އުފަލުގަ ދުނިޔޭގަ އުޅެވެނީ އެންމެ ފައިސާ ގިނަ މީހުންނަކަށް ނޫން! ހަމައެކެއްގެވެސް ހިތަށް އަނިޔާނުކުރާ މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
އުފަލުގަ ދުނިޔޭގަ އުޅެވެނީ އެންމެ ފައިސާ ގިނަ
މީހުންނަކަށް ނޫން! ހަމައެކެއްގެވެސް ހިތަށް އަނިޔާނުކުރާ މީހުންނަށް!


ގިނަ މީހުން އެހެން މީހުންގެ ހިތަށް އަނިޔާކުރަނީ އެކަމަށް ދުނިޔޭގައި އަދަބު ނުލިބޭތީ އެއީ ކުށެއް ނޫންކަމަށް ދެކެގެންނެވެ. އެމީހުންނަށް ނުވިސްނޭ ކަމަކީ އެއްވެސް މީހެއްގެ ހިތަށް އަނިޔާކުރުމަކީ ނުވަތަ ހިތްދަތިކުރުވުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކުޑަކަމެއް ނޫންކަމެވެ. އެކަން ދުނިޔޭގައިވެސް އެމީހަކާއި އަރައިހަމަކުރާ ކަމެވެ.

ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ނުއުޅެވިގެން ކަންބޮޑުވެ ޙައްލު ހޯދަން ކުރާނެ ކަމަކަށް އެދޭ ގިނަ މީހުންނާއި ސުވާލުކުރުމުން އެނގެނީ އެމީހުން ވަނީ ކޮންމެވެސް މީހަކަށް ނުވަތަ ބައަކަށް ހިތްދަތިކަން ކުރިމަތިކުރުވާފައިކަމެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ.

އަބަދުވެސް ބުނާފަދައިން ގިނަ ބައަކު އަނިޔާ މާނަކުރަނީ ތަޅައި އަނިޔާކުރުން ކަމަށެވެ! ނަމަވެސް އެއީ އަނިޔާވެރިކަމުގެ އެންމެ ދަށު މިންވަރެވެ! އެންމެ މަތީ މިންވަރަކީ ހިތަށްކުރާ އަނިޔާއެވެ! ހަނދާނުން ފުހެލަންވެސް އެންމެ އުނދަގޫވާނީ ހިތަށް ލިބޭ ޒަޚަމްތަކެވެ. ވީމާ ތިމާ އުފަލުގައި ދުނިޔޭގައި އުޅެން ބޭނުންވާނަމަ އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރާށެވެ!  

ﷲ ތައާލާ ތިބާއަށް އުފާވެރިކަން ދެއްވަވާނީ އެހެން މީހަކު ނުވަތަ ބައެއްގެ ރުހުން ނުވަތަ ތާއީދު އޮތުމަކުން ނޫނެވެ! އެކަމަށް އެއްވެސް މީހެއްގެ ހުއްދަ އޮންނާކަށް ނުޖެހެއެވެ. ތިބާގެ އަމަލުތަކަށް ﷲ ތަޢާލާ ރުހިވޮޑިގަތުމުންނެވެ. ތިބާއަށް އެކަމުން އެންމެ ފައިދާކުރާނެ ވަގުތުގައެވެ.  

ނަމަވެސް ތިބާ އުފަލުގައި ދުނިޔޭގައި އުޅެން ބޭނުންވާނަމަ އެހެންމީހުންނަށް އަނިޔާވެރިވެގެން ނުވާނެއެވެ. އެހެން މީހުން ދެރަކޮށް ހިތްދަތިކޮށްގެން ނުވާނެއެވެ! އެއިރުން މައްސަލަ ބަދަލުވެގެން ހިނގައިދާނެއެވެ! މިސާލަކަށް އެއިރުން އޭނާވާނީ ތިބާގެ ސަބަބުން އަނިޔާ ލިބެމުން އަންނަ މީހަކަށެވެ. ނުވަތަ އަނިޔާ ލިބިފައިވާ މީހަކަށެވެ! އަނިޔާލިބެމުން އަންނަ މީހުންގެ ދުޢާ ﷲ ތަޢާލާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ!  

ތިބާޢަކީ އަނިޔާވެރިއެއް ކަމުގައި ނުވަނީނަމަ ތިބާގެ މައްޗަށް އެއްވެސް މީހަކަށް ގަދަވެ ގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ އެއްވެސް މީހެއްގެ ހިތުގައި ނުޖައްސާށެވެ! އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ!  

ޢާއިލާއަށް ބަލާނަމަ ތިބާއަށް ހިތްހަމަ ޖެހުން ހޯދުމުގެ ދަހިވެތިކަމުގައި ކައިވެނި ރޫޅައިނުލާށެވެ! އެކަމުގެ ސަބަބުން އަނެކާއަށް ލިބިދާނެ ދެރައާއި ނިކަމެތިކަމަށް ކޮންމެ މީހަކުވެސް ވިސްނަން ވާނެއެވެ! އަނެކާގެ އެއްވެސް ކުށެއް ނެތި، ނުވަތަ ކައިވެނި ރޫޅައިލުން ނޫން ގޮތެއް ނެތް ފަދަ ޙާލަތެއް މެދުވެރިވެގެން ނޫނީ ކައިވެނި ރޫޅައިނުލާށެވެ!  

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާއިރު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ! ތިބާގެ ސަބަބުން އެއްވެސް ބާވަތެއްގެ އަނިޔާއެއް އެއްވެސް މީހަކަށް ދެވިފައިވާނަމަ އަވަހަށް އެމީހެއްގެ ކިބައިން މާފަށް އެދޭށެވެ! ޙިތްހަލާލް ހޯދާށެވެ! އެކަމަށް ލަދުވެތިވެ ފަސްޖެހިއްޖެ ނަމަ ފަހުން ކުރަން ޖެހޭ ހިތާމަ މާބޮޑުވާނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން