ޢާއިޝަތު ރަފާޙް ޢަލީ
ހެޔޮ ނިޔަތާއިއެކު ޙާޞިލުކުރާ ދީނީ ޢިލްމަކީ ހުރިހާ ނުބައިކަމަކުން ދުރުކޮށްދޭ އެއްޗެކެވެ. ހަމައެއާއެކު، އަމިއްލަ ނަފްސަށް ރުޤްޔާކޮށް ރައްކާތެރިކަން ހޯދުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް، ސޫރަތުލް ފާތިޙާ ކިޔަވާށެވެ. އަދި ޤުރްއާނުގެ އެންމެ ފަހު ސޫރަތްތައް ކިޔަވާށެވެ. އަދި ތަޤްވާވެރި ހެޔޮލަފާ އަންހެނަކު ލައްވައިވިޔަސް ތިބާގެ ގަޔަށް ޤުރްއާން ކިޔެވުމަކީވެސް މި މައްސަލައިން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އަމިއްލަ ނަފްސަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު މައްސަލައެކެވެ. މިހާރު ތިބާ ތިޔަ ދަނީ ވޭން އުފުލަމުންނެވެ. މީސްތަކުން މިފަދަ ކަންކަމުގައި ތަކުލީފު އުފުލާކަން އެއީ ސާފުކޮށް އެނގެން އޮތް ކަމެކެވެ. ޚާއްޞަކޮށް ނޭދެވޭ ވިސްނުންތަކާއި، އާދަޔާ ޚިލާފު ސުވާލުތައް ހިތުގައި އުފެދެން ފަށައެވެ. "އަހަރެން ދިރިއުޅެނީ ކިހިނެއް ހެއްޔެވެ؟ މީސްތަކުން ދިރިއުޅެނީ ކީއްވެ ހެއްޔެވެ؟" މީސްތަކުން ދިރިއުޅެނީ ދާއިމީ، ނިމުމެއް ނެތް ގޮވައްޗަކަށް ދަތުރުކުރުމަށެވެ. ސުވަރުގެ ނުވަތަ ނަރަކަ ފިޔަވައި އެހެން ގޮވައްޗެއް ނުވެއެވެ. ދިރިއުޅުމުގެ ފަލްސަފާއަކީ މިއީއެވެ.
ދުނިޔޭގެ ދިރިއުޅުމަކީ އިންސާނާ އުޅޭ ވަގުތީ މަރުޙަލާއެކެވެ. އޭނާ ﷲ އަށް ކިޔަމަންތެރިވެއްޖެނަމަ، ﷲ އޭނާ ސުވަރުގެ ވައްދަވާނެއެވެ. އަދި އޭނާ ﷲ އަށް އުރެދިއްޖެނަމަ، ﷲ އޭނާ ނަރަކައަށް ވައްދަވާނެއެވެ. މިއީ ވަރަށް ސާފު ފަސޭހަ ކަމެކެވެ. ﷲ މި ދުނިޔެ އަހަރެމެންނަށްޓަކައި ލެއްވީ އެކަލާނގެއަށް އަޅުކަންކުރުމަށެވެ. މިކަން އޮތީ ވަރަށް ސާފުކޮށެވެ.
އެހެންކަމުން، ތިބާއަށް ތިޔަ ދިމާވެފައިވާ ހުސްވަގުތު ގިނަވުމުގެ ސަބަބުން ތިބާގެ މައްޗަށް ޖަމާވެފައިވާ މި ހުރިހާ ކަންބޮޑުވުންތަކާއި ވަސްވާސްތައް ފޮހެލައި، އެއްލާލަން ޖެހެއެވެ. އެއީ އަހަރެން ތިބާއަށް ނަޞޭޙަތްތެރިވި ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުކޮށްގެންނެވެ.
މީގެ އިތުރުން، ތިބާގެ ކިބައިގައި ހުސްވަގުތު އޮތަނުދޭށެވެ. މިސާލަކަށް، މިހާރު މިއީ ޟުޙާ ވަގުތު ކަމުގައި ވެފައި، ތިބާ އަދާކުރާނެ ވަޒީފާއެއް ނުވަތަ މަސައްކަތެއް ނެތި އިށީނދެގެން އިންނަނަމަ، ތެދުވެ ވުޟޫކޮށްގެން ދެ ރަކުޢަތް (ޟުޙާ) ނަމާދު ކުރާށެވެ. އެއަށްފަހު ބަދިގެއަށް ގޮސް މަސައްކަތްކުރާށެވެ. ނުވަތަ ތިބާގެ ތަކެއްޗާއި ޢާއިލާގެ ތަކެތި ތަރުތީބުކޮށް ހަމަޖައްސާށެވެ. މީހަކާ އިނދެގެން އުޅޭނަމަ ފިރިމީހާއަށް ޚިދުމަތްކުރާށެވެ. ދަރިންނަށް ޚިދުމަތްކުރާށެވެ. މިފަދައިންނެވެ.
ހުރިހާ ކަމެއް ނިމުމުން، ފައިދާހުރި ކަންކަމުގައި މަޝްޣޫލުވާށެވެ. މިސާލަކަށް ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރާށެވެ. ނުވަތަ ޤުރްއާން ހިތުދަސްކޮށްދޭ މަރުކަޒަކާ ގުޅޭށެވެ. ނުވަތަ ޛިކުރާއި ޢިލްމުގެ މަޖިލިސްތަކުގައި ބައިވެރިވާށެވެ. ނުވަތަ އަންހެނުންނަށް ޚާއްޞަ ހަރަކާތްތަކުގައި، މިސާލަކަށް ފަހަން ދަސްކޮށްދިނުމާއި، ޖަރީކުރަން ދަސްކޮށްދިނުމާއި، ކޮމްޕިއުޓަރު ދަސްކޮށްދިނުން ފަދަ ތިބާއަށް ފައިދާހުރި ކަމަށް ފެންނަ ކަންކަމުގައި ބައިވެރިވާށެވެ.
އެންމެ މުހިންމު ކަމަކީ ތިބާގެ ކިބައިގައި ޢަޒުމާއި، ސާބިތުކަމާއި، ރުހުން އޮތުމެވެ. އަދި މި މުއްދަތުގެ ތެރޭގައި ކޮންމެ ވަގުތުކޮޅެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. މާތް ﷲ ގެ ޙަޟްރަތުން ވާގިއެދުމަށް ދަހިވެތިވާށެވެ. އަދި ތިބާއަށް އެހީތެރިވެދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ. އޭރުން ﷲ ގެ އިރާދަފުޅާއެކު ތިބާއަށް ލުއިފަސޭހަކަމާއި ހަމަޖެހުން ލިބިގެންދާނެއެވެ.
- ޝައިޚް ޢަޒީޒް ބިން ފަރްޙާން ގެ ދަރުސަކުން
- މިއަދުނޫސް