ކޮރޯނާއިން ސަލާމަތްވުމަށްވެސް "ޙާލަތު ބަދަލުކުރަން އެދޭނަމަ ހިތްތައް ބަދަލުކުރާށެވެ!" އޮތް ވަޙީ ބަސްފުޅަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ކޮރޯނާއިން ސަލާމަތްވުމަށްވެސް "ޙާލަތު ބަދަލުކުރަން އެދޭނަމަ ހިތްތައް ބަދަލުކުރާށެވެ!" އޮތް ވަޙީ ބަސްފުޅަށް ބިރުވެތިވާށެވެ!

މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވަނީ ވަރަށް ނުރައްކައުތެރިކަން ބޮޑު ޙާލަތެކެވެ. ދުނިޔޭގެ ތާރީޚަށް ބެލި ނަމަވެސް ބައްޔެއްގެ ސަބަބުން އެންމެ ނުރައްކައުތެރިކަންބޮޑުވި ޙާލަތު ކަމަށްވެސް ބުނެވިދާނެއެވެ.

މިޙާލަތުގައި މީސްތަކުންނަށް އޮތީ އެމީހުންގެ ހިތްތައް ބަދަލުކުރުމެވެ. އެމީހުން ވިސްނައި ޢަމަލުކުރަމުން އަންނަ ބާޠިލު ގޮތްތައް ދޫކޮށްލުމެވެ. ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމެވެ.

މި ބަޔާންކުރާ އާޔަތަށް ފުންކޮށް ވިސްނައިލާށެވެ!

"އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ މަލާއިކަތުން ވެއެވެ. ﷲ ގެ އަމުރުފުޅަށް، އެބޭކަލުން އޭނާ ރައްކާތެރިކޮށް ބަލަހައްޓަވަތެވެ. ހަމަކަށަވަރުން، ބައަކުމީހުންގެ ޙާލަތުއެބައަކު އަމިއްލައަށް ބަދަލުކޮށްފުމަށްދާނދެން، ﷲ، އެ ޙާލަތު ބަދަލެއް ނުކުރައްވާނެތެވެ. ހަމަކަށަވަރުން، ﷲ، ބައަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ."

އާޔަތުގެ ފުރަތަމަ ބައިގައި އެވަނީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ތިބި ނަމަ އެބައަކަށް ހިމާޔަތާއި ރައްކައުތެރިކަން ދެއްވަވާނެ ކަމުގެ ވާހަކައެވެ. އެބައަކު ރައްކައުތެރި ކުރެއްވެވުމަށްޓަކައި މަލާއިކަތް ބޭކަލުން ލައްވަވާނެ ކަމެވެ. "އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ މަލާއިކަތުން ވެއެވެ. ﷲ ގެ އަމުރުފުޅަށް، އެބޭކަލުން އޭނާ ރައްކާތެރިކޮށް ބަލަހައްޓަވަތެވެ." އެމީހެއްގެ ނުވަތަ އެބައެއްގެ ޙިމާޔަތުގައި ﷲ ތަޢާލާ މަލާއިކަތުން ލައްވަވާފައި ވަނިކޮށް އެ މީހަކަށް ނުވަތަ އެބައަކަށް ކިތަންމެ ކުޑަނަމަވެސް އަދި ބޮޑު ނަމަވެސް އެއްވެސް ގެއްލުމެއް ދެވޭނީ ކާކަށް ހެއްޔެވެ؟ ކޮން ވައިރަސްއަކަށް ހެއްޔެވެ؟

ދެން ބަޔާން ކުރައްވަވާފައި އެވަނީ ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވުމުގެ ވާހަކައެވެ. ޙާލަތު ބަދަލުކޮށްދެއްވެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި ދެންނެވުމުގެ ވާހަކައެވެ. ﷲ ތަޢާލާ މީސްތަކުންގެ ޙާލަތު ބަދަލުކޮށް ދެއްވަވާނީ އެބައަކު އަމިއްލައަށް އެބައެއްގެ ހިތްތައް ބަދަލުކުރުމުން ކަމުގެ ވާހަކައެވެ. "ހަމަކަށަވަރުން، ބައަކުމީހުންގެ ޙާލަތުއެބައަކު އަމިއްލައަށް ބަދަލުކޮށްފުމަށްދާނދެން، ﷲ، އެ ޙާލަތު ބަދަލެއް ނުކުރައްވާނެތެވެ."

ދެން މިއޮތީ ﷲ ތައާލާ މީސްތަކުންގެ މައްޗަށް މުޞީބާތެއް ކުރިމަތިކުރައްވަވައިފިނަމަ އެކަމަކުން މީސްތަކުން ސަލާމަތްކޮށްދެވޭނެ އެއްވެސް އެހެން ފަރާތެއް ނުވާނެ ކަމުގެ ވާހަކައެވެ. ﷲ ތައާލާ ފިޔަވައި އެ ބައަކަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ދެވޭނެ ފަރާތެއް ނުވާނެ ކަމުގެ ވާހަކައެވެ. "ހަމަކަށަވަރުން، ﷲ، ބައަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ."

މީސްތަކުންނޭވެ! ބޭހަށް ގުޑާނީވެސް ވެކްސިނަކުން ފައިދާކުރާނީވެސް ﷲ އެކަމަސް މިންވަރު ކުރެއްވެވުމުންނެވެ! ކޮރޯނާ ވައިރަސް ޖެހޭ މީހުންނަށް އެމީހެއްގެ ޙާލަތާއި ގުޅިގެން ދެމުން ގެންދަނީ އެއް ފަރުވާއެކެވެ. އެއް ބޭހެކެވެ. ބޭސް ބޭނުންކުރުމުން އެއް ބައަކަށް ޝިފާ ލިބެއެވެ. އަނެއް ބައަކު އެދަނީ މަރުވަމުންނެވެ! ވީއިރު ބޭހުގައި ހުރީ ކޮން ބާރެއް ހެއްޔެވެ؟ ހުރިހާ ބާރުތަކެއް މިލްކްވެވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމާއި ޝިފާ ލިބުން ވަނީ ﷲ ތަޢާލާ ޝިފާ ދެއްވެވި އަޅަކަށްކަން ޤަބޫލުކުރަން މިވަރުވެސް ނުފުދެނީ ހެއްޔެވެ؟

ބޭސްކުރާށެވެ! ސަބަބުތަކުގައި ހިފަހައްޓާށެވެ! އިސްލާމް ދީނުގައި އޮތީ އެގޮތެވެ! ނަމަވެސް އެއިގެ ކުރިއަށް ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުން އިސްކުރާށެވެ! ހިތްތައް ﷲ ތަޢާލާގެ މަގަށް ސީދާކުރާށެވެ! އެއިރުން ﷲ ތައާލާ އެބައަކަށް އެންމެހައި މުޞީބާތްތަކުން ރައްކައުތެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން