ބަޖެޓުން އެންމެ ބޮޑު ހޭދައެއް ތައުލީމަށް: ކުރީ އަހަރަށްވުރެ މިއަހަރު 1 ބިލިއަން ރުފިޔާ އިތުރުވާނެ!: ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ބަޖެޓުން އެންމެ ބޮޑު ހޭދައެއް ތައުލީމަށް: ކުރީ އަހަރަށްވުރެ މިއަހަރު 1 ބިލިއަން ރުފިޔާ އިތުރުވާނެ!: ރައީސް

މި އަހަރުގެ ތެރޭގައިވެސް، ޢިލްމީ ގޮތުން ޤާބިލް ދިވެހި ޒުވާނުން ބިނާކުރުމަށް، ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭނެ ކަމަށާއި މިދިއަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް، އެއް ދާއިރާއަކަށް ދައުލަތުގެ ބަޖެޓުން އެންމެ މަތީ އިންސައްތައެއް ކަނޑައޅާފައިވަނީ ތައުލީމީ ދާއިރާއަށް ކަމށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.   

ޢިއްޒަތްދީން ސްކޫލް ހުޅުއްވައި ދެއްވެވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ 12 އިންސައްތަ ކަނޑައެޅީ، ތަޢުލީމީ ދާއިރާއަށް ކަމަށާއި އެއީ 4.4 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިއީ މިދިއަ އަހަރަށްވުރެ 1 ބިލިއަން ރުފިޔާ އިތުރު ޢަދަދެއްކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: 

ނިމިގެން މިދިޔަ ދިރާސީ އަހަރަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އައި އަހަރެއްކަން ޔަޤީން. އުނގަންނައިދިނުމަށާއި ތަމްރީނު ދީގެން މީހުން ބިނާކުރުމަށް، ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވުނު އަހަރެއް. ވަކިން ޚާއްޞަ ގޮތެއްގައި، މަތީ ތަޢުލީމުގެ ދާއިރާއިން ވަރަށް ތަނަވަސް ފުރުޞަތުތަކެއް ދިވެހި ޒުވާނުންނަށް ފަހިކޮށްދެވުނު އަހަރެއް.

ރާއްޖޭގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔެވޭނެގޮތް ވަނީ ހަމަޖެހިފައި. މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ޚަރަދުގައި ފުރަތަމަ ޑިގްރީ ޙާޞިލުކުރުމަށް 5590 ދަރިވަރަކަށް ވަނީ، ފައިސާ ދޫކޮށްފައި. ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު ވާނީ 25 އިންސައްތައަށް އިތުރުކޮށްދީފައި.

ތަޢުލީމީ ދާއިރާއިން މި އަހަރު ކުރުމަށް ރޭވިފައި ހުރި މުހިންމު ބައެއް ކަންކަމަށް ބަލާއިރު، އަތޮޅުތަކުގެ ތަޢުލީމީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް މި އަހަރުގެ ބަޖެޓުގައި 330 މިލިއަން ރުފިޔާ ކަނޑައެޅިފައި އެބައޮތް. އަދި މާލޭގެ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތް ހެދުމަށް 65 މިލިއަން ރުފިޔާ، އަދި ހުޅުމާލޭގައި އައު ސްކޫލެއް އެޅުމަށް 54 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވޭ.

އަމިއްލަ ފަރާތްތަކުންވެސް، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާކަން، މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކުރަން. އަމިއްލަ ފަރާތްތަކުން ހިންގާ ޕްރައިވެޓް ސްކޫލްތައް އެބަހުރި. ކޮލެޖްތަކާއި އިންސްޓިޓިއުޓްތައްވެސް އެބަހުރި. އެހެންކަމުން ދިރާސީ އައު އަހަރެއް ފެށޭ މުނާސަބަތުގައި، އެ ބޭފުޅުން އެ ކުރައްވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

 

މިއަދު އޮންލައިން