ﷲ އަށް އިތުބާރުކޮށް ވަކީލުކޮށްގެން ކުރިއަށްދާން މަސައްކަތްކުރާ މީހާއަށް ހުރަސް އަޅައި ހުޓުވޭނެ އެކަކުވެސް ނުހުންނާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ﷲ އަށް އިތުބާރުކޮށް ވަކީލުކޮށްގެން ކުރިއަށްދާން މަސައްކަތްކުރާ މީހާއަށް ހުރަސް އަޅައި ހުޓުވޭނެ އެކަކުވެސް ނުހުންނާނެ!: މުފްތީ މެންކް

"ހަނދާން ކުރާށެވެ! ތިއަކަމެއް ނުވާނެ! އަޑުވެސް ނާހަން! ޚިޔާލުވެސް ނުކުރަން! ނުދެނެހުރިން! ނުދެކެން! ތިހެންވެދާނެ ކަމަށް ހީވެސް ނުކުރަން! ފަދަ ބަސްތަކަކީ ހަމައެކަނި އިންސާނުންނަށް ބުނަން ޖެހޭ ބަސްތަކެކެވެ! ﷲ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ކޮންމެ ކަމަކަށް ކުޅަދުންވަންތައެވެ. 

ވީމާ އިންސާނުންނަށް އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން މަސައްކަތްކުރުމެވެ. ކުރާ މަސައްކަތުގައި ސާބިތުވުމެވެ! ﷲ ތަޢާލާއަށް ފުރިހަމައަށް އިތުބާރުކޮށް ވަކީލް ކުރުމާއިއެކުގައެވެ! އެފަދަ މީހާއަށް ހުރަސް އަޅައި ހުޓުވޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ!"

- މުފްތީ މެންކް 

މުފްތީ މެންކު ވިދާޅުވެފައިވާ މިބަސްފުޅުގެ މާނަ ކަމުގައި ބެލެވެނީ ކޮންމެ ކަމެއް ޙާޞިލުކުރަން ބޭނުންވެގެން ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދި، ﷲ ތަޢާލާއަށް ވަކީލުކޮށްގެން ﷲ ތަޢަލާ އަނގަވާފަދައިން އެމީހަކު ބޭނުންވާ މަޤްޞަދު ޙާޞިލުކުރަން މަސައްކަތްކުރާނަމަ އެކަމުގެ މަގުތައް ﷲ ތަޢާލާ ފަހިކޮށްދެއްވަވާނެ ކަމާއި އެކަމަށް ހުރަސް އެޅޭނެ އެއްވެސް މީހެއް އަދި ބާރެއްވެސް ނުހުންނާނެކަން ބަޔާންކުރެއްވެވުމެވެ. 

ކަންކަން ކުރަން ދަތިވެ އުނދަގޫވަނީ އިންސާނުންނަށެވެ! ﷲ ތަޢާލާ ކަމެއް މިންވަރުކުރައްވަވައިފިނަމަ އެކަމެއް އޮންނާނީ އެހިނދުން އެ ހިނދަށްވެ ނިމިފައެވެ. ވީމާ އެއްވެސް ބޭނުމެއް ޙާޞިލުކުރަން ބޭނުންވެގެން ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ނުކުރާށެވެ! 

ބައެއް މީހުން ބޭނުންވާ ކަންކަން ޙާޞިލުކުރުމަށްޓަކައި ވެރިން ރުއްސަން ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ކަންކަން ކުރެއެވެ. އެފަދަ މީހުން ޔަޤީންކުރަން ޖެހޭ ކަމަކީ ވެރިމީހާ ކިތަންމެ ކޮށްދޭން ބޭނުންވި ނަމަވެސް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާ އެއްވެސް ކަމެއް ޙާޞިލުނުކުރެވޭނެ ކަމެވެ. ވީމާ ކިތަންމެ ބޮޑު ޤުރްބާނީއެއް ވާން ޖެހުނު ނަމަވެސް ހިތްވަރުކޮށްފައި މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން