
މުފްތީ މެންކުގެ މި ބަސްފުޅަކީ ވަރަށް ޢިބްރަތތެރި ބަސްފުޅެކެވެ. އެއްވެސް މީހަކަށް ރަނގަޅު ގޮތެއް މެދުވެރިވެއްޖެނަމަ އެކަމުގެ ވާހަކަ އަޑުއަހަން ގިނަ ބައަކު ފޫހިވެއެވެ. ތެދަށް ބުނާނަމަ އެފަދަ އަޑުތައް އަހަން ބޭނުމެއްވެސް ނުވެއެވެ. ހަމަ އެއާއިއެކު އެއްވެސް މީހަކަށް ދެރަ ގޮތެއް މެދުވެރިވެއްޖެ ނަމަ އެކަމުގެ ޚަބަރާއި މައުލޫމާތު ހޯދަން ޝައުޤުވެރިވެއެވެ. އެކަކަށް ގުޅައި އަނެކަކަށް ގުޅައިގެންވެސް އެކމުގެ މައުލޫމާތު ހޯދައެވެ.
އެއްވެސް މީހެއްގެ ހިތަކީ އެނގޭނެ އެއްޗެއް ނޫނެވެ. ވީމާ ދެރަކަމެއް މެދުވެރިވުމުން މައުލޫމާތު ހޯދަނީ އެކަމާއިމެދު ކަންބޮޑުވާތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ދެރަކަމެއް ލިބުމުން މައުލޫމާތު ހޯދަނީ ހެޔޮ އެދިގެން ނޫންކަން އެނގިގެންދަނީ އެކަމަކުން އެމީހާ ސަލާމަތްކުރުމަށް އެހީތެރިވެ ނުދޭތީއެވެ. އެމީހަކަށް ކޮށްދެވެން އޮންނަ ކަމެއްވެސް ކޮށްނުދޭތީއެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށް ނުލާތީއެވެ.
ޙަޤީޤީ ރަޙްމަތްތެރިންނަކީ އުފާވެރިކަމެއް ލިބުމުން އެކަމުގައި ވެސް ބައިވެރިވެ ﷲ ތަޢާލާއަށް ދުޢާ ކޮށްދޭ މީހުންނެވެ. މާޝާ ﷲ، އަލްޙަމްދުލިﷲ ފަދަ ބަސްތައް ހިތްހެޔޮކަމާއިއެކު ބުނާ މީހުންނެވެ. މިފަދަ މީހުން އަންނަނީ ވަރަށް މަދުވަމުންނެވެ.
ކަންކަން މިފަދައިން ހުރުމުން މުފްތީ މެންކް އިރުޝާދު ދެއްވާފައި އެވަނީ "ތިބާއަށް ކުރިމަތިވާ ކޮންމެ ކަމަކީ އެންމެންނަށް އަންގާ ކަންކަން ކަމުގަ ނުހެދުމަށެވެ!" އެކަމުން ކުރާނެ ފައިދާއަށްވުރެ ލިބިދާނެ ގެއްލުން ބޮޑުވުމުންނެވެ.