ގިނަ ބައަކު ދަމުނަމާދުކުރަން ފަށަން ބޭނުންވެއެވެ. ނަމަވެސް ކަންކަން ހުންނަ ގޮތުން ނުހޭލެވެނީއެވެ. ހެނދުނު މަސައްކަތު ދާން ގަދިއަށް ނުހޭލެވިދާނެތީ ބިރުން ރޭ ގަނޑުން ބައެއް ހޭދަކޮށްލަން ޖެހިލުންވަނީއެވެ.
އެފަދަ މީހުންނަށް ބުނަން އޮތީ ހަފްތާ ބަންދެއްގައި ދަމުނަމާދުކުރަން ފަށާށެވެ! އެއިރުން މަސައްކަތު ދާން ނުޖެހޭ 2 ދުވަސް ލިބޭނެއެވެ. އެ 2 ރޭ އިޚްލާޞްތެރިކަމާއިއެކު ދަމުނަމާދުކޮށްފިނަމަ 3 ވަނަ ރޭ ދަމު ނަމާދަށް ނުހޭލައި ނިދަން ނުވެސް އޮވެވޭނެއެވެ. އެހެނީ އެއްވެސް މީހަކު އިޚްލާޞްތެރިކަމާއިއެކު އަޅުކަމެއް ކުރަން ފަށައިފިނަމަ ﷲ ތަޢާލާ އެކަމެއް އެމީހަކަށް ހިންމަވައި ދެއްވަވާނެތެވެ!
ބައެއް މީހުން ބުނެއެވެ. މެންދުރު ނަމާދާއި ޢަޞްރު ނަމާދު ވަގުތު މަސައްކަތުގައި އުޅެން ޖެހޭތީ މިސްކިތަށް ނުދެވެނީއެވެ. އެހެންވެ މިސްކިތަށް ޖަމާއަށް ދާން ފަރުވާ ކުޑަކުރެވެނީއެވެ. އެގޮތަށް ނުވިސްނާށެވެ! ފަތިހު ތިބާ ހުންނަނީ ގޭގައި ނޫންހެއްޔެވެ؟ ވީމާ ފަތިސް ނަމާދު ޖަމާޢަތުގައި ކުރަން ފަށާށެވެ! ދެން ހުރި ނަމާދުތައް މިސްކިތުގެ ޖަމާއަތުގައި ނުކޮށް ހިތްހަމަވެސް ނުޖެހޭނެއެވެ.
ބައެއް މީހުން ބިޒީވެގެން ސުންނަތް ނަމާދެއްވެސް ނުކުރެވިގެން މިއަދު އެބަ އުޅެއެވެ. އެކަމަކު ފޯނުގައި ދުވާލަކު 3،4 ގަޑިއިރު އެބަ ހޭދަ ކުރެއެވެ. ނިކަން ބުނެބަލާށެވެ! މިއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެއްކިދާނެ ބަހަނާއެއް ހެއްޔެވެ؟
ރަވާތިބް ސުންނަތުގެ 12 ރަކްޢަތް ކުރުމުގެ މުހިންމުކަން އެންމެންނަށްވެސް އެނގެއެވެ. މިހާރުި ނުކުރާ މީހަކަށް ކުއްލިއަކަށް 12 ރަކްޢަތް ކުރަން ފަށަން އުނދަގޫވެދާނެއެވެ. ކަންބޮޑު ނުވާށެވެ! 2 ރަކްޢަތުން ފާށާށެވެ. ނަމަވެސް 12 ރަކްޢަތް ކުރުން ފުރިހަމަ ކުރާނެ ތާރީޚެއް ކަނޑައަޅައި އެ ތާރީޚަށް 12 ރަކްޢަތް ކުރަން ފެށުން ހަމަ ކުރުމަކީ ލަނޑުދަނޑިއަކަށް ހަދާށެވެ! އެމީހަކަށް އެއްވެސް ބުރައަކަށްނުވެ އެކަން ޙާޞިލުކުރެވޭނެއެވެ. އިން ޝާ ﷲ!
- މުފްތީ މެންކުގެ ދަރުސަކުން