ދުއްވަމުން ދަނިކޮށްވެސް އަދި ހިނގާފައި ދަނިކޮށްވެސް ޤަބުރުސްތާނު ފެނުމުން ގިނަ ބައަކު ބިރުގަނެއެވެ. ގިނަ މީހުން ބިރުގަންނަނީ މަރުވުމުން އެތަނުގައި ވަޅުލެވޭނެކަން ވިސްނިގެން ނޫންކަމަށްވެދާނެއެވެ. ބިރުގަންނަނީ އެތަނުން ވިގަންޏެއް ނުވަތަ ޖިންނިއެއް ފަދަ އެއްޗެއް އައިސް ތިމާއަށް ކަމެއް ކޮށްފާނެތީއެވެ.
އަހުރެންގެ ސުވާލަކީ ދިރިއުޅޭ ގެއަކީ ޤަބުރުސްތާނަކަށް ހަދައިގެން އެގޭގައި އުޅެން ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ މަހާނަތައް ލޮލަށް ނުފެންނާތީ ހެއްޔެވެ؟ ބަލަ އެގޭގައި އުލެނިކޮށް މަރުވެއްޖެނަމަ ތިބާއާއި ބައްދަލުކުރައްވާނެ ޢަޛާބުގެ މަލާއިކަތުންގެ ކިބައިން ކުރިމަތިވާނެ ކަންކަމަށް ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟
ބުނަން ހެއްޔެވެ؟ އެގެއެއްގައި ނަމާދުނުކުރާނަމަ، ޤުރްޢާން ނުކިޔަވާނަމަ، ޛިކުރުނުކުރާނަމަ އެއީ ޤަބުރުސްތާނެކެވެ. ޙަދީޘްފުޅުން އެނގެން އޮތީ ނަމާދުނުކުރާ ގެއަކީ ޤަބުރުސްތާނެއްކަމެވެ. ނަމާދުނުކުރާ ގެއެއްގައި އެހެން އަޅުކަމެއްވެސް ނުކުރެވޭނެތީ ޤުރްޢާން ކިޔެވުމާއި ޛިކުރުކުރުން އަހުރެން ފާހަގަކުރީއެވެ.
މީސްތަކުންނޭވެ! ގެއަކީ ޤަބުރުސްތާނަކަށް ނުހަދާށެވެ! ގޭގައި ނަމާދުކުރާށެވެ! ފިރިހެނުން ސުންނަތް ނަމާދުތައް ކުރާށެވެ!
ވިސްނާށެވެ! ގޭގައި ނަމާދުކޮށް، ޤުރްއާން ކިޔަވައި
ޛިކުރުކުރާނަމަ ގަދަވެގެންވާ ނޫރަކުން ﷲ ތަޢާލާ އެގެ އުޖާލާކޮށްދެއްވަވަތެވެ. ގޭގައި ބަރަކާތް ލައްވަވަތެވެ. އެކަންކަން ނުކުރާނަމަ ބައްދަލުކުރާނީ އެއިގެ އިދިކޮޅުކަން ޤަބޫލުކުރާށެވެ! އެގެއެއްގައި ވެރިކަން ކުރާނީ ޝައިޠޯނާއެވެ. ގިނަ ގެތަކެއްގައި މައްސަލަތައް ގިނަވެ ސަލާމަތް ނުވެވިގެން އުޅެންޖެހޭ ސަބަބަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން