ޢިޖާބަ ނުކުރައްވަވައި ހުރި ދުޢާތަކަކީ ތިބާއަށް ހުރި އެންމެ ބޮޑު ރަޙްމަތް ކަމުގައި ވެދާނެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޢިޖާބަ ނުކުރައްވަވައި ހުރި ދުޢާތަކަކީ ތިބާއަށް ހުރި އެންމެ ބޮޑު ރަޙްމަތް ކަމުގައި ވެދާނެއެވެ!: މުފްތީ މެންކް

ދުވަހުގެ އިރުއޮއްސިގެންދާއިރު ތިމާ ކުރަން ބޭނުންވި ކަންކަން ނުކުރެވި އޮތުމުން އެއީ ތިމާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިނުގަންނަވާތީ ކަމަށް އެއްގޮތަކަށްވެސް ނުވިސްނާށެވެ! ޔަޤީންކުރަންވީ އެއީ ތިމާދެކެ ﷲ ތައާލާ ލޯބިވެވޮޑިގަންނަވާތީ ކަމަށެވެ. 

މީސްތަކުންނަށް ބަލައިފިނަމަ މުޅި ދުނިޔެ ބޭނުން ނުވާ މީހަކު ވަރަށް މަދުވާނެއެވެ. ވީމާ މުޅި ދުނިޔެ ނުލިބުމަކީ އެދޭ ކަންކަން ޙާޞިލު ނުވީ ކަމަށް ނުދެކޭށެވެ! ކުޑަ ހައިހޫނު ކަމަކާއިއެކުގައިވެސް ދުނިޔޭގައި ލަހައްޓަވާފައި ހުރިނަމަ ﷲ ތަޢާލާ ތިމާ ދެކެ ލޯބިވެވޮޑޮގަންނަވާ ކަމަށް ޔަޤީންކުރާށެވެ! 

ފަތިހު ހޭލަންވީ އެދުވަހު ތިމާއަކީ ހުރިހާ ކަމެއް ފުދި އިތުރުވެގެންހުރި މީހަކު ކަމުގައިވާނެކަމަށް އުންމީދުކޮށްގެނެއް ނޫނެވެ. ފަތިހު ހޭލަންވީ އެއީ ތިމާއަށް ކުރަން ﷲ ތަޢާލާ ވާޖިބުކުރައްވަވާފައިވާ ކަމަކަށްވާތީއެވެ. ވީމާ އިރުއޮއްސެންވާއިރަށް ތިމާ ޙާޞިލުކުރަން ބޭނުންވި ހުރިހާ ކަންކަން ޙާޞިލު ނުވުމަކީ އެއްވެސް ވަރަކަށް ވިސްނަންވެސް ޖެހޭ ކަމެއް ނޫނެވެ. 

ތިމާ ކުރާ ދުޢާތަކުގެ ތެރެއިން ޢިޖާބަ ނުކުރައްވަވައި ހުރި ދުޢާތަކަކީ ތިބާއަށް ހުރި އެންމެ ބޮޑު ރަޙްމަތް ކަމުގައި ވެދާނެއެވެ! އެގޮތަށް ވިސްނައި ﷲ ތަޢާލާއަށް ފުރިހަމައަށް އިތުބާރުކޮށްގެން އަބަދުވެސް ހުންނާށެވެ! ފުރިހަމަ މުސްލިމުންގެ ގޮތަކީ އެއީއެވެ!  

ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާލައި މާޔޫސް ނުވާށެވެ! އިއްޔެ ޙާޞިލު ނުކުރެވުނު ކަންކަން މާދަމާ ޙާޞިލުކުރެވޭނެ ކަމުގެ ޔަޤީންކަމުގައި މިރޭ ވެސް ފަތިހު ހޭލާށެވެ! އަދި އެއިގެ ކުރިން ހޭލައި ދަމުނަމާދުވެސް ކޮށްލާށެވެ! ހުރިހާ ކަންކަން ވެސް ދާނީ ޙާޞިލުކުރެވެމުންނެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން