މުސްލިމުންގެ ގޮތުގައި ދުނިޔެއަށް އުފަންވި ނަމަވެސް އިސްލާމް ދީނަށް އަމަލު ނުކުރާ އެތައް ބައަކު ދުނިޔޭގެ ކަންކޮޅުތަކަށް ބަލައިލިމުން ފެނިގެންދެއެވެ. އެންމެ ކުޑަމިނުން ނަމާދެއް ނުކުރެއެވެ. ޙަރާމް ކުރެއްވެވި ކަންކަން ކުރެއެވެ. ޢައުރަވެސް ނިވާ ނުކުރެއެވެ. ނަމަވެސް ތިމާމެންނަކީ މުސްލިމުން ކަމަށް ވެސް ބުނެއެވެ.
މިއީ އެފަދަ އެންމެން ވިސްނައިލަން ވަރަށް ރަނގަޅު ވަގުތެކެވެ! ކަންކަން ހިނގަމުން މިދާ ގޮތާއިމެދުގައެވެ. އެންމެހައި ބާރުތައް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމާއި އެނބުރި ދާންޖެހޭނީ ތަޢާލާގެ ޙަޟްރަތަށް ކަމެވެ. ބަރުޒަޚުގެ ޢާލަމުގައި އެތައް މިލިއަން އަހަރެއްވެސް ހޭދަކުރަން ޖެހިދާނެ ކަމާއި ޤިޔާމަތް ދުވަސް އަންނާނެ ކަމާއި ހިސާބު ބައްލަވާނެ ކަމެވެ. 50،000 އަހަރުގެ އެއްދުވަސްކަމަށްވާ ޤިޔާމަތް ދުވަހު ތިމާއަށް އުޅެން ޖެހިދާނެ ޙާލަތާއިމެދުގައެވެ.
ﷲ ތަޢާލާ އާއިމެދު ސުވާލުކުރުމުން ނުވަތަ ޤިޔާމަތް ދުވަހާއިމެދު ސުވާލުކުރުން "އެކަމަށް މާބޮޑަކަށް އަދި ނުވިސްނަން" ކަމަށް ވެސް ބައެއް މީހުން ބުނެއުޅެއެވެ. އެގޮތަށް ބުނަމުން ދަނިކޮށް މަރުވެގެންދާ މީހުންގެ އަދަދުވެސް ވަރަށް ގިނައެވެ. ސުވާލަކީ މަރުވީމާ އެކަމަށް ވިސްނައި ހިތާމަކުރުމުން ކުރާނެ އެއްވެސް ފައިދާއެއް އޮންނާނެ ހެއްޔެވެ؟ ނުއޮންނެކަން އެއީ ވަރަށް ޔަޤީން ކަމެކެވެ. އަދި އެމޭރުމުން ބުނާ މީހުންނަށްވެސް ޔަޤީންކަމާއިއެކު އެނގި ޤަބޫލުވެސް ކުރާ ކަމެކެވެ.
ހިތާމައަކީ ހުރިހާ ކަމެއް އެނގި ޤަބޫލުކުރެވޭއިރުވެސް ޝައިޠޯނާގެ ކިބައިން ސަލާމަތް ނުވެވޭ ކަމެވެ. ޝައިޠޯނާގެ އަޅަކަކަށް ވެވިގެން ޙަޔާތުގެ ދުވަސްތައް ހޭދަކުރެވޭ ކަމެވެ. މީސްތަކުންނޭވެ! ކޮރޯނާ ވައިރަސް ބާރަށް އެބުނަނީ ހަމަ އެއް ވާހަކައެކެވެ. ޝައިޠޯނާގެ ކިބައިން ސަލާމަތްވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ!
މީސްތަކުންނޭވެ! ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ދިން ނަޞޭޙަތަކީ ވަރަށް ކުރުކޮށް ދިން ނަޞޭޙަތެކެވެ. ނަމަވެސް ތަކުރާރުކޮށް އަޑުއަހައިލާށެވެ! ވިސްނައިލާށެވެ! ޙަޔާތް ބަދަލުކޮށްލަން ލިބޭ ޢިބްރަތްތެރި ފިލާވަޅަކަށް ވެގެންދާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން