އެދޭ ކަންކަން ހިންމަވައި ނުދެއްވަވަނީ އެމީހަކަށް ﷲ ގެ ލޯބިވެވޮޑިގަތުން އޮތް މިންވަރު ބޮޑުވުމުންކަމަށް ޤަބޫލުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އެދޭ ކަންކަން ހިންމަވައި ނުދެއްވަވަނީ އެމީހަކަށް ﷲ ގެ ލޯބިވެވޮޑިގަތުން އޮތް މިންވަރު ބޮޑުވުމުންކަމަށް ޤަބޫލުކުރާށެވެ!: މުފްތީ މެންކް

ބައެއް މީހުން އެމީހުން އެދޭ ކަންކަން ދުނިޔޭގައި ހިންމަވައި ދެއްވެވުން ލަސްވުމުން ތެޅިފޮޅެއެވެ. ދުޢާކޮށް ﷲ ތަޢާލާއަށް ދެންނެވުންވެސް ގިނަކުރެއެވެ. އަދި ކީއްހެއްޔެވެ؟ މާޔޫސްވެ ދުނިޔެއިން މޮޔަވާ ހިސާބަށްވެސް ކަންކަން ދުއްވައިލައެވެ. 

އެފަދަ މީހުން މި ގޮތަށް ވިސްނައިލާށެވެ! ﷲ ތަޢާލާ އެދެއްވަވަނީ ވަރަށް މުހިންމު މެސެޖެއް ކަމާއިމެދުގައެވެ. އެ މެސެޖަކީ މިއީ ކަމަށްވެސް ވެދާނެއެވެ. 

"ތިމަން ﷲ ގެ އަޅާ ތިއަ އެދޭ ކަންކަން ހިންމަވައި ނުދެއްވަވައި ލަސްކުރައްވަވަނީ ތިމަން ﷲ ގެ އަޅާ ދެކެ ލޯބިވެވަޑައިގަންނަވާތީއެވެ. އެ ނިޢްމަތް ދެއްވަވައިފިނަމަ ތިމަން ﷲ ގެ އަޅާ ތިމަން ﷲ އާއި ދުރުހެލިވެދާނެ ކަމަށްޓަކައެވެ. މަގު އޮޅި ފާފަތައްކޮށް ނަރަކައަށް ވަދެދާނެ ކަމަށްޓަކައެވެ. ތިބާ ރަނގަޅު ގޮތުގައި ތިމަން ﷲގެ ޙަޟްރަތަށް އަންނާށެވެ! ތިބާގެ ހިތް ފުރި އިތުރުވާވަރަށް ތިމަން ﷲ ތިބާއަށް ނިޢްމަތްތައް ދެއްވަވާހުށީމެވެ. " 

ވީމާ ތިމާ އެދޭ ކަންކަން ޙާޞިލުނުވުމުން ﷲ ތަޢާލާ ތިމާ ދެކެ ލޯބިވެވޮޑިނުގަންނަވަނީ ކަމަށް އެއްގޮތަކަށްވެސް ހީނުކުރާށެވެ. އެއިގެ ބަދަލުގައި ތިމާ ދެކެ މާބޮޑަށް ލޯބިވެވޮޑިގަންނަވަނީ ކަމަށް ޤަބޫލުކުރާށެވެ! 

"މިދުނިޔޭގެ ދިރިއުޅުމަކީ، ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި ނޫނީ ނުވެތެވެ. އަދި ހަމަކަށަވަރުން، ޙަޤީޤީ ދިރިއުޅުންވަނީ، އާޚިރަތުގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ." (އަލްޢަންކަބޫތު: 24) 

ވީއިރު މިދުނިޔެއިން ތިބާ އެދޭހައި ކަމެއް ޙާޞިލު ނުވުމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ ހިތާމަކުރަންވީ އާޚިރަތް ދުވަހުގެ އުފާވެރިކަން ނުލިބިދާނެތީ ނޫން ހެއްޔެވެ؟ ވީމާ މިދުނިޔެއިން ހަމަ އެއްވެސް ކަމެއް ޙާޞިލު ނުވި ނަމަވެސް ކަންބޮޑު ނުވެ އާޚިރަތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! 

މިވާހަކަތައް ވަރަށް ގިނަ ފަހަރު ތަފާތު ޢިބާރާތްތަކުން އެބަ ބުނެދެމެވެ. ނަމަވެސް ވިސްނާ މީހުންނަށްވުރެ ގިނައީ ނުވިސްނައި ދުނިޔޭގެ އެދުންތައް އިސްކުރާ މީހުންނެވެ. މިއީ ހިތާމަހުރި ކަމެކެވެ.

 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން