އެއްވެސް މީހަކު ކުރާ ކަށަކަށް އަދަބު ދިނުމަކީ ޢާންމު ރައްޔިތުން ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ އެކަމުގެ ބާރުތައް ލިބިގެންވާ މުއައްސަސާތަކުން ކުރަން ޖެހޭނެ ކަމެކެވެ. އެހެނީ މީސްތަކުން އަމިއްލައަށް ޙުކުމްތައް ނެރެގެން މީހުންނަށް އަނިޔާވެރިވާނަމަ އެކަމުގެ ބަދުލުގައި އެހެން ބައަކު އެމީހާއަށް އަނިޔާވެރިވާނެ އެވެ. ވީމާ އަނިޔާވެރިކަމެއް ދުވަހަކުވެސް ނުނިމޭނެއެވެ.
މީހަކު ދެކެ ކިތަންމެ ރުޅި އައި ނަމަވެސް އަމިއްލައަށް ޙުކުމްތައް ނުނެރޭށެވެ. ޙުކުމް ނެރެން ޖެހޭނީ އެކަމުގެ ޢިލްމު ލިބިގެން ތިބި ބައެއްކެވެ. އެކަމަށް ޚާޢްޞަކުރެވިފައިވާ މުއައްސަސާއަކުންނެވެ. އަމިއްލައަށް ޙުކުމް ނެރޭނަމަ އެކަމުގައި ނެރެންޖެހޭ އެންމެ ފުރިހަމަ ޙުކުމް ނުނެރިދާނެއެވެ. ވީމާ އެއްވެސް ކަމެއްގައި އަމިއްލައަށް ޙުކުމް ނެރުމެއް ނެތެވެ.
މުފްތީ މެންކް ވިދާޅުވީ އިސްލާމް ދީނުގައި ޚިޔާލުތަފާތު ކަންކަން ހުންނާނެ ކަމަށާއި އެއީ މައްސަލައަކަށް ހަދައިގެން ނުވާނެ ކަމަށެވެ. ރަސޫލް (ޞޢވ) ވެސް ވަނީ ތަފާތު ވިސްނުމަށް ފުރުޞަތު ދެއްވަވާފައި ކަމަށެވެ. ބައެއް ކަންކަމުގެ މިސާލުތައްވެސް ދެއްކެވިއެވެ.
މުފްތީ މެންކް ވިދާޅުވީ ޚިޔާލު ތަފާތު ނުވެވޭނީ ދީނުގެ އަސާސްތަކާއިމެދުގައި ކަމަށެވެ. އަދި އެއްވެސް މުސްލިމަކު ދީނުގެ އެއްވެސް އަސާސަކާއިމެދު ޚިޔާލުތަފާތު ނުވާނެ ކަމަށެވެ. މިސާލަކަށް ނަމާދުކުރަން ޖެހޭ ކަމާއި ކުރަން ޖެހޭނީ ދުވާލަކު 5 ނަމާދު ކަމާއިމެދު އެއްވެސް މީހަކު ދެބަސް ނުވާނެ ކަމަށެވެ. ފަރުޟު ރޯދަ ހިފަން ޖެހޭނީ ރަމަޟާންމަހު ކަމާއި ޙައްޖުވާން ޖެހޭ ދުވަސްތަކާއިމެދު އެއްވެސް މީހަކު ދެބަސް ނުވާނެ ކަމަށެވެ.
ބަނގުރަލުގެ އަދަބު ދިނުމުގައި އަބޫބަކުރުގެފާނު ދެއްވި އަދަބަށްވުރެ ބޮޑު އަދަބު ޢުމަރުގެފާނު ދެއްވެވި ކަމަށެވެ. ޢުޘްމާންގެފާނަށް ޚަލީފާކަން ލިބިވަޑައިގަތުމުން ދެއްވެވީ އަބޫބަކުރުގެފާނު ދެއްވެވި އަދަބު ކަމަށެވެ. ޢަލީގެފާނަށް ޚަލީފާކަން ލިބިވަޑައިގަތުމުން ދެއްވެވީ ޢުމަރުގެފާނު ދެއްވެވި އަދަބު ކަމަށެވެ.
އެހެންކަމާއިއެކުވެސް އެބޭކަލުން އެއްބޭކަލަކު އަނެއް ބޭކަލަކު ކުށްވެރިކުރައްވަވާފައެއް ނުވެއެވެ. 4 ބޭކަލުންވެސް ޢަމަލުކުރެއްވެވީ ރަސޫލް (ޞޢވ) ޢަމަލުކުރެއްވެވެވި އިމުގެ ތެރެއިންނެވެ. ވީމާ ދެކޮޅުވެރިވާން ޖެހޭ އެއްވެސް ސަބަބެއް ނުވެއެވެ. އަހަރެމެންވެސް އަމަލުކުރަންވީ މިއުޞޫލުންނެވެ. ރަސޫލް (ޞޢވ) ޢަމަލުކުރެއްވެވި އިންތަކުގެ ތެރެއިންނެވެ.
- މުފްތީ މެންކް މިރޭ ކުޅުދުއްފުށީގައި ދެއްވެވި ދަރުސުން
(ބަނގުރާ ބުއިމާއި ވައްކަން ކުރުން ފަދަ ކުށްތައް ކުރުމުން ޖުރުމަނާކުރުމަކީ އިސްލާމް ދީނުގައި އަމަލުކުރަން އޮތް ގޮތެއް ނޫނެވެ. އެއީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އަމިއްލައަށް ނެރެގެން އުޅޭ ޙުކުމްތަކެކެވެ. އެއިން އެއްވެސް ޙުކުމަކީ މުސްލިމުން ބަލައިގަންނަން ޖެހޭނެ ޙުކުމެއް ނޫނެވެ.)