މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ މުޞީބާތުގެ މިވަގުތުގައި ވެސް ހިނިތުންވުމާއިއެކު ކުރިމަތިލައި އެހީތެރިވެދޭ މީހުންގެ މަތިން ދުވަހަކުވެސް ހަނދާން ނައްތައި ނުލަން އިމާމް މުފްތީ މެންކް އިލްތިމާސްކުރައްވައިފިއެވެ.
މުފްތީ މެންކް ވިދާޅުވީ ހިތްދަތިކަމާއި ހައިހޫނުކަން ކުރިމަތިވެ މީސްތަކުން ވަށައިލާފައިވާ މިފަދަ ވަގުތަކީ ޙަޤީޤީ އެކުވެރިން ދެނެގަނެ އެކުވެރިންގެ ލިސްޓް އިޞްލާޙްކުރަން ލިބޭ ފުރުޞަތެއް ކަމަށެވެ. އަދި މިއީ ކޮންމެ މީހަކުވެސް އެމީހެއްގެ އެކުވެރިންނަށާއި ވީހައި ގިނަބައަކަށް އެހީތެރިކަން ފޯރުކޮސްދޭންވީ ވަގުތު ކަމަށެވެ. މިފަދަ ވަގުތު އަނެކާގެ ޙާލުބަލައި ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
މުފްތީ މެންކް ވިދާޅުވީ މިފަދަ ވަގުތުތަކުގައި އުންމީދުކުރަންވީ އެހެން މީހުންގެ އެހީތެރިކަމަށް ނޫން ކަމަށެވެ. އެދެންވީ ﷲ ތައާލާގެ ރަޙްމަތަށް ކަމަށެވެ. ގަދައަޅައި މަސައްކަތްކުރަންވީ ﷲ ތައާލާގެ ރުއްސެވުން ހޯދަން ކަމަށެވެ. "ކޮން ކަމަކާތަ ކަންބޮޑުވާންވީ؟ މިޙާލަތު މިންވަރު ކުރެއްވެވި ﷲ ތަޢާލާ، މިޙާލަތުގައި މީސްތަކުން އަމަލުކުރާ ގޮތާއި ކުރާ ހުރިހާ ކަމެއް ބައްލަވައި ވޮޑިގެންވޭ! ޔަޤީންކުރަންވީ ﷲ ތައާލާއަށް ވަކީލުކޮށްގެން ހުރި އެއްވެސް އަޅަކަށް ދެރަގޮތަކަށް އެއްވެސް ކަމެއް މިންވަރު ނުކުރައްވަވާނެ ކަމަށް. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ކާކަށްތަ އެއްވެސް ދެރައެއް ދެވޭނީ؟ ކޮރޯނާ ވައިރަސްއަށް ވިޔަސް އެހެން ވައިރަސްއަކަށްވިޔަސް ކީއް ކުރެވޭނީ؟ އެ ޔަޤީންކަމުގަ ސާބިތުވާންވީ! އީމާންވުމަކީ އެއީ!"
މުފްތީ މެންކް ވިދާޅުވީ ވަޒީފާ ގެއްލުން، ލިބޭ އާމްދަނީ މަދުވުން ފަދަ ކަމެއް މެދުވެރިވި ނަމަވެސް އެއީ ވެސްލިބުނު ރަނގަޅެއް ކަމަށް ޤަބޫލުކުރުމަށެވެ. މާޒީގައި ތިބާއަށް ﷲ މަގާއި ދުރުވެވިފައި ހުރުމުން އިތުރަށް ކުއްތަންވާން މަސައްކަތްކުރަން ދެއްވެވި ފުރުޞަތެއް ޤަބޫލުކުރުމަށެވެ.
"އެންމެ މުހިންމު ކަމަކީ ޝުކުރުވެރިވުން. މިދުނިޔެވެސް އާކިރަތްވެސް ލިބޭނީ ﷲ ތަޢާލާ މިންވަރު ކުރައްވަވާ ޙާލަތަށް ޝުކުރުވެރިވާ އަޅުންނަށް. ﷲ ތަޢާލާ އަށް ޝުކުރުވެރިވާ ހިތެއް ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ޖަވާހިރު. ވިސްނައިލާ ތިބާ ނުވަތަ އެއްވެސް މީހަކު، އަދި ކިތަންމެ ގިނަ ބައަކު ނަމަވެސް ﷲ ތަޢާލާއަށް ޝުކުރުވެރި ނުވުމަކުން ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާނެ އެއްވެސް އުނިކަމެއް ނެތް. ހުރިހާ ދެރައެއް ލިބޭނީ އެބައަކަށް. އެމީހަކަށް. ވީމާ ﷲ ތަޢާލާއަށް ޝުކުރުވެރިވާންވީ އަހަރެމެންގެ ފައިދާއަށް." ކަމަށްވެސް މުފްތީ މެންކް ވިދާޅުވިއެވެ.