ވަޒީފާ މިންވަރުކޮށް ދެއްވެވި ﷲ އަށްވުރެ ވަޒީފާ ލިބެން މެދުވެރިކުރެއްވެވި އިންސާނާއަށް ލޯބިކުރުމަކީ ވަރަށް ބޮޑު އުރެދުމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ވަޒީފާ މިންވަރުކޮށް ދެއްވެވި ﷲ އަށްވުރެ ވަޒީފާ ލިބެން މެދުވެރިކުރެއްވެވި އިންސާނާއަށް ލޯބިކުރުމަކީ ވަރަށް ބޮޑު އުރެދުމެއް!: މުފްތީ މެންކް

މީސްތަކުންނޭވެ! ރަނގަޅަށް ދަންނާށެވެ! ޙަޤީޤީ އުފާވެރިކަން ލިބެން އޮތީ ހަމަ އެންމެ ގޮތަކުންނެވެ! އެއީ ތިބާ އުފައްދަވައި ހުރިހާ ނިޢްމަތްތަކެއް މިންވަރު ކުރެއްވެވި އެންމެހައި ކާއިނާތުތަކެއްގެވެރި، އެންމެހައި ނިޢްމަތްތަކެއްގެ ވެރި ﷲ ތަޢާލާ އުފާވެރިކަން ދެއްވެވުމުންނެވެ. ނަމަވެސް މިކަން ހަނދާންކުރަނީ މަދު މީހެކެވެ. 

އެކަމުގެ ހެއްކެއްގެ ގޮތުން ބުނަމެވެ! ﷲ ތަޢާލާ ވަނީ އަހަރެމެންނާއި މަސްއޫލިއްޔަތުތަކެއް ޙަވާލުކުރައްވަވައިފައެވެ. ކޮންމެ ދުވަހަކު ވެސް ﷲ ތަޢާލާއަށްޓަކައި ވަގުތުތަކެއް ހޭދަކުރަން އަމުރުފުޅުކުރައްވަވައިފައެވެ. މި ބުނަނީ ފަރުޟު 5 ނަމާދުކުރުން ފަދަ ކަންކަމުގައި ހޭދަކުރަން ޖެހޭ ވަގުތުތަކުގެ ވާހަކައެވެ. 

ޙަޤީޤަތަށް ބަލައިފިނަމަ އެ ވަގުތުކޮޅު ހޭދަކުރަން މިޖެހެނީ ހަމަ ތިމާއަށްޓަކައެވެ. ތިމާގެ އަމިއްލަ ފައިދާއަށް ޓަކައެވެ. ތިމާ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށެވެ. ތިމާގެ އުފާވެރިކަމަށްޓަކައެވެ. ތިމާގެ ދެ ދުނިޔެ ބާޖަވެރި ކުރުމަށެވެ. އެހެންކަމާއިއެކުވެސް އެ ވަގުތުކޮޅު ހޭދަ ކުރުމުގައި ގިނަބައަކަށް މިދަނީ ވަރަށް ބޮޑަށް ފަރުވާ ކުޑަކުރެވެމުންނެވެ. 

ތިމާއަށް ހުރިހާ ނިޢްމަތްތަކެއް މިންވަރުކޮށް ދެއްވެވި ﷲ ތަޢާލާގެ އެންގެވުމަށް ނުކިޔަމަންތެރިވެ ވަގުތު ހޭދަ ނުކުރި ނަމަވެސް ވަޒީފާ ދިން މީހާ ބުނާހައި ވަގުތެއް ހޭދަކުރެއެވެ. އެމީހާ ރުއްސަން އިތުރަށްވެސް ވަގުތު ހޭދަކުރެއެވެ. ވީމާ މިކުރެވޭ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށްވުރެ އިންސާނެއްގެ ރުހުން ހޯދަން މަސައްކަތް ކުރެވުމެވެ. 

މިއީ ކިހައި ބޮޑު ބިރުވެރި ކަމެއް ހެއްޔެވެ؟ މިކުރެވެނީ ކިހައި ނުބައި އަމަލެއް ހެއްޔެވެ؟ މިއީ ކިހައި ބޮޑު އުރެދުމެއް ހެއްޔެވެ؟ ވީމާ މިކަންކަމަށް ވިސްނާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! ފުރަތަމަ މަސްއޫލިއްޔަތަކީ ތިމާގެ ވަގުތުތަކުގެ ތެރެއިން ﷲ ތައާލާއަށްޓަކައި ހޭދަކުރަން ޖެހޭ ވަގުތުކޮޅު ހޭދަކުރުން ކަމުގައި ހަދާށެވެ! އެއިރުން ދާނީ ތިމާ އެދޭ ހުރިހާ ކަމެއްވެސް ޙާޞިލުކުރެވެމުންނެވެ! އިންޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން