ކޮރޯނާއަށް ފަރުވާދިނުމުގައި މަސައްކަތްކުރަނިކޮށް މިހާރުވެސް އެތައްސަތޭކަ ޑޮކްޓަރުންނާއި ޞިއްހީ ޚިދުމަތްތެރިން ވަނީ ނިޔާވެފައެވެ. އެމީހުންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އަދި މިހާރު ޚިދުމަތްކުރަމުން ގެންދާ ޚިދުމަތްތެރިންގެ ރައްކައުތެރިކަމަށް އެދިވެސް ހެޔޮ ދުޢާކުރާށެވެ!
ކޮންމެ މީހަކުވެސް މަސައްކަތްކުރަމުން އެގެންދަނީ އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން ތިބެއެވެ. އެމީހުން މަސައްކަތް އެކުރަނީ އެންމެންގެ ސަލާމަތަށެވެ. އެންމެންގެ ފުރާނަ ސަލާމަތްކުރެވޭތޯއެވެ. އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަކީވެސް މުޅި އިންސާނިއްޔަތު ސަލާމަތްކުރުން ފަދަ ކަމެކެވެ.
"---ނަފްސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފަސެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ ނަފްސް ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ..." (އަލް މާއިދާ: 32)
ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ކޮރޯނާ ވައިރަސް އިން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރާ ކޮންމެފަހަރަކުވެސް ޞިއްހީ ޚިދުމަތްތެރިން ވެސް ހިމަނައިގެން ދުޢާކުރާށެވެ! އަހަރެމެން ގޭގައި ބައިތިއްބާފައި ނުކުމެ އަހަރެމެންގެ ފުރާތައް ސަލާމަތްކުރެވޭތޯ އެމީހުން ކުރަމުން އެގެންދާ މަސައްކަތްތަކަށް ޝުކުރުވެރިވުމަކީ އެއީއެވެ! މިއަދު ގަދަވެ ގޭގައި މިތިބަ ކޮންމެ މީހަކީ މާދަމާވެސް ބަލިމީހެއްގެ ގޮތުގައި ހަމައެމީހުންގެ ގާތަށް ގޮސް ފަރުވާ ލިބިގަންނަން ޖެހިދާނެ މީހެއްކަމަށް ދެކޭށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން