ކޮރޯނާގެ ޙަޤީޤަތާ ޢަމަލުކުރަންވީ ގޮތް ބަޤަރާ ސޫރަތުގަ އެބައޮތް! ޝިފާ ސުންނަތުގަ އެބައޮތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
ކޮރޯނާގެ ޙަޤީޤަތާ ޢަމަލުކުރަންވީ ގޮތް ބަޤަރާ ސޫރަތުގަ އެބައޮތް! ޝިފާ ސުންނަތުގަ އެބައޮތް!: މުފްތީ މެންކް

އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގެ އެންމެންވެސް މިއަދު އެންމެ ބޮޑަށް ކަންބޮޑުވަނީ ކޮރޯނާ ވައިރަސް އާއިމެދުގައެވެ. ކަންބޮޑުވުން އިތުރުވާވަރަކަށް ކުރަން އޮތް ކަމަކީ ﷲ ތަޢާލާ އާއި ގާތަށް ޖެހެން މަސައްކަތްކުރުމެވެ. 

އެއްވެސް ޙާލެއްގައި ކޮރޯނާ ވައިރަސްއަކީ ﷲ ތަޢާލާ ފޮނުއްވެވި ޢަޛާބެއް ކަމަށް ބުނުމެއް ނެތެވެ. އަދި ހަދިޔާއެއް ކަމަށް ބުނުމެއްވެސް ނެތެވެ. އެއިގެ ބަދަލުގައި ކުރިމަތި ކުރައްވަވާފައި މިވަނީ އިމްތިޙާނެކެވެ. އެ އިމްތިޙާނުން ފާސްވާން ކުރަން އޮތް ހަމައެކަނި ކަމަކީ ﷲ ތަޢާލާއި ގާތަށް ޖެހެން މަސައްކަތްކުރުން އިތުރުކުރުމެވެ. 

މީސްތަކުންނޭވެ! މި ދެ އާޔަތަކީ އަހަރެމެން ވަރަށް ގިނައިން ކިޔަމުން އަންނަ ދެ އާޔަތެވެ. މި 2 އާޔަތާއިމެދު ފުންކޮށް ވިސްނައިލުމުން އަހަރެންނަށް ޤަބޫލުކުރެވެނީ މި 2 އާޔަތަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ބާވައި ލެއްވެވުނު 2 އާޔަތް ނަމަވެސް މިއީ މިއަދުގެ މިޙާލަތަށް ބާވައިލެއްވެވި 2 އާޔަތް ކަމަށެވެ. އެހެނީ މި ދެ އާޔަތުގައި ހިމެނޭ ހުރިހާ ކަންކަން މިވަނީ ކުރިމަތިވެފައެވެ. 

ނިކަން ބުނެބަލާށެވެ "ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ." ކޮރޯނާގެ ސަބަބުން މި ކަންކަމުން ކުރިމަތިނުވެ އޮތީ ކޮންކަމެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިއަދުގެ މިޙާލަތުގައި މިކަންކަމުން ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ކަމެއް މެދުވެރިނުވާ ހަމަ އެކަކު މިދުނިޔޭގައި ނެތްކަމަށް ބުނަން ކެރިދާނެއެވެ. އެކަމަށް މުޅި ދުނިޔެ ވެސް އެއްބަސްވާނެއެވެ.   

"ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!" 

"އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކޭ ބުނާ މީހުންނެވެ."

(އަލްބަޤަރާ: 155،156) 

މިއީ އިމްޠިޙާނެއް ކަމަށް މިބުނަނީ 155 ވަނަ އާޔަތް ފެށިގެން އަންނަނީ "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ." ވަޙީ ކުރައްވަވާފައިވާތީއެވެ. އާޔަތް ނިންމަވާލައްވަވާފައި އެވަނީ އުފާވެރިކަމުގެ ޚަބަރުންނެވެ. " އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!" ޥަޙީކުރައްވަވަމުންނެވެ. 

މީސްތަކުންނޭވެ! 155 ވަނަ ޢާޔަތުގައި " ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވަވަން" ވަޙީ ކުރެއްވެވުމަށްފަހު 156 ވަނަ އާޔަތުގައި އެވަނީ ކެތްތެރިންނަކީ ކޮބައިކަން ވަހީކުރައްވަވައިފައެވެ. "އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކޭ ބުނާ މީހުންނެވެ." 

މީސްތަކުންނޭވެ! ރައްކަތެރިކަމުގެ ފިޔަވަޅުތަކުގައި ހިފަހައްޓާށެވެ! 155 ވަނަ އާޔަތުން ޢިބްރަތް ޙާޞިލުކުރާށެވެ! 156 ވަނަ އާޔަތަށް ޢަމަލުކުރާށެވެ! ސުންނަތުގައިވާ ފަދައިން ކަރަންޓީނުގައި ސާބިތުވާށެވެ! ޙަދީޘްފުޅުގައިވާ ފަދައިން މާމުޔާއި ކަޅުދިރި ބޭނުންކުރާށެވެ! އެއީ ކޮރޯނާ ކިޔާ ބައްޔަކަށް ނުވަތަ އެނޫންވެސް ނަމެއް ކިޔާ ބައްޔަކަށް އޮތް ޝިފާއެއް ނޫނެވެ. އެއީ ހަމަ ކޮންމެ ބައްޔަކަށްވެސް އޮތް ޝިފާއެކެވެ. 

- -މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން