ތިބާއަށް ދެއްވަވާފައިވާ ތަނަވަސްކަމެއް ގެއްލުނީ ހެއްޔެވެ؟ ލިބޭ އާމްދަނީ މަދުވީހެއްޔެވެ؟ އެއީ އެއްގޮތަކަށްވެސް ދެރަވެ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ﷲ ތިބާ އިމްތިޙާންކުރައްވަވަނީއެވެ. ޔަޤީންކުރާށެވެ! އެ ގެއްލުން ތިބާއަށް އެ ލިބުނީ އެ ގެއްލުން ތިބާއަށް ލިބުމުން ކުރަން އޮތް ފައިދާ ބޮޑުވުމުންނެވެ.
ބަލީގައި ގާތް މީހަކު މަރުވީހެއްޔެވެ؟ ނުވަތަ ދަރިއަކު މަރުވީ ހެއްޔެވެ؟ އެއީވެސް ކަންބޮޑުވާން ޖެހެންވީ ސަބަބެއް ނޫނެވެ. އެކަންވެސް މިންވަރުކުރެއްވެވީ ތިބާ އިމްތިޙާން ކުރެއްވެވުމަށެވެ. އެ ދަރިފުޅު ސުވަރުގޭގައި ތިބާއަށް އިންތިޒާރުކުރާނެ ކަމަށް އުންމީދުކޮށް ސުވަރުގެއިން ދަރިފުޅާއި ބައްދަލުވުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރާށެވެ!
ޙަޔާތުގެ ބައިވެރިޔާ ގެއްލުނު ނަމަވެސް ވިސްނަންވީ ހަމަ މިގޮތަށެވެ. ޢަމަލުކުރަންވީ ހަމައެގޮތަށެވެ. ގަދައަޅައި މަސައްކަތްކުރަންވީ ދެމީހުން އެކުގައި ސުވަރުގެ ވަނުމަށެވެ. ބައިވެރިޔާއަށް ހެޔޮ ދުޢާކުރުން ގިނަކުރާށެވެ! އަދި ހެޔޮ އަމަލުތައް ކުރުންވެސް ގިނަކުރާށެވެ!
ދުނިޔެއަށް މިހާރު ކުރިމަތިވެފައި މިވަނީ އާދައިގެ ކަމެއް ނޫނެވެ. ދުނިޔޭގެ ބޮޑެތި ކުންފުނިތައް އެދަނީ ބަނގުރޫޓުވަމުންނެވެ. އެންމެ މުއްސަނދި ޤައުމުތައް އެދަނީ ބަނގުރޫޓޫވަމުންނެވެ. އެކަމުގެ އަސަރު އެކި މީހުންނަށް ކުރާނީ އެކިވަރަށެވެ. ކޮންމެ މީހަކަށްވެސް އަސަރުކުރާނެކަން ޤަބޫލުކުރަންވާނެއެވެ. ދުޢާކުރަންވީ ތިމާއަށް ކުރާ އަސަރު ކުޑަކޮށް ދެއްވެވުން އެދިއެވެ.
ﷲ ތައާލާ ކުރިމަތި ކުރެއްވެވި ކޮންމެ މުޞީބާތަކުންވެސް ސަލާމަތްކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ. މުޞީބާތް ފިލައިގެންދާއިރު ތިމާއަކީ ނަފްސާނީ ބަލި މީހަކަށްވެ ދުނިޔެއިން މޮޔަވެފައި ހުރި މީހަކަށް ވެއްޖެ ނަމަ އެމީހަކީ ފޭލްވެފައިވާ މީހެކެވެ. އީމާންކަން ކުޑަވުމުގެ ސަބަބުންނެވެ.
ވީމާ ކިތަންމެ ހިތް ދަތި ޙާލެއް ކުރިމަތިވި ނަމަވެސް ކެތްތެރިވާން ދަސްކުރާށެވެ! ހިތްވަރުކުރުގެ ޤާބިލުކަން ލިބިގަންނާށެވެ! އެކަން ޙާޞިލުކުރެވޭނީ ހަމައެކަނި ތަޤްވާވެރިކަމުންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން