"ﷲ ތިއަބައިމީހުންގެ ޢަދާވާތް ތެރިން ދެނެވޮޑިގަތުން ބޮޑެވެ. އަދި، އެހީތެރިއަކުކަމުގައި ﷲ ފުދެއެވެ. އަދި، نصر ވެރިއަކު ކަމުގައިވެސް ﷲ ފުދެއެވެ." (އައްނިސާ: 45)
މީސްތަކުންނަށް ކޮންމެ ފަދަ މުޞީބާތެއް ކުރިމަތިވެފައިވީނަމަވެސް އެކަން ﷲ ތަޢާލާ އެންމެ މޮޅަށް ދެކެދެނެވޮޑިގެންވެވެ. ގެއްލުން ލިބޭ ސަބަބުވެސް ދެނެވޮޑިގެންވެއެވެ. އެކަންކަން މިއާޔަތުން އެނގިގެންދެއެވެ.
ހަމަ އެއާއިއެކު ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ މީސްތަކުންނަށް ކޮންމެ ފަދަ މުޞީބާތެއް ކުރިމަތިވި ނަމަވެސް އެކަމަކުން ސަލާމަތްކޮށްދެއްވެވޭނެ އެހީތެރިއަކު ކަމުގައި ﷲ ތަޢާލާ ފުދޭކަމެވެ. ނަޞްރު ދެއްވެވޭނެ ހަމައެކަނި ފަރާތަކީވެސް ﷲ ތަޢާލާ ކަމެވެ. ނަބްރު ދެއްވެވޭނެ އެހެން ފަރާތެއް ނުވާ ކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބަނގުއާތްވަކަށްވެސް މާސްކަކަށްވެސް މީސްތަކުން ސަލާމަތެއް ނުކުރެވޭނެއެވެ. ލައިގެން ތިބޭ ދަގަނޑު ހެދުމަކަށްވެސް މީސްތަކުން ސަލާމަތެއް ނުކުރެވޭނެއެވެ. އެކަން އެނގެނީ ރައްކައުތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައިގެން ތިބެ ޚިދުމަތްކުރަމުން ގެންދާ ޑޮކްޓަރުންނަށް ބަލި ޖެހެމުންދާތީއެވެ. ޗައިނާގެ ބައެއް ޑޮކްޓަރުން ބަލީގައި މަރުވެދިއުމުންނެވެ.
ޑޮކްޓަރުން އެގޮތަށް ބަލީގައި މަރުވެ ދިއުމަކީ ވަރަށް ވަރުގަދަ އިންޒާރެކެވެ! ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށްކަން އަނގައިދޭ އިންޒާރެކެވެ. އެކަންކަން އެނގޭނީ އެކަންކަމަސް ވިސްނައި ފިކުރުކުރާ މީހުންނަށެވެ!
ނަމަވެސް ބަނގުޢާތްވާއި މާސްކާއި ޚާއްޞަ ހެދުމާއި މިފަދަ ތަކެއްޗަކީ ހިފަހައްޓަން ޖެހޭ ސަބަބުތަކެވެ. ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ވާގިއެދެންވީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ! ވީމާ ފުރަތަމަ ކަމެއްގެ ގޮތުންވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! އިޚްލާޞްތެރިވާށެވެ! ދުޢާކުރުން ގިނަ ކުރާށެވެ! ސަލާމަތްކަން ދެއްވަވާނެތެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން