މީސްތަކުންނޭވެ! ދިރިއުލުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ޙާލަތަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. އަރާމާއި އުފަލާއި ތަނަވަސްކަމުގައި އުޅެނިކޮށް އައި ކުޑަކުޑަ ވައިރަސްއެއްގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު މިހާރު މިވަނީ މުޅިން ބަދަލުކޮށްލައިފައެވެ. އެވައިރަސް މިވަނީ މުޅި ދުނިޔެ ބޮޑު ގަދަ ކޮޅިގަނޑެއްގެ ތެރެއަށް ވައްޓާލައިފައެވެ. ދުނިޔޭގައި މީސްތަކުން އުޅެމުން އައި ގޮތް މުޅިން ބަދަލުކޮށްލައިފައެވެ.
ޙާލަތުގެ ބިރުވެރިކަން ނިކަން ދެކިބަލާށެވެ! ވަޒީފާ ދެމިއޮންނާނީ ކިހައި އިރެއްވަންދެންކަން އެނގޭ މީހަކު ނެތެވެ! ކާން އަނގައަށްލާނެ ސުވަލެއް ނުލިބޭ ޙާލަތު ކުރިމަތިވާނީ ކޮން ވަގުތަކުކަން ބުނަން އެނގޭ މީހަކު ނެތެވެ.
މިކަންކަން ކޮންމެ މީހަކު ކޮންމެ ގޮތަކަށް މާނަކުރި ނަމަވެސް މައްސަލައެއް ނެތެވެ. އެނގޭ ކަމަކީ ލިބެމުން މިދަނީ ﷲ ތައާލާ ފޮނުއްވަވާ "މެސެޖުތަކެއް" ކަމެވެ. އެންމެހައި ބާރުތައް ލިބިވޮޑިގެންވަނީ ތިމަން ﷲ އަށް ކަމެވެ. ދުނިޔޭގައި ތިމާއަކީ ކިތަންމެ ބާރުގަދަ މީހެއް ކަމަސް ދެކެގެން އުޅުނު ނަމަވެސް އަދި ޓެކްނޮލޮޖީ އާއި ހަތިޔާރުގެ ގޮތުން ކިތަންމެ ކުރިއަރާފައިވީ ނަމަވެސް ހަމަ އެއްވެސް މީހެއްގެ އެއްވެސް ބާރެއް ނެތްކަމެވެ. އެންމެންނަކީވެސް ބަލިކަށި ނިކަމެތި ބައެއް ކަމެވެ.
ނިކަން ވިސްނައިލަބަލާށެވެ! ﷲ ތައާލާ އިރާދަ ކުރެއްވެވިހިނދު މީސްތަކުން އިމްތިޙާންކުރައްވަވަމުން އެގެންދަވަނީ ލޮލަށް ވެސް ނުފެންނަ ވަރުގެ ކުޑަކުޑަ ފަންޏެއް ފޮނުއްވަވައިގެންނެވެ. އެ ކުޑަކަޑަ ފަނި ދެކެ ބިރުން ހަލާކުވެ ކުޑަކަކޫ ނުޖަހާ ހަމަ އެކަކު ވެސް މިބޮޑު ދުނިޔެއަކު ނެތެވެ. މިހުރިހާ ކަމަކާއި ކުރިމަތިލާން މިޖެހުނީ އަހަރެމެންނަށް އަމަލުކުރެވެމުން އައި ގޮތުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.
މީސްތަކުންނޭވެ! ބިރުގަންނަންވީ ކޮރޯނާ ފަނި ދެކެއެއް ނޫނެވެ! އަމަލުކުރެވެމުން އަންނަ ގޮތަށެވެ! ﷲ ތަޢާލާގެ މެސެޖުން ޢިބްރަތް ޙާޞިލުކުރުން އަވަސްކުރާށެވެ!
އެއްވެސް މީހަކަށް މިހައިތަނަށް އުޅެވިފައިވާ ގޮތަކީ އެއްވެސް މައްސަލައެއް ނޫނެވެ. ވިސްނަންވީ ކަމަކީ ދުނިޔޭގައި ހޭދަކުރަން ލިބެނީ ވަރަށް މަދު ދުވަސްކޮޅެއް ކަމާއިމެދުގައެވެ. އަދި ކުރަންޖެހޭ ކަމަކީ ތިމާގެ މާޒީއަށް ނުބަލައި މުސްތަޤްބަލަށް ވިސްނައި ވީހައި އަވަހަކަށް ތައުބާވެ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމެވެ.
މީސްތަކުންނޭވެ! އެވްރެޖް އުމުރަކީ 60 އަހަރާއި 70 އަހަރުކަމަށްވުމުން ޢުމުރުގެ ކުރުކަމާއިމެދު ފުންކޮށް ވިސްނައިލާށެވެ! މަރުވުމުން ދެން އޮތް ނިމުމެއް ނުވާ ޙަޔާތުގެ ދިގުމަނަށް ވިސްނުމުގެ އިތުރުން ދުނިޔެ މިހައިތަނަށް ދެމިއޮތް ދިގު މުއްދަތާއިމެދުވެސް ވިސްނައިލާށެވެ! އެއިރުން ދުނިޔޭގައި ހޭދަކޮށްލަން ފުރުޞަތު މި ލިބޭ 60، 70 އަހަރުގެ ކުރުކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން