ވަރަށް ގިނަ ބައަކު މިއަދު އުޅެނީ ވަރަށް ބިރުންނެވެ. ނަމަވެސް އެމީހުން ބިރުގަންނަނީ ކޮރޯނާވައިރަސް ދެކެ ކަމެއް ނުވަތަ މަރުދެކެކަމެއް ބުނެދޭން އެމީހުންނަކަށްވެސް ނުއެނގެއެވެ. އެމީހުންގެ ޢަމަލުތަކުން ފެންނަނީ އެކަން ޔަޤީން އެމީހުންނަށް ޔަޤީން ނުކުރެވޭ ކަމެވެ!
ކޮޜޯނާވައިރަސް އެކަމުން ސަލާމަތްވާން ނުކުރާ ހަމަ އެއްވެސް ކަމެއް ނެތެވެ. އެވައިރަސް ޖެހުމުން ސަލާމަތްވެވިދާނެ ކަމަށް އުންމީދުކުރެވޭ ހުރިހާ ކަމެއް ދަނީ ކުރަމުންނެވެ. ކިތަންމެ ބޮޑު ހޭދަކުރަން ޖެހުނު ނަމަވެސް އެކަމަށް އެއްވެސް މައްސަލައެއްވެސް ނުއޮވެއެވެ. އެކަންކަން ކުރުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. އެހެނީ އިސްލާމް ދީނަކީ ބަލިތަކުން ރައްކައުތެރިވެ ތިބުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން އަންގަވާފައި އޮތް ދީނެވެ.
ސުވާލަކީ ކޮރޯނާވައިރަސް ޖެހިދާނެތީ މިހައި ބޮޑު ބިރެއް މިގަންނަނީ ކީއްވެގެން ހެއްޔެވެ؟ މަރުވެދާނެތީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ބަލިން ރައްކަތެރިވުމުގެ ފިޔަވަޅު އެޅުމާއިއެކު މަރަށް ތައްޔާރުވުމަށް ކުރަން ޖެހޭ ކަންކަން ކުރަން އެބަޖެހެއެވެ. އެކަންކަން ކުރަން އިސްލާމް ދީނުގައި އޮތީ ކޮންމެހެން އެއްވެސް ބަލިމަޑުކަމަކާއި ގުޅިގެނެއް ނޫނެވެ. އެފަދަ އެއްވެސް ބިރެއް ނެތް ނަމަވެސް މުސްލިމުންނަށް އޮތީ އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބުމެވެ.
އަބަދުވެސް މަރަށް ތައްޔާރުވެ ތިބުމަށް ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. އަދި މަރުވުމުގެ ވަގުތު ޖެހުމުން މަރަށް ނުފިލޭނެ ކަމާއި މަރުވުމުގެ ވަގުތު ޖެހުމުން މަރުވާނެކަން ވަނީ ވަހީ ކުރައްވަވައިފައެވެ.
އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިއަބައިމީހުން ތިބިކަމުގައިވިޔަސް، ތިއަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިއަބައިމީހުން އަތުލާނެތެވެ. އެއުރެންނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ﷲގެ ޙަޟްރަތުން އައިކަމެކޭ އެއުރެން ބުނެތެވެ. އަދި، އެއުރެންނަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ކަލޭގެފާނުންގެ ފަރާތުން އައިކަމެކޭ އެއުރެން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެކަމަކީވެސް، ﷲ ގެ ޙަޟްރަތުން އަންނަ ކަމެކެވެ. ފަހެ، މިބައިމީހުންނަށް އެއްވެސް ވާހަކައެއް ވިސްނޭން ގާތްވެސްނުވެ އެތިބީ ކީއްވެފައި ބާވައެވެ؟" (އައްނިސާ: 78)
ކޮރޯނާ ވައިރަސްވެސް ޖެހެނީ ހަމަ އެހެން ބަލިތައްވެސް ޖެހޭ ފަދައިންނެވެ. ކޮރޯނާ ވައިރަސް އައިސްގެން އުޅެނީ ހަަމ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ ބިރުގަންނަންވީ ކޮރޯނާވައިރަސް ޖެހިދާނެތީއެއް ނޫނެވެ. އެއްވެސް ބައްޔެއް ނުޖެހި ނަމަވެސް ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމަށެވެ. ބިރުގަންނަންވީ ވެސް މަރު ދެކެއެވެ. މަރަށް ބިރުވެތިވެގެން ހުރެވޭނަމަ ދާނީ ހުރިހާ މުޞީބާތްތަކުން ވެސް ސަލާމަތްވަމުންނެވެ! އިން ޝާ ﷲ
މިވާހަކަތައް ދައްކަން މިޖެހުނީ ކޮރޯނާ ވައިރަސް ޖެހިގެން މަރުވެދާނެތީ ގަންނަ ބިރު އެއްވެސް ބައްޔެއް ނުޖެހި ހަމަ މިވަގުތުވެސް މަރުވެދާނެކަމަށް ގަންނަ މީހުން މަދުކަމުންނެވެ! އެފަދަ މީހުންނަށް ކަމުގެ ޙަޤީޤަތް ވިސްނައި ދިނުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން