މީހާ ހުރި ޙާލަތުން ބަދަލުވާން ފަސް ނުޖެހޭށެވެ! ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފަށަން އަވަސްވެގަންނަން ވެސް ފަސް ނުޖެހޭށެވެ! މީހާ ބަދަލުވުމުން ދުނިޔެއިން ކުރިމަތިވެދާނެ އެއްވެސް ދަތިކަމަކާއިމެދު ކަންބޮޑުނުވާށެވެ!
ބިރު ގަނެ ފަސްޖެހެންވީ ފާފަތައް ކުރުންމަތީގައި ހުރުމަށެވެ. މަރު އައިސް ކުރިމަތިލާނެ ވަގުތު ނުއެނގޭތީއެވެ. ބިރުގަންނަންވީ ތައުބާ ނުވެވި ހުއްޓައި ފުރާނަ ގެންދަވައިފާނެ ކަމަށެވެ.
ވީމާ އެހެން އެއްވެސް ކަމަކަށް ނުބަލާށެވެ! ނުވެސް ވިސްނާށެވެ! އަވަހަށް ތައުބާވާށެވެ! ސަލާމަތުގެ އައްސޭރިއަށް ވާސިލުވާށެވެ! އެކަމަށް ނިންމަން ޖެހޭ ނިންމުން ނިންމުމުގައި އެހެން އެއްވެސް މީހެއްގެ ޚިޔާލު ހޯދުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހެނީ ތައުބާވުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ އެވެ. އެމީހަކަށް ޙިމާޔަތާއި ރައްކައުތެރިކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ.
ބައެއް މީހުން ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފަސްޖެހެނީ ދުނިޔަވީ ގޮތުން ކުރިމަތިވެދާނެ މައްސަލަތަކަށް ބަލައިގެންނެވެ. ޚާއްޞަކޮށް ވަޒީފާގެ ބިރު ފަދަ މައްސަލަތަކުގައެވެ. ބަލަ ތިއަ ބިރު ގަންނަނީ ތިބާއަށް ތައުބާވުމަށް އަމުރުފުޅު ކުރެއްވެވި ﷲ ތަޢާލާ އުފެއްދެވި އަޅަކަށް ނޫން ހެއްޔެވެ؟ ވީއިރު ތިބާއަށްވުރެ ބޮޑު މޮޔައަކީ ކާކު ހެއްޔެވެ؟
ދުނިޔޭގައި ނިކަމެތި ޙާލެއްގައި އުޅެން ޖެހުނިއްޔާ ވާނީ ކޮން ކަމެއް ހެއްޔެވެ؟ ދުނިޔޭގެ ޙަޔާތް ނިމޭނެ ނޫން ހެއްޔެވެ؟ ނުނިމޭނީ މަރުވުމުން ދެން ފެށޭ ޙަޔާތް ނޫން ހެއްޔެވެ؟ އާޚިރަތުގެ ޙަޔާތް ނޫން ހެއްޔެވެ؟ ޙަޤީޤީ އުފާވެރިކަމަކީ ޢާޚިރަތް ބާއްޖަވެރިކުރެވުން ނޫން ހެއްޔެވެ؟ ވީމާ މިކަންކަމަށް ވިސްނައި އާޚިރަތް ބާއްޖެވެރިކުރުމުގެ މަސައްކަތް ހަަމ މިއަދު މިވަގުތުވެސް ފަށާށެވެ! މާދަމާ މާ ލަސްވެ ފުރުޞަތު ގެއްލިދާނެއެވެ!
- މުފްތީ މެންކުގެ ދަރުސކުން