ކޮރޯނާ ވައިރަސް އާއި ގުޅިގެން ތަފާތު ވާހަކަތައް ދައްކައެވެ. ނަމަވެސް އެދެކެވޭ ކޮންމެ ވާހަކައަކީ ޞައްޙަ ވާހަކައެއް ނޫނެވެ.
އެގޮތުން ފުރަތަމަވެސް ވިސްނައިލަންވީ ﷲ ތައާލާއަށް ކިޔަމަންތެރިވެގެން ތިބޭ މުއްމިނު އަޅުންގެ މައްޗަށް ﷲ ތަޢާލާ ކޯފާއެއް ނުފޮނުއްވަވާނެ ކަމެވެ. ނަމަވެސް އިމްތިޙާނު ކުރެއްވެވުމަށާއި ﷲ ތައާލާގެ މަގަށް އެނބުރި ރުޖޫޢަވުމަށްޓަކައި މުޞީބާތްތައް ކުރިމަތި ކުރައްވަވައެވެ. ކޯފާ ފޮނުއްވަވާނީ ކާފިރުންނަށެވެ! އަދި އުރެދުމުގަ ހައްދުފަހަނައަޅާފައިވާ މީހުންނަށެވެ.
އުންމަތެއްގެ ބައެއްގެ ނުބައިކަން ބޮޑުވެ އެބައެއްގެ މައްޗަށް ފޮނުއްވަވާ ކޯފާއެއްގައި މުއުމިނަކަށް ގެއްލުމެއް ލިބުނު ނަމަވެސް އެކަން އެމީހަކަށް ވާނީ ރަޙްމަތަކަށެވެ! މުއުމިނަކަށް މިޞީބާތެއް ޖެހި ތަކްލީފް އުފުލަން ޖެހުނު ނަމަވެސް އަދި އެކަމުގައި އޭބާ ނިޔާވި ނަމަވެސް އެކަން ރަޙްމަތަށްވަގެންދަނީ އޭނާގެ ފާފަތަކުގެ ކައްފާރާއަކަށް އެކަންވެގެންދާތީއެވެ. ވީމާ މުޞީބާތެއް2ގެ ސަބަބަބުން ގެއްލުމަކަށްވާނީ ކާފިރުންނަށެވެ.
މުޞީބާތަކީ ނުވަތަ ވަބާއަކީ ޢަޛާބަކަށްވެސް ވެދާނެއެވެ. އަދި އެއީ މުއުމިނު ތަކުންނަށްވާ ރަޙުމަތެކެވެ.
ކީރިތި ނަބިއްޔާ صلى الله عليه وسلمގެ އަނބިކަނބަލުން ޢާއިޝާ رضي الله عنهاގެ އަރިހުން ރިވާވެފައިވެއެވެ. ޠާޢޫން ބައްޔާއި ބެހޭގޮތުން އެކަމަނާ ކީރިތި ރަސޫލާ صلى الله عليه وسلمގެ އަރިހުގައި އެއްސެވިއެވެ. އެހިނދު الله ގެ ނަބިއްޔާ صلى الله عليه وسلم އެކަމަނާއަށް ދެންނެވިއެވެ. "ހަމަކަށަވަރުން (ޠާޢޫން ބައްޔަކީ) އެއީ އެއިލާހު އިރާދަކުރެއްވި ބައެއްގެ މައްޗަށް ފޮނުއްވާ ޢަޛާބެކެވެ. އަދި އެއީ މުއުމިނުތަކުންގެ މައްޗަށްވާ ރަޙުމަތެއް ކަމުގައި ލެއްވެވިއެވެ. އެއްވެސް މުއުމިނު އަޅަކަށް ޠާޢޫން ބަލިޖެހި، ކެތްތެރިވާ ޙާލު މެނުވީ އޭނާގެ ރަށުގައި މަޑުކޮށްގެން ހުންނަކަމުގައި ނުވެއެވެ. އަދި ﷲ ތަޢާލާ މިންވަރުފުޅުގައި ލިޔުއްވަވާފައިވާ ކަމެއް މެނުވީ އޭނާއަށް ކުރިމަތިނުވާނޭ ކަމަށް ފުރިހަމައަށް ޔަޤީންކޮށް ޤަބޫލުކުރެއެވެ. ފަހެ އެގޮަތަށް ހުރެ (މަރުވެއްޖެ) މީހަކަށް ޝަޙީދަކާއި އެއްފަދަ އަޖުރުވެއެވެ." (ބުޚާރީ)
عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا أَخْبَرَتْنَا أَنَّهَا سَأَلَتْ رَسُولَ اللَّهِ صلى الله عليه وسلم عَنِ الطَّاعُونِ فَأَخْبَرَهَا نَبِيُّ اللَّهِ صلى الله عليه وسلم " أَنَّهُ كَانَ عَذَابًا يَبْعَثُهُ اللَّهُ عَلَى مَنْ يَشَاءُ، فَجَعَلَهُ اللَّهُ رَحْمَةً لِلْمُؤْمِنِينَ، فَلَيْسَ مِنْ عَبْدٍ يَقَعُ الطَّاعُونُ فَيَمْكُثُ فِي بَلَدِهِ صَابِرًا، يَعْلَمُ أَنَّهُ لَنْ يُصِيبَهُ إِلاَّ مَا كَتَبَ اللَّهُ لَهُ، إِلاَّ كَانَ لَهُ مِثْلُ أَجْرِ الشَّهِيدِ ". رواه البخاري
ރަޖަބް މަހުގެ 25 ވީ ހުކުރު ދުވަހު މަދީނާގެ މަސްޖިދުއްނަބަވީގައި ދެއްވި ޚުޠުބާގައިވެސް ވަނީ މިކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވަވައިފައެވެ.
މުސްލިމުންގެ ތެރެއިން ގިނަ ބައަކަށް މިއަދު މިވަނީ ﷲ ތަޢާލާގެ މަގާއި ވަރަށް ބޮޑަށް ދުރަށް ދެވިފައެވެ. ކީރިތި ޤުރްއާނަށް ޢަމަލުކުރުމުގައި މިވަނީ ފަހަތަށް ޖެހެވިފައެވެ. ރަސޫލް (ޞޢވ) ގެ ހަދީޘްފުޅުތަކަށް ޢަމަލުކުރުމުގައިވެސް މިވަނީ އިހްމާލްވެވިފައެވެ.
ވީމާ މުސްލިމުން މިއަދު މިކަންކަމަށް ވިސްނަންވާނެއެވެ! ފައިސާ އަތްމައްޗަށް އެރުމުން ނުވަތަ ބާރު ލިބުމުން ﷲ ތަޢާލާގެ މަގުގައި ކުރިއަށް ދާން ހަނދާން ހުންނަނީވެސް މަދު މީހެކެވެ. ﷲ ތައާލާއަށް ޝުކުރުވެރިވުމުގައި މީސްތަކުން މިއަދު މިވަނީ ވަރަށް ބޮޑަށް އިހްމާލްވެފައެވެ. ﷲ ތަޢާލާ ދެއްވެވި އިޚްތިޔާރުގެ ބޭނުން މިއަދު ހިފަމުން ގެންދަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަކަށް ނޫނެވެ!
ވީމާ މިއަދު ދުނިޔޭގައި ހިނގަމުން މިދާ ކަންކަމުންވެސް ޢިބްރަތް ޙާޞިލުކުރަން އަވަސްވެގަންނަން ޖެހެއެވެ. ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވާން ޖެހެއެވެ. ހިތާމައަކީ މިފަދަ ބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައިވާއިރުވެސް އަމިއްލަ އަތްތަކުން ކުރެވޭ ކަންކަމަށް ވިސްނައި ނުލެވޭ ކަމެވެ. ހިތްތައް ޠޯހިރު ނުކުރެވޭ ކަމެވެ. ޙައްޤުގެ މަގު އޮތީ ފެންނާށެވެ! އެމަގު އިޚްތިޔާރުކުރާށެވެ! ﷲ ތަޢާލާ ނަޞްރު ދެއްވަވާނެތެވެ! އިން ޝާ ﷲ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން "މުސްލިމުންނަށްވެސް ކޮރޯނާ ބަލި ޖެހެނީ ނޫންހޭ، މަރުވެސް ވަނީ ނޫންހޭ" ބުނެ މުސްލިމުންގެ ޢަޤީދާއަށް ހުރަސްއަޅައި ބަލިކަށި ކުރަން މަސައްކަތްކުރާ މީހުން އެ ދައްކާ ވާހަކަތަކަކީ އެއްވެސް ގޮތަކުން ބަލައިގަނެގެންވާނެ ވާހަކަތަކެއް ނޫންކަން މިމިންވަރުންވެސް ސާފުވެގެންދާނެ ކަމަށް އުންމީދު ކުރަމެވެ.
--މަޢުލޫމާތު: ޝައިޚް އާދަމް ނިޝާން