުޑަ އެ ވައިރަސް މުޅި ދުނިޔެއަށް ގޮންޖަހައި ކުރަމުން އެގެންދާ ކަންކަމުގެ ވާހަކަތައް ކިތަންމެދައްކައި ކޮޅުންލާން އޮތް ވާހަކައެއް ނޫނެވެ! ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް ޢިބްރަތް ޙާޞިލުކުރެވޭނީ ވިސްނައި ފިކުރުކުރި މީހަކަށެވެ.
ވިސްނަންވީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި ދީލަތުވަންތަކަމާއިމެދުގައެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށް ކަމާއިމެދުގައެވެ. ތިމާއަށް ކިތަންމެ ވަރުގަދަ ބާރުތަކެއް ލިބިފައިވާ ކަމަށް ޤަބޫލުކުރެވިގެން އުޅުނު ނަމަވެސް އެއްވެސް މަޚްލޫޤަކީ ﷲ ތަޢާލާ ދެއްވެވި ބާރެއް މެނުވީ ހަމަ އެއްވެސް ބާރެއް ލިބިގެންވާ މީހެއް ނޫން ކަމާއިމެދުގައެވެ.
މީސްތަކުންނޭވެ! މިހައިތަނުންވެސް ވިސްނާށެވެ. އިޞްލާޙްވާން ގަދައަޅައި މަސައްކަތްކުރާށެވެ! ފާފަފުއްސެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ! ރައްކައުތެރިކަން ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! މިހާލަތުން ސަލާމަތްކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން