ޙަޔާތުގެ އެންމެ އުނދަގޫ އެއް މަރުޙަލާއަކީ މައްސަލަތަކެއް ކުރިމަތިވެ ދެން ވާނެ ގޮތެއް ނުއެނގި ކަންބޮޑުވެގެން ހުންނަންޖެހޭ ޙާލަތެވެ! އެކަމެއްގައި ދެން މެދުވެރިވާނީ ކޮން ކަމެއްކަން ނުއެނގި ހުންނަން ޖެހޭ ޙާލަތެވެ! ކުރިމަތިވި މައްސަލަ ނިމޭނެ ގޮތަކާއިމެދު ކަންބޮޑުވެގެން ހުންނަން ޖެހޭ ޙާލަތެވެ.
އެހާލަތަކީ ކޮންމެ މީހަކަށްވެސް އެންމެ އުނދަގޫ އެއް މަރުޙަލާއެވެ. އެޙާލަތުގައި ކުރަންޖެހޭނެ ކަމަކީ ސާބިތުކަން ކުރިއަށް ނެރުމެވެ. ތިމާއަށް ކަންކަން ކުރެވެނީ ރަނގަޅަށްކަން ކަށަވަރު ކުރުމެވެ. ކުރިއަށް މިދެވެނީ ރަނގަޅު މިސްރާބަށްކަން ޔަޤީން ކުރުމެވެ.
ތިމާ ހުރީ ރަނގަޅު ގޮތުގައިކަން ޔަޤީންކުރެވޭ މީހާއަށް ދެރަ ގޮތެއް މެދުވެރިއެއް ނުކުރައްވަވާނެތެވެ! އިން ޝާ ﷲ! ވީމާ ކުރަން އޮތް ކަމަކީ ރަނގަޅު ގޮތުގައި ސާބިތުވުމާއި ކަންކަން ނިމޭނީ ހަމަ އެންމެ ރަނގަޅަށްކަން ޔަޤީންކޮށް ﷲ ތަޢާލާއަށް ވަކީލުކުރުމެވެ! އެގޮތުގައި ސާބިތުވެ ހުންނަ މީހާގެ ކަންކަން އެންމެ ގާތުން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ.
ވީމާ ކޮންމެ ކަމެއް މެދުވެރިވާއިރަށް އެހެން މީހެއްގެ ކިބައިން އެހީތެރިކަން ހޯދަން ނުވިސްނާށެވެ! ކޮންމެހެން އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުން ނުވާ ހާލަތުގައި މީހުންގެ ކިބައިން ކަންކަމު ނުއެދޭށެވެ! ޚާއްޞަކޮށް ޙައްޤު ނޫން ގޮތުގައި އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކު ނުއެދޭށެވެ! ޙަޤީޤީ އުފާވެރިކަން ލިބޭ ގޮތަށް ކަންކަން ނިމެމުންދާނީ އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން